މުނިފޫހިފިލުވުން

މަޝްހޫރު ތަރިންގެ ނޭގޭ އާއިލީ މެމްބަރުން


ބައެއް ބޮލީވުޑް ތަރިންގެ އެއްބަޑު އެއްބަފާ މީހުންނަކީ ވަރަށް މަޝްހޫރު އެންމެވެސް ދަންނަ ބައެކެވެ. ނަމަވެސް އަނެއްބައި ތަރިންގެ އެއްބަޑު އެއްބަފާ މީހުންނަކީ ކެމެރާތަކަށް އަރައި މާބޮޑަށް މަޝްހޫރުވާން ބޭނުންވާ ބައެއް ނޫނެވެ. މި ފަދަ ބައެއް ތަރިން މި ލިސްޓުގައި ހިމަނާލާނަމެވެ.

ކާތިކް އާރްޔަން އަދި ކިރްތިކާ ތިވާރީ

"ޕިޔާރުކާ ޕަންޗުނާމް" އިން ބޮލީވުޑަށް ތަޢާރަފްވި ތަރި ކާތިކް އާރްޔަން އަކީ އޭނާގެ އެކްޓިން ހުނަރުން މިހާރު ބޮލީވުޑްގައި މަގްބޫލުކަން ހޯދާ ކުރި އަރަމުން އަންނަ ތަރިއެކެވެ. ކާތިކްގެ އަންހެން ކޮއްކޮ ކިރްތިކާ ތިވަރީ އަކީ ޑޮކްޓަރެކެވެ. އަދި ދެ މީހުންގެ މަޖާ ވީޑިއޯތައް ދޭތެރެއަކުން ސޯޝަލް މީޑިއާގައި ޢާންމުކުރެއެވެ.

ތާޕްސީ ޕަންނޫ އަދި ޝަގުން ޕަންނޫ

ތާޕްސީ އާއި ޝަގުން އަކީ އަބަދުވެސް އެކުގައި ފެންނަ ގުޅުން ރަގަޅު ދެ މީހުންނެވެ. ތާޕްސީ އަކީ މިހާރު ބޮލީވުޑްގައި މިހާރު އެންމެ ވިދާ ތަރިއެވެ. ކޮއްކޮ ޝަގުން އަކީ ވެޑިންގ ޕްލޭނިން ކުންފުންޏެއް ހިންގާ މީހެކެވެ. ޝަގުން ވަނީ 2006 ވަނަ އަހަރު ބޭއްވި މިސް އިންޑިއާގެ ފިނާލޭގައިވެސް ވާދަކޮށްފައެވެ.

ބޫމީ ޕެދްނޭކަރު އަދި ޝަމިކްޝާ ޕެދްނޭކަރު

ފިލްމު ސެޓްގައި އެހެން މަސައްކަތެއް ކުރަމުން އައި ބޫމީ އެކްޓަރެސެއްގެ ގޮތުގައި ނުކުތުމަށްފަހު އަންނަނީ ކާމިޔާބު ފިލްމުތަކެއް ކުޅެމުންނެވެ. ބޫމީ މުޅިހެންވެސް ފެނިގެން ގޮސްފައިވަނީވެސް މަޝްހޫރު ތަރިންނާއި އެކުއެވެ.

ބޫމީ ފިލްމީ މަސައްކަތް ކުރާއިރު ކޮއްކޮ ޝަކިމްޝާ އަކީ ވަކީލެކެވެ. މީގެކުރިން މޮޑެލްވެސް ކުރި ޝަމިކްޝާ އަކީ ސޯޝަލް މީޑިއާގައިވެސް ވަރަށް އެކްޓިވް މީހެކެވެ.

ދީޕިކާ ޕަޑްކޯން އަދި އަނީޝާ ޕަޑްކޯން

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ މަޝްހޫރު އެއް ބަޠަލާ އަކީ ދީޕިކާ ޕަޑްކޯންއެވެ. ދީޕިކާގެ ކޮއްކޮ އަނީޝާ ޕަޑްކޯން އަކީ ޕްރޮފެޝަނަލް ގޯލްފް ކުޅުންތެރިއެކެވެ. އަނީޝާއަކީ މިޑިއާއަށް ވަރަށް ބޮޑަށް ފޮރުވިގެން އުޅޭ މީހެކެވެ.

ޝާހުރުކްޚާން އަދި ޝެހެނާޒް ލާލްރުކްޚާން

ބޮލީވުޑްގެ ސުޕަރސްޓަރ ޝާހްގެ އަންހެނުންނާއި ދަރިންގެ ވާހައަކީ ހަބަރުތަކުގައި ވަރަށް މަޝްހޫރު ވާހަތަކެވެ. އެހެންނަމަވެސް ޝާހްގެ ބައެއް އާއިލީ މެމްބަރުންގެ ވާހަތަކަކީ އެހާ އާއްމު ވާހަތަކެއް ނޫނެވެ. އަދި ގިނަ ބަޔަކަށް އެގޭ މީހުންނެއްވެސް ނޫނެވެ. މީގެތެރެއިން ޝާހުގެ ދައްތަ ޝެހެނާޒްއަކީ އެއްގޮތަކަށްވެސް ފެންނަ މޫނެއް ނޫނެވެ. ވަރަށް މަދު ފޮޓޯއަކުން ނޫނީ ނުފެންނަ ޝެހެނާޒް ބޭނުންވަނީވެސް ވަރަށް ލޯ ޕްރޮފައިލް މީހެއްގެގޮތުގައި ހުންނާށެވެ.