ޚަބަރު

ކޯވިޑް-19 : އިތުރު 1،960 މީހުން ޕޮޒިޓިވްވެ، 615 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 1،960 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 615 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 54،365އަށްވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުކުރުދުވަހުގެ އިރޮއޮއްސި ހަޔަކުން މިއަދު އިރޮއޮއްސި ހަޔަކަށް 1،960 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހއްދުން ޕޮޒިޓިވްވި 1،518 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 431 މީހުންނާއި، ރިޒޯޓްތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 54،365 އަރާފައެވެ. މީގެ ތެރެއިން 31،812 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 22،421 އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 294 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 615 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 31،812 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،333 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 123 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ.