ކުޅިވަރު

ނަތީޖާ ނެގެޓިވްވެ ދަގަނޑޭ ޓީމާއި ގުޅެން ފުރުސަތު ލިބިއްޖެ


ދުބާއީގެ ކޭންޕްގެ ތެރެއިން ކޯވިޑް-19އަށް ފައްސިވި އަލީ އަޝްފާގް އެންމެ ފަހު ކުރި ޓެސްޓް ނެގެޑިވްވުމުން އަލުން ޤައުމީ ޓީމާއި ގުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް ކޯވިޑް-19އަށް ފައްސިވެފައިވަނީ ދުބާއީގައި ކޭންޕް ކުރުމަށްފަހު، ގައުމީ ޓީމް ޗައިނާއަށް ފުރުމުގެ ކުރިން ހެދި ޓެސްޓްތަކުންނެވެ. އަޝްފާގް ކޯވިޑް-19އަށް މިހާރު ނެގެޓިވްވެފައިވުމާއި ގުޅިގެން މިރޭ ސީރިޔާއާއި ދެކޮޅަށް ކުޅޭ މެޗަށްފަހު، ގައުމީ ޓީމައި އެކަހެރިވުމަށްފަހު، އަލުން ގައުމީ ޓީމާއި ގުޅޭނެއެވެ. މިއީ މިއަންނަ ހަފްތާގެ ހުކުރު ދުވަހު ޗައިނާ އަދި މިމަހުގެ 15ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމް ނިކުތުމުގެ ކުރިން ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ގައުމީ ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޢަލީ އަޝްފާގްގެ އިތުރުން އަލީ ޝާމިސްގެ ކޯވިޑް-19އަށް ފައްސިވެ، ޓީމާއި އެކަހެރިވެފައެވެ. އެންމެ ފުރަތަމަ މިދެ ކުޅުންތެރިން ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ އެއްވެސް މެޗެއް ނުކުޅެވޭނެކަމަށް ވަނީ ބެލެވިފައެވެ. އެއީ އެންމެ ފުރަތަމަ ސެންޓްރަލައިޒްކޮށް މިގުރޫފްގެ މެޗްތައް ޗައިނާގައި ކުޅެން ނިންމާފައިވުމާއި ގުޅިގެންނެވެ. ނަމަވެސް ރާއްޖޭގ އިތުރުން ސީރިޔާ އަދި ފިލިޕީންސަށް ވެސް ޗައިނާއަށް ދިއުމުގެ ދަތިތަކެއް ހުރުމުގެ ސަބަބުން، އެންމެ ފަހުން ވަނީ މިގުރޫޕްގެ މެޗްތައް ދުބާއީއަށް ބަދަލްކޮށްފައެވެ. ގުރޫޕް އޭގެ މެޗްތައް ދުބާއީއަށް ބަދަލް ކުރުމުގެ ކުރިން ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ޗައިނާގެ ސަރުކާރާއި ވާހަކަދައްކައިގެން މެޗްތައް ކުޅެވޭތޯ ބަލާފައެވެ. ނަމަވެސް އެކަމަށް އަލި މަގެއް ނުފެނުމުން، އެންމެ ފަހުން މެޗްތައް ދުބާއީއަށް ބަދަލު ކުރިއެވެ. މެޗްތައް ދުބާއީއަށް ބަދަލް ކުރިއިރު ރާއްޖެއިން ދިޔައީ ދުބާއީގައި ކޭންޕް ކުރަމުންނެވެ. ގައުމީ ޓީމާއި ވަކިން އެކަހެރިވެގެން ހުރި ޢަލީ އަޝްފާގް ނެގެޓިވްވިކަމުގައި ވީނަމަވެސް، އެންމެ ފަހުން ހެދި ޓެސްޓުންވެސް ޢަލީ ޝާމިސް ވަނީ ފައްސިވެފައެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މިވަގުތު ސީރިއާ އޮތީ 15 ޕޮއިންޓާއެކުގައެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާއެކުގައެވެ. އަދި ތާވަލްގެ ތިން ވަނައިގައި ފިލިޕީންސް އޮތީ 7 ޕޮއިންޓް ލިބިގެންނެވެ. 6 ޕޮއިންޓާއެކު ތާވަލްގެ 4ވަނަގައި ރާއްޖެ އޮތްއިރު، ތާވަލްގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ގުއާމެވެ.