ޔަހޫދީ ސަރުކާރުން ބަންދުކުރުމަށް އެންގި ނަމަވެސް، އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުނުކޮށް، ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެ ޤައުމުން ނިންމައިފިއެވެ.
އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ޤާއިމުކޮށްފައިވާ ޣައިރުޤާނޫނީ ޖަގަހަތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން، ބަދަލުހިފުމުގެ ފިޔަވަޅެއްގެ ގޮތުން އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރުމަށް ޔަހޫދީ ސަރުކާރުން ވަނީ އަމުރުކޮށްފައެވެ.
ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ޔަހޫދީން ދިން 30 ދުވަހުގެ މުހުލަތު ހަމަވިއިރު، ދެޤައުމުގެ މެދުގައި ވެވުނު ވަގުތީ އިންތިޒާމެއްގެ ދަށުން އެ އިމާރާތް އެއްކޮށް ބަންދުކުރުމުގެ ބަދަލުގައި، "ޔޫކޭ މިޝަން" ގެ ނަމުގައި ވަކި މިންވަރަކަށް ޚިދުމަތްތައް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ހާމަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންސިއުލަރ އަދި ޑިޕްލޮމެޓިކް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މުސްތަޤިއްލުކަމާއެކު މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.
މި މައްސަލައިގެ ސަބަބުން ދެޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ގޯސްވެ، ލަންޑަންގައި ތިބި ޔަހޫދީ ޑިޕްލޮމޭޓުން ފޮނުވާލަފާނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އިނގިރޭސިވިލާތުން ބުނެފައިވަނީ މިވަގުތު ބަދަލުހިފުމުގެ އެފަދަ ފިޔަވަޅެއް އަޅަން ގަސްދުނުކުރާ ކަމަށެވެ. އިނގިރޭސިވިލާތުގެ މެދުއިރުމައްޗާ ބެހޭ ވަޒީރު ސްޓީވަން ޑޯޓީ ވިދާޅުވީ، ޔަހޫދީންގެ މި ނިންމުމާމެދު އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށާއި، އެހެންނަމަވެސް ޤުދުސްގައި ތިބެގެން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އިންސާނީ އަދި އިދާރީ މުހިންމު ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިރުމަތީ ޤުދުސްގެ "ޝައިޚް ޖައްރާޙު" ސަރަޙައްދުގައި ހުންނަ މި ކޮންސިއުލޭޓަކީ ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، މީގެ ގާތްގަނޑަކަށް 200 އަހަރު ކުރިން، 1839 ވަނަ އަހަރު ޤާއިމުކުރެވުނު ތާރީޚީ ތަނެކެވެ. މިއީ 1948 ގައި ޣައިރުޤާނޫނީ ގޮތުން ޔަހޫދީ ދައުލަތް އުފެއްދުމުގެ މާކުރިން ފެށިގެން ހިނގަމުން އަންނަ މިޝަނެކެވެ. މި ކޮންސިއުލޭޓުން އިރުމަތީ ޤުދުސްގެ އިތުރުން، އިސްތިއުމާރުގެ ދަށުގައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އަހުލުވެރިންނަށްވެސް ކޮންސިއުލަރ ޚިދުމަތްތައް ދެމުން ގެންދެއެވެ. އިނގިރޭސިވިލާތުގެ މައި އެމްބަސީ "ތެލް އަވީވް" ގައި ހުންނައިރު، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތަކުގެ ދަށުން އިރުމަތީ ޤުދުސް ބަލައިގަނެވިފައިވަނީ ޔަހޫދީން ޣައިރުޤާނޫނީ ގޮތުގައި ހިފާފައިވާ ސަރަޙައްދެއްގެ ގޮތުގައެވެ.
1948 ވަނަ އަހަރުގެ ޢަރަބި-ޔަހޫދީ ހަނގުރާމައަށްފަހު ހުޅަނގު ޤުދުސް ޔަހޫދީންގެ ބާރުގެ ދަށަށް އަދި އިރުމަތީ ޤުދުސް އުރުދުންގެ ބާރުގެ ދަށަށް ދިޔަނަމަވެސް، 1967 ގެ ހަނގުރާމައިގައި ޔަހޫދީން ވަނީ އިރުމަތީ ޤުދުސް އިސްތިއުމާރުކޮށްފައެވެ. އަދި 1980 ގައި މުޅި ޤުދުސްއަކީ އެމީހުންގެ ވަކިނުކުރެވޭ ވެރިރަށް ކަމަށް ކަނޑައެޅި ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ނިންމުން ބަލައިގެންފައެއް ނުވެއެވެ. ފަލަސްޠީނުން އަބަދުވެސް ވަކާލާތު ކުރަނީ އިރުމަތީ ޤުދުސްއަކީ އެމީހުންގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައެވެ.
ފްރާންސް، ބެލްޖިއަމް، ގްރީސް، އިޓަލީ، ސްޕެއިން، ސްވިޑަން އަދި ތުރުކީ ފަދަ ޤައުމުތަކުގެ ކޮންސިއުލޭޓްތައްވެސް މި ސަރަޙައްދުގައި ހިންގަމުންދާއިރު، ފަލަސްޠީނަށް ތާއީދުކުރާ އެހެން ބައެއް ޤައުމުތަކާ މެދުވެސް ޔަހޫދީން ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ނަމަވެސް، އެމެރިކާއިން ވަނީ 2018 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ބައިނަލްއަޤްވާމީ އުޞޫލުތަކާ ޚިލާފަށް އެޤައުމުގެ އެމްބަސީ ޤުދުސްއަށް ބަދަލުކޮށްފައެވެ.