ޚަބަރު

7 އަހަރުގެ ކުއްޖަކު ހިމެނޭހެން ވެންޓިލޭޓަރުގެ އެހީގައި 10 މީހަކަށްދަނީ ފަރުވާދެމުން


ކޯވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ 7 އަހަރުގެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. ކޯވިޑް-19 ބަލީގައި 252 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު މިހާރުވެސް 10 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިއޮމޮލަޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޯވިޑް ޖެހިފައިވާ 7 އަހަރުގެ ކުއްޖެއްގެ ހާލަތު އިތުރަށް ގޯސްވެގެން މިހާރުވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށެވެ. އެކުއްޖާގެ ހާލަތަށް އިތުރު ބަދަލެއް އަދި ނާންނަ ކަމަށާއި، އެހެން ކަމުން އަދިވެސް ފަރުވާދެމުންދަނީ ހާލަތު ސީރިއަސް އަދި ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައިކަމަށެވެ.

ކޯވިޑް ޖެހިގެން 24،000އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނައިރު، މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެނީ 252 މީހުންނަށެވެ. އަދި އެންމެ ގިނަ މީހުންނަށް ފަރުވާދެމުން ގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހުން އެޑްމިޓްކޮށްފައިވާއިރު، އެތަނުގެ އައިސީޔޫގައި 9 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 4 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އަދި އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައި މީހުންނަށް ފަރުވާދެމުންގެންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދޭ 9 މީހުންގެ ތެރެއިން 6 މީހުންނަށް ފަރުވާދެނީވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

އެޗްއީއޯސީން ވަނީ މިހާތަނަށް އެޑްމިޓްކުރި މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ ވެކްސިން ނުޖަހާ މީހުންކަން ހާމަކޮށްފައެވެ. އެގޮތުން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުންނަށް ފަރުވާދެމުންގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިހާތަނަށް އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ ތެރެއިން 1472 މީހުންނަކީ ވެކްސިން ޖަހާފައިނުވާ މީހުންކަމަށާއި، ވެކްސިން ޖަހާފައިވަނީ 424 މީހުންކަމަށް އެޗްއީއޯސީން މައުލޫމާތުދެއްވިއެވެ. ވެކްސިން ނުޖަހާކަމަށް ބަލަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނެވެ.

ކޯވިޑް-19ޖެހޭ މީހުންގެ ތެރޭގައި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުން ގިނަކަން ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ. އަދި މިހާތަނަށް ބަލި ޖެހިގެން ފަރުވާދިން މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށްދިއުމާއި ހަކުރު ބަލީގެ މީހުންކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.