ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް 25.1 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ގްރީން ކްލައިމެޓު ފަންޑުން ނިންމައިފިއެވެ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާއި ގުޅިގެން ރާއްޖޭގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް 'ގްރީން ކްލައިމެޓް ފަންޑު'ން 25.1 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެފަންޑުގެ ބޯޑުގެ ބައްދަލުވުމުގައި ފާސްކުރީ މިދިޔަމަހުގެ 29 ވަނަ ދުވަހު އޮތް ބައްދަލުވުމުގައެވެ.
މި ފައިސާގެ އިތުރުން މިމަޝްރޫއަށް ޖައިކާގެ ފަރާތުންވަނީ 35.4 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައެވެ. އަދި މިމަޝްރޫއަށް ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީއިން ވިދާޅުވެއެވެ.
މިމަޝްރޫޢުގެ ދަށުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކުގައިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކޮށް، މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށްޓަކާ ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.
މީގެއިތުރުން ޤުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ޤާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މަޢުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް މި މަޝްރޫޢުގެ ދަށުން ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.