ޤައުމީ ޓީމުގެ ސްކޮޑުގެ ކޭމްޕުން ވަކިވި އަލީ އަޝްފާގު މާދަމާ އަލުން ޓީމާ ގުޅޭނެކަމަށް ޤައުމީ ޓީމުން ބުނެފިއެވެ.
މީގެ އެއް ދުވަސްކުރިން އަޝްފާޤު ގައުމީ ސްކޮޑް ދޫކޮށްލީ އަންހެނުން ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. އަދި ކޭމްޕް ދޫކޮށްލާ އެނާ ހުރީ އަންހެނުންނާއި ވަކިން އައިސޮލޭޝަންގައެވެ. އެފްއޭއމްގެ ހުއްދައާއި އެކު ކޭމްޕު ދޫކޮށްލުމަށްފަހު އަލުން އޭނާ ޓީމާއި ގުޅެން ނިންމާފައިވަނީ ޕީސީއާރު ޓެސްޓް ހަދާ ނެގެޓިވްވުމުންކަމަށް އެފްއޭއެމުން ބުނެއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމް ކުޅޭ މެޗްތަކަށް ޗައިނާއަށް ފުރުމަށް ޤައުމީ ޓީމް ހޮޓެލް ޖެންގައި ކޭމްޕް ޖެހީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ޓީމް ހޮޓެލް ޖެންއަށް ވަނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނެގްޓިވް ކުޅުންތެރިންނާއި އޮފިޝަލުންކަމަށް އެފްއޭމުން ބުނެއެވެ.
ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ މެޗުތަކަށް އެ ގައުމަށް ފުރުމުގެ ކުރިން ގައުމީ ޓީމު މީގެ ފަސް ދުވަސް ކުރިން ހޮޓެލް ޖެންގައި ކޭމްޕްކުރި އެވެ.
ކޯވިޑަށް ޕޮޒިޓިވްވުމުން ވިކްޓްރީގެ އިސްމާއިލް އިސާއަށް ވަނީ ސްކޮޑުން ޖާގަ ގެއްލިފައެވެ. އަދި އަމިއްލަ ބައެއް ސަބަބުތަކާއި ހެދި މާޒިޔާގެ ހަސަން ނާއިޒު އިބްރާހިމް ވަހީދުވެސް ވަނީ ޓީމުން ވަކިވެފައެވެ.
މިމަހުގެ 6 ވަނަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަން ނިންމި ނަމަވެސް ކޯވިޑްގެ ސަބަބުން ފަރިތަކުރުންތައް ފެށިފައެއް ނުވެއެވެ. އަދި ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި ފަހުން ޓިމުން ރަސްމީކޮށް އެއްވެސް މެޗެއް ކުޅެފައެއްވެސް ނުވެއެވެ.
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭ ގައެވެ. ރާއްޖެއަށް މި މުބާރާތުގައި ބާކީ އޮތީ ތިން މެޗެވެ. މި ތިން މެޗްގެ ތެރެއިން ރާއްޖެ ފުރަތަމަ ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. މި މެޗް އޮންނާނީ އަންނަ މަހުގެ 3 ވަނަދުވަހުއެވެ. ދެން ރާއްޖެ ނުކުންނާނީ ސީރިއާއި ދެކޮޅަށެވެ. މި މެޗް ކުޅޭނީ އަންނަމަހުގެ 7 ވަނަދުވަހުއެވެ. ރާއްޖޭގެ ފަހު މެޗް އޮންނާނީ އަންނަމަހުގެ 15 ވަނަދުވަހުއެވެ. އެދުވަހު ރާއްޖެ ނުކުންނާނީ ފިލިޕީންސާއި ދެކޮޅަށެވެ.
މި ގްރޫޕްގައި 4 މެޗުން ލިބުނު 6 ޕޮއިންޓާއި އެކު ރާއްޖެ އޮތީ ހަތަރު ވަނައިގައެވެ. 15 ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ސީރިއާއެވެ. 7 ޕޮއިންޓާއިއެކު ދެވަނައިގައި އޮތީ ޗައިނާއެވެ. ގްރޫޕްގެ ތިން ވަނައިގައި ޕިލިޕީންސް އޮތްއިތު ގްރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމްއެވެ.