ޚަބަރު

މުމްބާއީއަށް ބޯކޮށް ވާރޭވެހި މަދަރުސާތައް ބަންދު


އިންޑިޔާގެ މުމްބާއީއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހޭތީ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތަކާއި ކޮލެޖުތައް ބަންދުކޮށްފިއެވެ.

އިންޑިޔާގެ މޫސުމާބެހޭ އިދާރާ، އައިއެމްޑީއިން ވަނީ ބޯކޮށް ވާރޭވެހި, ކޮޅިގަނޑުގައި ބާރަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އެއާއެކު މުމްބާއީގެ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)ން ވަނީ އޮރެންޖު އެލާޓު ނެރި، އެ ސިޓީގެ މަދަރުސާތައް ބަންދުކޮށްފައެވެ. އެ އިދާރާއިން ބުނީ އެ ފިޔަވަޅު އެޅީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

މޫސުން ގޯސްވި ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް ބަންދެއް ނުވާނެއެވެ. ކޮންމެހެން ބޭނުން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ރައްޔިތުން ބޭރަށް ނުނިކުތުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މުމްބާއީގައި މޫސުން ގޯސްވުމުގެ ސަބަބުން އިންޑިގޯގެ ހަތަރު ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. އަދި ބޯ ވާރެއާއި ވައިގަދަވުމުގެ ސަބަބުން މުމްބާއީގެ ވައިގެ ބަނދަރުގެ ރަންވޭ ގަޑިއިރަކަށް ބަންދުކުރުމުން މުމްބާއީއަށް ދަތުރުކުރަމުން ދިޔަ އެކި އެއާލައިންތަކުގެ ފްލައިޓްތައް ވަނީ އެހެން ވައިގެ ބަނދަރުތަކަށް ޑައިވާޓްކޮށްފައެވެ. އެ ގޮތުން 14 ފްލައިޓެއް ޑައިވާޓްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޖޫން މަހުގެ 30ވަނަ ދުވަހު މޫސުން ގޯސްވެ، މަގުމަތީގައި ދަތުރުކުރަމުން ދިޔަ ސުކޫލު ބަހެއްގެ މައްޗަށް ބިޔަ ގަހެއް ވެއްޓި 11 އަހަރުގެ ކުއްޖަކު މަރުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުުމްބާއީގެ އެކި ހިސާބުތަކަށް 200 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ބައެއް ސަރަޙައްދުތަކަށް 300 މިލިމީޓަރުގެ ވާރޭ ވެސް ވެހިފައިވެއެވެ. އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މުމްބާއީގެ ވިކްރޯލީ ވެސްޓުގައެވެ. އެއީ 310.6 މިލިމީޓަރުގެ ވާރެއެވެ.