މާދަމާއިން ފެށިގެން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށާއި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާއްމުންނަށްވެސް ފައިޒަރ ވެކްސިން ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. މާލެއާއި އަތޮޅުތަކުގައިވެސް މާދަމާ ފައިޒަރ ވެކްސިން ޖަހަން ފެށުމަށް ނިންމާފައިވާއިރު، ސްކޫލް ކުދިން ފިޔަވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެހެން ފަރާތްތަކުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އެދިވަޑައިގެންފައެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. މި ވެކްސިން މިމަހުގެ 15 އިން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަން ފަށާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މާބަނޑު މީހުންގެ ތެރެއިން، ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒަރ ވެކްސިންކަމަށެވެ. އަދި މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ޚިޔާރުކުރެވިދާނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.
ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށްވެސް ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިންވެސް އިސްކަންދޭނެ ފަރާތްތައް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް މި ވެކްސިން ޖެހިދާނެއެވެ. އަދި ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި، ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުންގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އާއްމުންނަށް މާދަމާ ވެކްސިން ޖަހަންފަށާއިރު، މާލޭ ސަރަޙައްދުގައި މި ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް އެޗް.ޕީ.އޭއިން މިހާރު ވަނީ ކަނޑައަޅާފައެވެ.
އެޗް.ޕީ.އޭއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިން ފިޔަވާ، 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަނޑުމީހުންނާއި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖަހަންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ޖެހުމަށްދާއިރު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓާއެކު ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިއުމަށްވެސް އެ އެޖެންސީން އަންގަވާފައިވެއެވެ.