ޚަބަރު

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގައިފިއެވެ.

މިއަދު 2ޖެހިއިރު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކާއި ގުޅިގެން ފުލުހުން ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ ތަހުޤީގު ނިންމައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، މިއަދު ރައީސް ޔާމީނު ފުލުހަށް ހާޒިރުކޮށްފައިވަނީ އާރަށާ ގުޅޭ މައްސަލައިގައި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާއި ހަވާލާދީ ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ. ވ. ތިނަދޫކައިރި އޮންނަ އާރަށް އަމިއްލަ ކުންފުންޏަކަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެރަށްވަނީ އެއަތޮޅު ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާވަނީ ފަހުން ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުންވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި މިމައްސަލައިގައި ހިމެނޭ ރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުޤީގުގެ ތެރެއިންނެވެ.

އެއްމިލިޔަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި މިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެޙުކުން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ.
ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.

މީގެ އިތުރުން ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ވަގުތީގޮތުން އަމިއްލަފުޅު ގެކޮޅަށް ބަދަލުކޮށްފައެވެ.