ޚަބަރު

މިއަދު ބޭއްވުމަށް ތާވަލުކުރި ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދަޢުވާއާ ގުޅިގެން މިއަދު ބާއްވަން އޮތް ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 9:30ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ދެ ދަޢުވާގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ކޯވިޑް19ގެ ހާލަތު ނިމި، އާންމު ހާލަތަކަށް ދަންދެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ޔާމީންގެ ޝަރީއަތް ކެންސަލްކުރީ އެމަނިކުފާނުގެ ފަރާތްޕުޅުން އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދިފައިވާތީއާއި ކޯވިޑްގެ ހާލަތުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދެއްވާފައިވާ އިރުޝާދަށްވެސް ރިއާޔަތްކުރުމަށްފަހުކަމަށެވެ.

5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަކީ ހައިރިސްކު ބޭފުޅަކަށްވުމުން ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ވަގުތީ ގޮތުން ވަނީ ގެއަށް ބަދަލުކޮށްފައެވެ.

މަނީ ލޯންޑްރިންގެ އިތުރު ދާއުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ.