އެޗްއީއޯސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޯވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 500 ވުރެ ގިނަ ކުޑަކުދިން އެބަ ހިމެނެއެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ ބައިލައްކަ ހުރަސްކޮށް މައްޗަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ހިސާބުތަކަށް ބަލާއިރު މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 558 ކޭހަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ދެން މި ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 91 މީހަކީ 65 އަހަރުން މަތީގެ ދުވަސް ވީ މީހުންނެވެ.
މި ބަލީގައި މިހާރު ރާއްޖެއިން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިވަނީ 20،276 އަރާފައެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިވަނީ 280 ގައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި 8 މީހަކަށް ފަރުވާދެމުން އަންނައިރު 3 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އެޑްމިޓްކޮށްގެން ދެ ން ފަރުވާ ދޭ މީހުންގެ އަދަދުތަކަށް ބަލާއިރު ޑީއެޗް 16 ގައި 6، ޑީއެޗް 17 ގައި 8 މީހަކަށް ފަރުވާދެމުން އެބަ ގެންދައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަލާއިރު އެތަނުގައި 188 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން ކޮންމެ 8 މީހަކުން 5 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި 36 މީހަކަށް ފަރުވާދެމުން އެބަގެންދައެވެ. އަދި ލ އަތޮޅު ގަމުގައި ހުންނަ މެޑިކަލް ފެސިލީޓީގައިވެސް 10 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މި ބަލި ޖެހޭ މީހުންގެ ނިސްބަތް އަދިވެސް އެންމެ ބޮޑު މާލެ ސަރަހައްދުގައެވެ. މާލޭ ސަރަހައްދުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ބެކް ލޮގާއިއެކު ޖުމްލަ 1698 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުންވެސް 467 މީހަކު މިދިޔަ 24 ގަޑިރުގެތެރޭ ގައި މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ބަލީގެ ހާލަތު ބޮޑުވެ މިވަގުތުވެސް 67 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ.
ބަލީގެ ހާލަތު ގޯސްވެ އެޗްޕީއޭއިން ދެމުން އަންނަ ބައެއް ހިދުމަތްތަކުގައި ލަސްވުންތަކެއް ހުރިކަން އެ އިދާރާއިންވެސް ޤަބޫލުކުރެއެވެ. އަދި ކޭސްތައް އިންތިހާއަށް އިތުރުވުމުން ކުރިން ދިން ގޮތަށް އެޗްޕީއޭގެ ހިދުމަތްތައް ނުދެވޭނެކަމީ އަޅުގަޑުމެން އެންމެންވެސް ޤަބަލޫކުރާނެކަމަކެވެ. ސަބަބަބަކީ ހިދުމްތައް ދޭން ތިބީ އެއް ބައެކެވެ. އެމީހުންވެސް ވަރުބަލިވެ ލޮޑުވާނެއެވެ.
އެހެންނަމަވެސް މީ ސިއްހީ ހިދުމްތެރިންނާއި ކަމާއި ގުޅޭ އިދާރާތްތަކުގެ ނާގާބިލުކަމަށް ބުނެ އަމިއްލަ އަށް އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް ތިބުމަކީ އެތައް ބައެއް މި ބަލީގެ ނުރައްކަލަކަށް ހުށައެޅިގެން ދާނެކަމެއްކަން ޔަޤީންނެވެ.
ސޯޝަލް މީޑިއާގެ ބައެއް މީހުން ފާޅުކުރާ ހިޔާލުތަކަށް ބަލާއިރު ޑައިރެކްޓް ކޮންޓެކްޓް ވެފައިތިބި ބައެއް މީހުންވެސް އެޗްޕީއޭއިން ނުގުޅާތީ ނުވަތަ ނުބުނާތީ ބޭރަށް ނުކުމެ އެތައް ބަޔަކާއި އަންނަނީ ބައްދަލުވަމުންނެވެ. އެހެންނަމަވެސް މި ބަލީގައި ޕޮޒިޓިވްވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަން އެޗްޕީއޭއަށް ވުރެ ބޮޑަށް އެގޭނީ އެމީހަކަށެވެ. އެހެންކަމުން އެޗްޕީއޭއިން ނުގުޅި ނަމަވެސް އެތައް ބަޔަކު މިބަލިން ރައްކާތެރިވުމަށް ކުރެވޭ ކަމެއްކަމުގައި ދެކި އަމިއްލައަށް އެކަހެރިވުމަކީ ޒިންމާއެއްކަމުގައި ދެކެމާ ހެއްޔެވެ. ސަރުކާރާއި އެޗްޕީއޭއިން އެކަނި މިކަން ކުރެވިދާނެކަމަޑް ބަލައިފިނަމަ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިުއމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.
ބަލީގައި އަޅުގަޑުމެންނާއި ވަކިވަމުން އެދަނީ ކޮންމެވެސް ބައެއްގެ ލޯބިވާ މަންމައެއް ނުވަތަ ބައްޕައެކެވެ. އެތަކެއް ދަރިންތަކެއް ލޯބިވާ މާމަ އެއް ނުވަތަ ކާފައެކެވެ.