މުނިފޫހިފިލުވުން

އަނުޝްކާ ކުޅޭ ބަޔޯޕިކްގެ ސްކްރިޕްޓް އަދިވެސް ނުނިމޭ


2018 ވަނަ އަހަރު ދެއްކި ފިލްމު "ޒީރޯ" އަށްފަހު މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރުމާ ސްކްރީނުން ގެއްލި ނުފެންނަތާ މިހާރު 2 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.. މިއާއެކު އަނުޝްކާގެ ފޭނުން މިހާރު ތިބޭނީ އޭނާގެ ފިލްމެއްގެ އިންތިޒާރުގައިކަން ޔަޤީނެވެ.

މިދިޔަ އަހަރު ކުރީކޮޅު އަނުޝްކާގެ އެންމެ ހިޓް ވާހަކައަށް އިވިގެންދިޔައީ އިންޑިއާ ޓީމްގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޖޫލާން ގޫސްވާމީގެ މައްޗަށް ހަދާ ބަޔޯޕިކްގައި އަނުޝްކާ ފެނިގެންދާނެ ވާހަކައެވެ. ކަލްކަތާ ދަނޑުގައި އިންޑިއާ ކްރިކެޓް ޓީމްގެ ޖާޒީ ލައިގެން އަނުޝްކާހުރި ފޮޓޯއެއްވެސް އެ ދުވަސްވަރު ވަނީ ޢާންމުވެފައެވެ. ފަހުން ހާމަވެފައިވާ ގޮތުގައި އެ ފޮޓޯއަކީ ސޮނީ ޕިކްޗާރސް އިން ޕްރޮޑިއުސްކުރާ މި ފިލްމު އިޢުލާނުކުރުމަށް ހެދި ވީޑިއޯއަކަށް ނެގި ފޮޓޯއެކެވެ.

އޭގެފަހުން އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް ފިލްމުގެ އެއްވެސް ޚަބަރެއް ނުވުމުން ފިލްމުގެ މަސައްކަތް ހުއްޓާލީކަމަށްވެސް ގިނަ ބަޔަކު ނިންމިއެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިހާރު މި ވަނީ ފިލްމުގެ މަސައްކަތް ހުއްޓާނުލާކަން ޔަޤީން ކޮށްދީފައެވެ. އަދި މިހާރު ކުރިއަށްދަނީ ސްކްރިޕްޓް މަސައްކަތް ކަމަށްވެސް އެ ޓީމުން ބުނެއެވެ. ސްކްރިޕްޓަށްފަހު ދެން ކުރިއަށްދާނެ ޝެޑިއުލެއް ޑައިރެކްޓަރ ހާމަކުރާނެކަމަށްވެސް ބެލެވެއެވެ.

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އަނުޝްކާގެ ކައިވެންޏަށް ވަނީ މިއަހަރު ކުރީކޮޅު އަންހެން ކުއްޖަކު ލިބިފައެވެ. އަދި އަނުޝްކާ މިހާރު ގޭގައި މަޑުކޮށްގެން އިނީ ދަރިފުޅުގެ ކަންކަން ބެލުމަށްކަމަށްވެސް ޚަބަރުތައް ބުނެއެވެ. މިއާއެކު މި ފިލްމުގެ މަސައްކަތް މިއަހަރުވެސް ފެށޭވަރުވާނެ ކަމަކަށް ނުބެލެވެއެވެ.

ޖޫލާން ނިޝިޓް ގޯސްވާމީ އަކީ އޯލް ރައުންޑަރ ކްރިކެޓް ކުޅުންތެރިއެކެވެ. އަދި އިންޑިއާގެ އަންހެން ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަންވެސްމެއެވެ. 2018 ވަނަ އަހަރު އޯގަސްޓުގައި ޖޫލާން ވަނީ އޭނާ ރިޓަޔަރ ކުރިކަން އިޢުލާން ކޮށްފައެވެ.