މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން ށ. ފުނަދޫގައި އައު ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއްގެ ހިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ އަތޮޅުތަކުގައި ބޭންކިންގ ހިދުމަތްތައް ފުޅާކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގް ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢެއްގެ ތެރެއިން ޤާއިމުކުރެވުނު ހިދުމަތެކެވެ.
ފުނަދޫގައި ޤާއިމުކުރި ސޭލްސް ސެންޓަރާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރުއާއި، ށ. ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ޙުސައިންއާއި، އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ރިޒާ އަދި އެމްއައިބީގެ ސީއެފްއޯ އަލީ ވާސިފްއެވެ.
މި ސޭލްސް ސެންޓަރާއި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ދިވެހި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން ފުނަދޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ރަށުގައި ތިބެގެން ރައްކާތެރި، އަދި ފަސޭހަ ގޮތަކަށް މާލީ ހިދުމަތްތައް ލިބިގެންދާނެކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.
ރާއްޖޭގެ މާލީ ދާއިރާ ހުރިހާ ރަށަކަށް ފުޅާކުރުމަށާއި، ރަށްރަށުގެ ތަރައްޤީއަށާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ފަސޭހަތައް ފޯރުކޮށްދިނުމަށް އެމްއައިބީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.