ޚަބަރު

މިހާތަނަށް 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި


  • ވަކިކޮށްފައިވަނީ 4 މަޤާމެއްގައި ތިބި މުވައްޒަފުން

  • މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން

ސަރުކާރުން މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަޤާމުތަކުން ވަކިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، 4 މަޤާމެއްގައި ތިބި 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

"މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައިމިވަނީ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ، ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އަދި ޕޮލިޓިކަލް ޑައިރެކްޓަރގެ މަޤާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 205 މުވައްޒަފުން ވަކިކުރެވިއްޖެ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތްތަނުގައި މިއަދަދަށް ބަދަލު އަތުވެދާނެ". ތަރުޖަމާނު ވިދާޅުވިއެވެ.

މީގެއިތުރުން މިހާރުވެސް އެސްއޯއީތައް ރައިޓްސައިޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ހުރިހާ އެސްއޯއީތަކެއް ރައިޓްސައިޒުކޮށް ނިމޭއިރު، މި ސަރުކާރުން ވަޒީފާތަކަށް ނެގި މީހުންގެ އަދަދަށްވުރެ ބޮޑު އަދަދެއް އުނިވެގެން ދާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.