ބަންގްލަދޭޝްގައި ހިމަބިހި ހަލުވިކަމާއެކު ފެތުރި، މަރުވި ކުޑަކުދިންގެ އަދަދު 1،000 އާ ގާތްކޮށްފިއެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގައި ފެތުރުނު އެންމެ ނުރައްކާތެރި ހިމަބިހީގެ ރޯގާގައި މަރުވި ކުޑަކުދިންގެ އަދަދު 1،000 އާ ގާތްކޮށްފިއެވެ. ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ހޮސްޕިޓަލްތައް ބަލިމީހުންނާއި އާއިލާތަކުން ފުރިބާރުވެފައިވާއިރު، އެ ގައުމުގެ ސިއްހީ އިދާރާތަކުން ދަނީ ބަލި ކޮންޓްރޯލްކުރުމަށް ކުއްލި މަސައްކަތްތަކެއް ކުރަމުންނެވެ.
ބަންގްލަދޭޝްގެ ސިއްޙީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ މާރިޗު މަހުން ފެށިގެން މިހާތަނަށް މަދުވެގެން 986 ކުޑަކުދިން ވަނީ ހިމަބިހި ޖެހިގެން މަރުވެފައެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ ކޭސްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 180،000 އަށްވުރެ މައްޗަށް އަރާފައެވެ. ކޮންމެ ދުވަހަކުވެސް 1،000 އަށްވުރެ ގިނަ އައު ކޭސް ރިޕޯޓުކުރަމުންދާއިރު، މި ބަލީގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ އުމުރުން 6 މަހާއި 5 އަހަރާ ދެމެދުގެ ކުޑަކުދިންނެވެ.
މި ވަބާ މިހާ ނުރައްކާތެރި މިންވަރަކަށް ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ، ވެކްސިން ދިނުމުގެ ގައުމީ ޕްރޮގްރާމްތައް އެކަށީގެންވާ ވަގުތުގައި ކުރިއަށް ނުގެންދެވި ލަސްވުމެވެ. އެގޮތުން 2024 ވަނަ އަހަރަށް ރޭވި ވެކްސިން ކެމްޕޭން މަޑުޖެހުނީ، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ ހެދިއެވެ. އަދި 2025 ވަނަ އަހަރުގެ ކެމްޕޭނަށް ހުރަސްއެޅުނީ މަސައްކަތްތެރިންގެ އިހުތިޖާޖުތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުންނެވެ. ބޮޑުވަޒީރު ތާރިގް ރަހުމާންގެ ސިއްހީ އެހީތެރިޔާ އެސް.އެމް. ޒިޔާއުއްދީން ހައިދަރު ވިދާޅުވީ، ގިނަ އަދަދެއްގެ ކުދިންނަށް ވެކްސިން ނުދެވި ދޫކޮށްލެވިފައި އޮތުމަކީ ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓުމުގެ އަސްލު ކަމަށެވެ.
ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ފަރުވާއަށް ގެންނަ ގިނަ ކުދިންނަކީ އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކުދިންނެވެ. ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ، ފުއްޕާމެއަށާއި ސިކުނޑިއަށް ނުރައްކާތެރި އަސަރުތަކެއް ކުރުވާ ބައްޔެކެވެ. އެހެންކަމުން، އާންމުން ހޭލުންތެރިވުމަށާއި، ބަލީގެ އަލާމާތްތައް ފެންނަ ކުދިން އެކަހެރިކުރުމުގެ އިތުރުން، މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.