ޚަބަރު

އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އޯގަސްޓުގެ ނިޔަލަށް ޑިޖިޓަލްކުރަނީ


  • ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތައް ވަންގަވްގެ ދަށަށް ބަދަލުކުރަނީ

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލްކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށް، 24 ގަޑިއިރު ފޯރުކޮށްދެމުން ދާކަމަށެވެ. ނަމަވެސް އެ ޚިދުމަތް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެގޮތުން، ވަންގަވް މެދުވެރިކޮށް މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ޒަމާނީ އަދި ފެންވަރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޚިދުމަތްތައްދެވޭގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަންގަވްގެ ތެރެއިން ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތައް ދޭން ފެށުމުން ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އަަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލް ކުރެވޭނެ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

"މިހާރު ވަންގަވްއާ ހަވާލުކޮށްގެން އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން. އެއްކޮށް އިނގޭތޯ. އެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެ ސީދާ ތަފްސީލް، މިސާލަކަށް އީފާސް މެދުވެރިކޮށްތޯ، ނުވަތަ ކިހިނެތްތޯ ހަދާނީ މިކަމާބެހޭ ޖުމްލަ ތަސައްވަރެއް އެބައޮތް އަޅުގަނޑުމެންގެ އަތުގައި،" އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ތެރެއިން މުޅި ރާއްޖެ، ހައިސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތްވެސް އަންނަ އަހަރު ނިމޭނެ ކަމަށް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލްގެ ދަށުން ގުޅާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވިގޮތުގައި މިވަގުތު އާރުޓީއެލްގެ ޚިދުމަތް 15 އަތޮޅެއްގައި 35 ހައި ސްޕީޑް ލޯންޗް މެދުވެރިކޮށް ދަނީ ދެމުންނެވެ. އަދި ޚިދުމަތް ނުފެށެނީ 5 އަތޮޅުގައިކަމަށްވެސް ވިދާޅުވިއެވެ.