ޚަބަރު

ރައީސް އެދިވަޑައިގަތީ ނަފްރަތުގެ ބިލު މިހާރު އޮތްގޮތަށް ފާސް ނުކުރެއްވުމަށް


ނަފުރަތުގެ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލު ފުރަތަމަ ހުށައެޅިގޮތަށް ފާސްކުރުމަށް އެދިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްކުރަންޖެހޭ ބިލެއް ނޫންކަމަށެވެ. އަދި ބައެއް ބިލްތައް އިޞްލާހުކުރަންޖެހޭނެކަމަށާއި، އަދި ބައެއް ބިލުތައް އަނބުރާ ނަންގަވަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ ޢަމަލު، ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް ހުށައެޅި އިޞްލާހާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެބިލު ފޮނުވުމަށްފަހު އެ ބިލަށް އިސްލާހްތަކެއް ގެންނަން ޖެހޭކަމަށް ގަބޫލުފުޅު ކުރެވިގެން ސަރުކާރުގެ ފަރާތުން އިސްލާހްތަކެއް ހުށަހަޅާފައިވާނެކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ސަރުކާރުން ހުށަހެޅި ބައެއް އިސްލާހްތައް ހިމަނާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެބިލު ފާސްވެގެން އަންނައިރު ހުށަހެޅިފައިވާ އިސްލާހުތަކާއެކު ފާސްވެގެން އައުމަކީ އުއްމީދެއްކަމަށެވެ.

"ނަފްރަތުގެ ބިލު އަޅުގަނޑުމެން ފޮނުވުމަށްފަހު އެއާދޭތެރޭ ވިސްނިއިރު ޢާންމުންގެ ވިސްނުމާއެއްޗެހި ހުރިގޮތުން އެބިލަށް އިޞްލާހުތަކެއް ގެންނަޖެހޭ. އެ އިޞްލާހުތައް އަޅުގަނޑުމެންވާނީ މަޖިލީހަށް ހުށައަޅާފަ. ކޮމިޓީ ސްޓޭޖްގައި އޭގެ ބައެއް އިޞްލާހުތައް ގެނެވިފަހުރިކަންވެސް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ އެބިލު މިހާރު ސަރުކާރުން އޭރު އެބިލު ފޮނުވިގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭކަމެއްނޫން. އެއަށް ގެންނަންޖެހޭ ބައެއް އިޞްލާޙުތައް އެބަހުރި. އެ އިޞްލާހުތަކާއެކު ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ ޢަމަލު ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލްޢުޤޫބާތަށް ހުށައެޅި އިޞްލާޙުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބިލާއިމެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.