ގިނަ އަދަދެއްގެ ވޭޕާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ މިތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް، މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މި މަހުގެ 21ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ އެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި އެ މީހުން ދުއްވި ސައިކަލާއި އެ މީހުންނާ ގުޅުންހުރި ކަމަށްބެލެވޭ އެޕާޓްމަންޓެއް ބަލައި ފާސްކުރި ކަމަށެވެ. އަމާން އުދަރެސްގެ އެ އެޕާޓްމަންޓާއި ސައިކަލު ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފެނުނު ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކް އަތުލައިގަތް ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށްވަނީ އިސްލާޙުގެނެސްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ އިސްލާހާ އެއްގޮތަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.
މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅުއްވާފައެވެ.
މި ޤާނޫނު ބަޔަންކުރާގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން ޤާނޫނަށް އާންމުން ހޭލުންތެރިވެ އެފަދަ ޤާނޫނީ ކުށްތަކުން ދުރުހެލިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ.