މުނިފޫހިފިލުވުން

ވާހަކަ: އިންތިޒާރު


އަހަރެން ހަދާން ހުންނަށްފެށީން ސުރެވެސް އަހަރެމެންގެ ގެއަކީ ކާރޫބާރުބޮޑުގެއެކެވެ. އަހަރެންގެ ބައްޕަ އަކީ ރަށުގެ ކަތީބެވެ. އަހަރެންގެ އާއިލާގައި ކޮންމެ ކުއްޖަކީވެސް ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލްކޮށްފައިވާ ރަށުގައި ކަމުވޮށިގެންވާ މީހުންނެވެ. ރަށުމަދަރުސާގެ މުދައްރިސުންނެވެ. އޮފީހުގެ ކާތިބުންނާއި މިސްކިތުގެ މުދިމުންނެވެ. ކޮންމެ ހަފަތާއެއްގެވެސް ހުކުރު ދުވަހަކީ މި އެންމެން އެކުގައި ކައިބޮއި ހަދާ ދުވަހެކެވެ. ގޭގައި ދުއްވާ 2 ދޯނީގެ ކެޔޮޅުންނާއި ފަޅުވެރީންގެ ކެއުން ހުކުރު ދުވަހު ހަމަޖެހިފައި ހުންނާނީ އަހަރެންގެ ގޭގައެވެ.

އަހަރެން ހޭލައި ގަތީންސުރެވެސް އެންމެ އުޅެމުންދަނީ އެކުގައެވެ. އަހަރެންނަކީ އަހަރެންގެ ޢާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އަދި އުމުރުގެ ގޮތުން އެންމެ ހަގީވެސް އަހަރެންނެވެ. ބައްޕަ އަކީ ޒަމާނީ ތަޢުލީމަށް ލޯބިކުރާ ހޭލުންތެރި ބައްޕައެކެވެ. ނަމަވެސް މަންމަގެ ވިސްނުމަކީ އަންހެންދަރިންނަށް ކިޔަވައިދިނުމަކީ މުހިއްމުކަމެއް ނޫންކަމެވެ. މި ސަބަބަށްޓަކައި ފުރާވަރަށް އަރައިގެން އައިއިރުވެސް އަހަރެން ތަޢުލީމް ޙާޞިލް ކުރަމުންދިޔައީ ރަށު މަދަރުސާގައެވެ. ތަޢުލީމް ޙާޞިލްކުރުމަށް ރަށުން ފުރައިގެން ދިއުމަކީ އަހަރެންގެ ހިތުން ރުހުމުން ކުރާނެކަމެއްނޫނެވެ. މިހިތްގައިމު މާހަޢުލުލާއި ލޯބިވާ ޢާއިލާއާއި ވަކިވެ ދިއުމަކީ އަހަރެންނަށްވެސް ފަސޭހަކަމެއްނޫނެވެ. ނަމަވެސް އިތުރަށް ކިޔެވުމަކީ އަހަރެންވެސް ހުވަފެނެކެވެ. އުއްމީދެކެވެ.

ކިތައްމެ ބޭނުން ނޫނަސް އަހަރެން މިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. މާލޭގައި އަހަރެން އުޅެން ޖެހުނީ ރަށުގައި އަހަރެން އުޅުނުހާ މިނިވަންކޮށްނެތް ނޫނެވެ. ދެއަހަރެއްހާ ދުވަހު މާލޭގައި އަހަރެން ހޭދަކުރީމެވެ. ތަފާތު ދެ ކޯހެއްވެސް ފުރިހަމަކުރީމެވެ. މިހެން އުޅުމުގެ ތެރޭގައި އެކުގައި އުޅުނު ފިރިހެން ކުއްޖަކާ އަހަރެންނާ ގާތްކަމެއް އުފެދުނެވެ. އެއީ ޝަމީލްއެވެ. ނަމަވެސް މާގިނަދުވަހަކަށް މި ގުޅުން ދެމިއޮންނަގޮތެއްނުވިއެވެ. އަހަރެން އަންނަށް ޖެހުނީ މަންމަ ގެ ޙާލުބޮޑުވެ މަންމަ ނިޔާވުމާއި ގުޅިގެންވެ. ރަށަށް އައުމަށްފަހު އެގުޅުން އިތުރަށްބަދަހިކުރާނެގޮތެއްނެތިއްޖެއެވެ. އުޅެންޖެހުނީވެސް އެފުރުޞަތު ފަހިވެފައިވާގޮތަކަށްނޫނެވެ.

މަންމަ މަރުވުމަށް ފަހު ގޭތެރެ ފަޅުވެއްޖެއެވެ. ގެއަށް އަބަދުހެން ވަދެ ނުކުމެ ހަދާ މީހުން މަދުވެއްޖެއެވެ. އެއްބަޑު އެހެން ކުދިންނަށް ދަރިން ލިބުމުން ގޭގައި އުޅޭނެ ޖާގަ ގެއްލިޖެއެވެ. އެހެން ކަމުން މަޑުމަޑުން ވަކި ދިރިއުޅުންތަކަށް ކުދިންތައް ދާ ފަށައިފިއެވެ. ސަރުކާރުގެ ވަޒީފާއަދާކުރަމުން ޢާއިލީ ވިޔަފާރި ބެލެހެއްޓުމަށް ވަގުތު ހުސްކުރުމަކީ އުދަގޫކަމަކަށްވެއްޖެއެވެ. ބައްޕަ އެދުމަކީ އަހަރެން ވީހާ އަވަހަކަށް މީހަކާއި އިނުމެވެ. ނަމަވެސް ވިޔަފާރި ބެލެހެއްޓުމަށްޓަކައި މީހަކާއި އަހަރެން އިނުމަކީ އަހަރެން ޤަބޫލުކުރެވޭ ކަމަކަށްނުވިއެވެ. މީހަކާއި އިންނަށްވާނީ އެކުގައި ދިރިއުޅޭށެވެ. އަހަށްނަށް ކަމުދާ މީހަކު އެބަހުރިހެއްޔެވެ.؟ މި ކާރޫބާރޫ ދިރިއުޅުމުގެ ތެރެގައި އުޅެންޖެހުމުން އެފަދަކަމަކާ އަހަރެން ނަށް ވިސްނާލެވިފައެއްނެތެވެ. ނަމަވެސް އެއްފުރައިގެ އެކުގައި ކިޔަވަން އުޅުނު ކުދިންގެ ތެރޭގައި ގަޔާވާ ކަހަލަ ކުދިން ތިއްބެވެ. އަހަރެން އިޝާރާތަކަށް ބަލަބަލާ ތިބި މީހުންވެސް ތިއްބެވެ. ކެޔޮޅަކަށް ނުވިއެއްކަމަކު ފަޅުވެރިއެއްގެ ގޮތުގައި ދޯނީގައި މަސައްކަތް ކުރަމުންދާ ޒުވާނުންތިއްބެވެ. އުމުރުގެ ހަގުކަމުންވެސް ތޯއްޗެކެވެ. ކޮންމެހެން މީހަކާއި އިނުމުގެ ޝައުވެރިކަމެއް އަހަރެންގެ ނެތެވެ.

ބޮޑު ދޯނީގެ ކެޔޮޅު ޒާހިރުއަކީ އަހަރެންނާއި އަޅާބަލާއިރު އުމުރުގެ ގޮތުންވެސް މާދޮށީމީހެކެވެ. ޖާނުން ވަރުގަދަ މީހެކެވެ. ހަރުކަށި އުސޫލުތަކެއް ގެންގުޅޭ މުއްބާރު މީހެކެވެ. ނަމަވެސް އޭނާގެ މަސައްކަތަށް ބަލާއިރު ބައްޕަ ގެ 1 ވަނަ ނަންބަރުގައި ހުރީ އޭނާއެވެ. ހުސްހަށިބައި މީހެކެވެ. މުސްކުޅި މަންމައަކާއި ބައްޕައެއް ބަލަމުންގެންދާ މީހެކެވެ. މިގެޔާއި މި މުދަލުގެ ޙައްޤުވެރިއަކީ އަހަރެންކަމަށާއި އޮޑިދޯނިފަހަރު ބެލެހެއްޓުމަކީ އަހަރެން ޒިންމާއެއްކަން އެހެން އެންމެ އަހަރެންނަށްބުނެދެމުންދިޔައެވެ. އަންހެނުންނަކީ ނަކީ ގޭތެރޭގެ ރޫހެވެ. މީހުން ބުނަނީ މިސަބަބައްޓަކައި ކަމަށްވެސް ވެދާނެއެވެ.

މާބޮޑު ވިސްނުމެއްނެތި އަހަރެންވެސް ކައިވެއްޏަށް އެއްބަސްވީމެވެ. ހިތުން ރުހުމަކުންނޫނެވެ. މިކައިވެންޏާއި މެދު އެންމެ ބޮޑަށް ރުހުފައި ހުރީ ޒާހިރުއެވެ. ހީވަނީ މިއީ މާކުރިންސުރެވެން އޭނާ އެދި އެދި ހުރި ކަމެއް ހެންނެވެ. ބައްޕަ މޫނުމަތިންވެސް ފެންނަމުންދިޔައީ ނުތަނަވަސް ކަމެކެވެ. އަހަރެންގެ އުފާތަކަށް ހުރަސްއަޅާކަން ހުދު ބައްޕަވެސް ބޭނުމެއް ނުވާކަހަލައެވެ. ކައިވެއްޏަށް ދުވަސްތަކެއް ވީއިރު، މަޑުމަޑުން ކަންތައްތައް ބަދަލުވާންފެށިއެވެ. ބަދަލުނުވެ އޮތީ ގޭތެރޭގައި އޮތް ފަޅުކަމެކެވެ. ބައްޕަ ބަލިވެއްޖެއެވެ. އެހެން ކުދިންގެ ފަރާތުން މި ކަންކަމަށް ދޭ ސަމާލުކަން ކުޑަވުމުން ބައްޕަ ނިންމީ ކުޑަދޯނި ވިއްކާލާ ކުޑަ ވިޔަފާރިއެއް ފަށާށެވެ. ނަމަވެސް ޒާހިރަކަށް އެގޮތަށް އެއްބަހެއް ނުވެވުނެވެ. އޭނާގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލާފައި ބައްޕަ އޮށޯތީ އެދުގައެވެ. މާގިނަ ދުވަސްތަކެއްނުވެ ބައްޕަވެސް ދުނިއާއި އަލްވަދާއު ކިޔައިފިއެވެ. އަހަރެންގެ އެކަނިވެރިކަން އިތުރުވިއެވެ. ޒާހިރުއަކީ އަބަދުހެން ކަނޑުމަތީގައި އުޅޭ މީހެކެވެ. އަހަންނާއި އަހަރެންގެ އުފާތަކަށްވުރެ އޮޑިފަހަރުތަކަށާއި މުދަލަށް ހުރި ޝަޢުޤުވެރިކަން ބޮޑެވެ. އެއިން ކަމެއް އެންމެ ހިދުކޮޅަކަށްވެސް އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ދޯއްޏެއް މަހަށް ނުފުރާ އޮވެއްޖެއްޔާ އޭނާގެ ލޮލަށް ނިދިވެސް ނާދެއެވެ. އެންމެގެ ލޮލަށްވެސް އެމަންޒަރު ފެނެއެވެ. އެއްބަޔަކު އެކަމަށްޓަކައި ޒާހިރުއަށް ތަޢުރީފް ކުރަމުންދިޔައެވެ. އަނެއް ބަޔަކު އަހަރެންނާއިމެދު ހަމްދަރުދީ ފާޅުކުރަމުންދިޔައެވެ.

އަހަރެންގެ އެއްވެސް ކަމަކާއި ޒާހިރު އަޅައެއްނުލައެވެ. ފިރިއެއްގެ ފަރާތުން ލިބެވާ އޯގާތެރިކަމެއް އަހަށްނަކަށްނުލިބެއެވެ. ދުވާލެއްގެ ހަތަރުދަން ނިމިގެންދާއިރު ޒާހިރު އަހަރެންނާއި އަގައިންބުނެލާ ހަދާނީ މަދު ފަހަރަކުއެވެ. އަބަދުހެންވެސް އުޅެމުންދަނީ ކޮންމެވެސް ކަމެއްގެ ތެރޭގައި އަވަދި ނެތިއެވެ. އަހަރެންގެ އެހެން ރަހުމަތްތެރިންވެސް މީހުންނާއި އިދެ ކުދިން ހޯދައިފިއެވެ. އެމީހުން ފިރިންނާއި ދަރިންނާއި އެކު ގޯޅި ގޯޅި ކަންމަތިން ފެންނުމުން އަހަރެން ހިތް ހުސްކަމެއްގެ ތެރެއަށް ގެބިގެން ދެއެވެ. އެމީހުންގެ އުފާވެރި ވާހަކަތައް އަހަރެން އަޑު އަހަމެވެ. އެމީހުންގެ ފިރިންނާއި އެކު ބައިސްކޯފް ތަކަށާއި ތުނޑި ތުނޑި މައްޗަށް ދާ ވާހަކަތައް ދައްކައެވެ. އަހަރެންގެ ކަމަކީ ފިރިމީހާ ގެއަށް އަންނަ އިރު ކައްކާފައި ކާން ހެދުމެވެ. އެއްޗެހި ދޮވެ އިސްތިރިކުރުމެވެ. ގޭގައި ހުއްޓަސް ގިނަ ވަގުތު ޒާހިރު އިންނާނީ ވިޔަފާރި ކޮންމެ ކަމެއްގައެވެ. ކުޑަމިނުން އަހަރެން ހުރީ ކައިގެންތޯވެސް ބަލާނުލާނެއެވެ. ކާކުގެ މައްސަލައެއް ކަމެއްކަމެއް ނޭގެއެވެ. އަހަރެންނަށް ދަރިއަކު ނުލިބެއެވެ. އެފެދަ ކަމަކާމެދު ޒާހިރު ވިސްނާހެން ހިއެއްނުވެއެވެ. ހުދު އަހަރެންވެސް ޒާހިރުއަށްދަރިއަކު ހޯދާކަން ބޭނުންމެއްވެސް ނުމެވޭމެއެވެ. އެކަމާއި ބެހޭ ގޮތުން ޒާހިރުއާއި ވާހަކަދައްކަން އަހަރެން ހިތަށް އެރިއެވެ. އޭނާގެ ޖަވާބު އަހަރެން އިތުރަށް ނުތަނަވަސް ކުރުވިއެވެ. އޭނާގެ މަސައްކަތުން އަހަރެމެންގެ ދިރިއުޅުން އޮޔާ ނުގޮސް އޮތް ވާހަކައާއި އޮދިދޯނިފަހަރު ސަލާމަތް ކުރެވިފައިވާ ވާހަކަ އެވެ. އޮޑި ދޯނިފަހަރަށް ބަލަށް ހުރެ އަހަރެންގެ ދިރިއުޅުން އޮޔާދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އާއިލާގައި ދެންތިބި ކުދިންނާއި އަހަރެންވާހަކަ ދެއްކީމެވެ.

އަހަރެން ވަޒީފާއަކަށް ދާން ފެށީމެވެ. ރަށުއޮފީހުގެ ކާތިބާ އަކަށެވެ. އެކަމަކަށް ޒާހިރުގެ މާބޮޑު އިއުތިރާޒެއްނެތެވެ. މާ މައްޗަށް ކިޔެވިފައިނެތް ނަމަވެސް ރަށުގައި ތިބި އަހަރެން އުމުރުގެ ކުދިންނާއި ބަލާއިރު، އަހަރެންގެ ޢިލްމީ ޤާބިލްކަށްއެބަހުއްޓެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން ފެށުމުގެ އަހަރެންނަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށްޓަކައި އަވައްޓެރިއަކު ހޯދީމެވެ. ބައެއް ދުވަސް ދުވަހު ފަޅުވެރިންގެ ކެއުންވެސް ހަމަޖައްސަން ޖެހޭތީއެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ނާހިދު ރަށުގައި ބަހައްޓާފައިހުރީ ދޯނީގެ އެންދަމާ ދައު ދޮންނާނެވެ. އެހެންކަމުން އޭނާގެ ކެއުން ހަމަޖައްސަން ޖެހޭނީ ގޭގައެވެ. ބަންދު ދުވަހެއްކަމުން އަހަރެންވެސް ހުރީ ގޭގައެވެ. ދަލުގެ ކަންކަން ނިންމުމަށްފަހު ނާހިދު ގެއަށް އައީ ގޭތެރޭގައި އިތުރަށް ކަމެއް ހުރިއްޔާ ކޮންދިނުމަށްޓަކައި ނާހިދުއަކީ ހިތްހިޔޮ މީހެކެވެ. މަޑުމަތިރި ރީތި ފިރިހެނެކެވެ. އެކުގައި ކިޔަވަން ގޮސް އައިސްވެ އުޅުނު ދުވަސްވަރު އެކުގައި ކިޔަވަންގޮސް އުޅުނު ރައްޓެއްސެކެވެ.

އަހަރެންގެ އެކުވެރިން ނާހިދުއަށް ތަޢުރީފްކޮށްހަދައެވެ. ހުރިހާ އަންހެން ކުދިންވެސް ނާހިދުއަށް ހިތް ކިޔައެވެ. އަދި ވެސް ނާހިދު ހުރީ ހުސްހަށިބަޔަށެވެ. ނާހިދުގެ ހަޔާތުގެ ބައިވެރިޔަކު ނެތެވެ. ދޭތެރެއަކުން ތަފާތު އެކިމަސައްކަތުގައި އަހަރެންގެ ގެއަށް ނާހިދު އައިސްގޮސްވެ އުޅެއެވެ. ޒާހިރުއާއި އެކުގައެވެ. އަދި ވަކިންވެސް މެއެވެ. ދިމާވާ އެފަދަ ފަހަރުތަކުގައިވެސް ނާހިދު އަހަރެންނަށްކުރާ އިޚްތިރާމާއި ޤަދަރު އަހަރެންނަށްއިޙްސާސްކުރެވެއެވެ. އަދި ބަހައްޓާ ގާތްކަމާއި އެހީތެރިކަން ފާހަގަކުރެވެއެވެ. އެހެންކަމަށްވެސް ވެދާނެއެވެ. އަހަރެންނަށް ނާހިދުގެ މިޒާޖު ވަރަށް ކަމުދިއައެވެ. އަހަރެންގެ ކަމެއް އޮތިއްޔާ ނާހިދު އަވަސްވެގަންނާނީ އެކަމަކަށެވެ. ދޯނިން ފޮނުވާ ލައިގެން ކާނެ މަސް ކަޑާއިދީ ހަދަނީ ނާހިދު އެވެ. އެހެން އުޅުމުގެ ތެރެގައި ތަފާތު ވާހަކަތައް އަހަރެމެން ދައްކާ ސަމާސާކޮށް ހަދަމެވެ. އެކުގައި ކިޔަވަން އުޅުނު ދުވަސްވަރު ހިނގާފައިވާ ކަންކަމާއި ގުޅޭ ވާހަކަތައް ދައްކާ ހަދަމެވެ. އަހަރެންގެ ހިތުގައި އާ އިޙްސާސްއެއް އުފަންކުރުވިއެވެ. ޅަ އިރުންސުރެ އެކި ދުވަސް މަތިން ނާހިދު އަހަންނާއި މެދު ބެހެއްޓި އަހައްމިއްޔަތުކަން ހިތަށް އަރާ ފައިމުން ދިޔައެވެ. މިހުން ބުނާތީ އަޑުއަހަމެވެ. ރީތި އެއްޗެއްސަށް ބަލުމަށް އިންސާނާގެ ލޯ އެދޭފަދައިން ހިތްހެޔޮކަމާއި އޯގަތެރިކަމަށް އިންސާނާގެ ހިތް ލެބެއެވެ.

އާދައިގެ މަތިން އޮފީހަށް ނުކުމެ މަސައްކަތުގައި އަހަރެން އުޅުނު ދުވަހެކެވެ. ބޮޑު ދޯނީގެ މަރާމާތެއް ކުރަން ދޯނި އެހެލުމުގައި ފަތިހުންސުރެ، ޒާހިރު އުޅެމުންދިޔައެވެ. ޒާހިރުއަކީ ވީހާވެސް ހަރަދުކުޑަކޮށް ކަންކަން ކުރަން ބޭނުންވާ މީހެކެވެ. އެހެންކަމުން މާގިނަ މީހުން ހޯދާކަން ނުހަދައެވެ. އާދެވުނު މީހަކު ގޮވައިގެން ދޯނި އެހެލުމުގެ މަސައްކަތް ކުރަމުންދާތަން ފެނެއެވެ.

އަވަދިނެތި އުޅެމުން ދަނިކޮށް އޮފީހުގެ ޕިޔޯން އައިސް ދިން ޚަބަރަކުން އަހރެންގެ ގަބުވެއްޖެއެވެ. ދޯނި އެހިލަމުން ދަނިކޮށް އެއްފަރާތަށް އަރިއަޅާލާ ދޯނި ދަށުވެގެން ދެމީހަކު ގެންނަވާހަކައެވެ. އެއީ ޒާހިރުއާއި ނާހިދު އެވެ. ޒާހިރު ސަލާމަތް ކުރަން ހަދައިގެން ނާހިދުއަށްވެސް ބޮޑެތި އަނިޔާވި ވާހަކައެވެ.

ޒާހިރުގެ މައިބަދައަށް ލިބުނު ގެއްލުމާއި އެކު މުޅި މީހާ ނުކުޅުންތެރިވެއްޖެއެވެ. ނާހިދުގެ ފައި ބިދި ކޮޑު ކަށިގަނޑަށް އަނިޔާވީއެވެ. އެތަށް ދުވަހެއްގެ ފަރުވާއިންވެސް ޒާހިރުގެ ހާލަތަށް ބަދަލެއް ނުވިއެވެ. ބޭބެމެންގެ އެހީތެރިކަމާއި އެކު ޒާހިރު މާލެ ގެންގޮސްގެންވެސްފަރުވާ ކުރެވިއްޖެއެވެ. އަހަރެން އޮފީހުން ވަކިވެ ޒާހިރުގެ ޚިދުމަތަށް ހުސްވެއްޖައީމެވެ. ނަމަވެސް ޒާހިރު ފަދަ ހިތް ހަރު ގޮތް ދޫނުކުރާ މީހަކު އަހަރެން ނުދެކެވެ. އެހާލުގައިވެސް އޭނާ ބޭނުންވީ އޭނާގެ ހުރި ބާރުވެރިކަން ދައްކާށެވެ. ދިމާވި ކަންތައްތަކާއި ގުޅިގެން ކޮންމެވެސް ވަރަކަށް ގޭތެރޭގެ ކަންކަން ހަމަޖައްސާލަށް އުދަގޫވިއެވެ. އޭނާގެ އަތްމައްޗަށް ދޫކޮށްލާފައިވާއި ވިޔަފާރި އަށް ލޮޅުންއެރިއެވެ. އާއިލާގެ މީހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެކު ކަންކަން ކޮންމެވެސް ވަރަކަށްހަމައަކަށް އެޅިއްޖެއެވެ. ނާހިދު ގެ ހާލުވެސް ރަގަޅުވެ. އޭނާވެސް އޭނާގެ މަސައްކަތް ނުކުމެއްޖެއެވެ. ޒާހިރު ގޮވައިގެން ބޭރަށްދެވިއްޖެއެވެ. ފުރިހަމަ 3 މަސްދުވަހުގެ ފަރުވާ ދިނުމުންވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ޒާހިރު އަކަށް ނުހިގެއެވެ. ގޮޑީގައި އިށީދެ އެއްނުއިދެވެއެވެ. މައިބަދައަށްލިބުނު ގެއްލުމެއްގެ ސަބަބުން އެދުގައި ބާއްވައިގެން ދިވެހި ބޭސްކުރަމުން ދިއައެވެ. ޑަކްޓަރީބޭހާއި އެކުގައެވެ. ހާދިސާ ހިނގިތާ ދެ އަހަރު ފާއިތުވެއްޖެއެވެ. ޒާހިރުގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ. މާގިނަ ދުވަސްތަކެއް ނުވެއެވެ. ޒާހިރު މި ދުނިޔެދޫކުރީއެވެ. އަހަރެން ހުވަފެންވީއެވެ. އަހަރެން މުޅިހެން އެކަނިވެއްޖެއެވެ.

އެއްދުވަހެއްގެ މާއިރާ ވަގުތެވެ. ރަށު އޮފީހުން އަންގައިގެން އަހަރެން އޮފީހަށް ދިޔައީމެވެ. އެގްރިކަލްޗަރުން މާލެއިން އަންނަ ވަފުދަކަށް ހުރުމާއި ކެއުން ތައްޔާރު ކުރަންވީއެވެ. ހަފްތާއެއްގެ މުއްދަތަށް ދަނޑުވެރިކަމާ ބެހޭ ކޯހެއް ހިންގާށެވެ. 3 މީހުންގެ ޓީމެކެވެ. އަތްގާތްކޮށްދޭނެ 2 ކުއްޖަކު ހޯދާއިގެން މަސައްކަތަށް އަހަރެން އެއްބަސްވީމެވެ. ގޭގެ ފަހަތުން އަލަށް ހަދާފައިވާ ކޮޓަރިތަކުގައި އެމީހުންނަށް ނިދޭނެ އިންތިޒާމް ހަމަޖެއްސީމެވެ. ބޭނުންވާ ސާމާނު ހޯދާ މަސައްކަތަށް އަހަރެމެން ތައްޔާރުވާން ފެށީމެވެ.

ރަށުގެ ފަޅަން ލޯންޗް ގާތްކުރުމާއި އެކު އެމީހުންނަށް މަރުޙަބާ ކިއުމަށް ރަށު އޮފީހުގެ އިސްވެރިން ފާލަން ދޮށުގައި ތިއްބެވެ. ކަންބެލުމަށް ގިނަ އަދަދެއްގެ ކުދިބޮޑު އެންމެ އަތިރިމައްޗަށް ޖަމާވެފައި އޮތެވެ. އެމީހުންނަށް މެހެމާންދާރީއަދާކުރުމަށްޓަކައި އަތިރިމަތީގައި ހުރި ހޮޅުއަށީގައި ފިނި ބުއިމެއް ދިނުމަށް އަހަރެމެން އިންތިޒާމްކުރަމުން ގެންދިޔައީމެވެ. ކުއްލިޔަކަށް އަހަރެންގެ ލޮލޮގައި އަޅަގަތީ ލޯންޗުން ފައިބައިގެން މީހުންނާ ސަލާމްކުރަމުން ހިނގާފައި އަންނަ ޒުވާނާއަށެވެ. އިސްކޮޅުން ދިގު ރީތި މީހެކެވެ. މެހެމާނުން ހޮޅުއައްޓާކައިރި ވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް އަވަސްވަމުންދިޔައެވެ. ތަފާތު ވާހަކަގައި އެންމެކަހަލަ ގޮތަކަށް އައިސް ހޮޅުއަށީގަ އިށީންދެޖެއެވެ. ކައިރީގައި ތިބި ކުދިން ނަށް އިޝާރާތް ކޮށްލުމަށްފަހު އަހަރެންވެސް އަވަސްވެ ގަތީ މެހެމާނުން ތައްޔާރުކޮށްފައިވާ ކުރުބާގެ ބުއިންތައް އެފަރާތްތަކަށް އެރުވުމަށެވެ. އަނެއްކާވެސް އެބުރި އަހަރެން ބަލާލީމެވެ. އެ ޒުވާނާ ބަލަމުން ދިޔައީ އަހަރެންނާ ދިމާއަށެވެ. އަހަރެން ކުޑަކޮށް ހާސްވާގޮތަވިއެވެ. ތަބަށް ހިފައިގެން އެބުރެލި އިރު ނާހިދު ހުރީ ކުރުބާ ދިއްކޮށްލައިގެން އަހަރެންނާދިމާއަށް ހައިރާންކަމާއެކު ބަހަލައްޓައިގެންނެވެ.


ނާހިދުގެ އަތުގައިވާ ކުރުބާ ހިފައިގެން ހިގައިގަތީ އެ ޒުވާނާއާއި ދިމާލަށެވެ. ކުރިއަށް ބަލަން ހައްޓައިގެން ހިގަމުން ދިޔައިރު މާޒީގެ ފަތްފުއްތައް އަހަރެންގެ ކުރިމަތީ އެބުރޭ ވައިރޯޅިއެއްފަދައިން އެބުރެމުންދިޔައެވެ. އެއީ ޝަމީލްއެވެ. އަހަރެންގެ ކުރީގެ ލޯބިވެރިޔާއެވެ. އަހަރުތަކެއް ފަހުންވެސް އޭނާ ފެނުމުން އަހަރެންގެ ހިތް އަވަސްވެގެން މިއުޅެނީ މިހެންވެތާއެވެ. ބޭ އިހުތިޔާރުގައި އަހަރެންނަށް ޝަމީލްގެ ކުރިމަތީގައި ހުއްޓެވުނެވެ. ޝަމީލްވެސް ހުރީ ކަޅިވެސް ޖަހާނުލާ އަހަރެންނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ރީތި މޫނަށް ފުރިހަމަކަމެއްގެނެސްދީފައިވަނީ މަޑުމަޑު ހިނިތުންވުމެކެވެ. " ޝަހުލާ......" ހައިރާންކަން އެކުލެވިފައިވާ އެއަޑުން އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަރެންނަށް ހީވީ ހިތުގައި މީހަކު ކޮއްޓާލިހެންނެވެ. ކުޑަކޮށް ސިހިފައި އަހަރެން ހިނިތުންވެލީމެވެ. އަދި ދެވަނަ ސުކުންތުގައި އެބުރި އައި ދިމާލަށް ހިގައިގަތީމެވެ. ނާހިދުވެސް ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. އަހަރެން ގެ މޫނު މަތީގައިވާ ހިނިތުންވުން އެތަނަށް ވާހަކަތަކެއް އޭނާއަށް ބުނެދިން ކަހަލައެވެ.

މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު ގޭގައި ހުރި ބޮޑު ފެންޑާމަތީގައި އަހަރެން ދުފުން ތައްޔާރުކުރަމުންދިޔަ ވަގުތެކެވެ. ބޭރު ގޭތެރެއިން ސަލާމް ގޮވާލުމާއިއެކު އެތެރެއަށް ވަދެގެން އައީ ވަފުދުގެ ބޭފުޅުންނެވެ. ރަށުގެ އޮފީހުގެ އިސްވެރިއެއް އެމީހުނާއި އެކު ހުއްޓެވެ. ކަންކަނަ ހަމަޖެހިފައިވާގޮތާއި އެބޭފުޅުން ނިދުމަށް ހަމަޖެހިފައިވާ ކޮޓަރިތައް ދައްކެމަށްފަހު ކެއުން ތައްޔާރުވެފައިވާ ވާހަކަ ބުނީމެވެ. އެންމެންވެސް އަވަސްވެ ގަތީ އެމީހަކަށް ޙާއްސަކުރެވިފައިވާ ކޮޓަރިއާއި ދިމާއަށެވެ. އަހަރެންވެސް ނުކުތުމަށް ހިގައިގަތީމެވެ. ޝަމީލް އަނެއްކާވެސް އަހަރެންނަށް ގޮވާލިއެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހަތަރު ކަޅި ހަމަވިއެވެ. " ޝަހުލާއަކަށް އެއްވެސް ބަދަލެއް ނާދެ" ހަމަ އޭރުގެ ހުރިގޮތަށް" ތަނަށްވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ޝަމީލެވެ. އަހަރެން މަޑުމަޑުމަޑުން ހިނިތުންވެލީމެވެ. "ކިހިނެތްތައް ކަންތައްތައް " ހާދަ ދުވަހަކަށް ފަހުއޭ މި ދިމާވީ،.. އަހަރެން ވަރަށް އުފާވެފަ މިހުރީ ޝަހުލާއާއި ދިމާވީމަ، އަދި ވެސް ހަމަ އެ ލޫޅާފަތި ހަށިގަނޑާއި އެ ދިގު އިސްތަށިގަނޑު " ޝަމީލްގެ ވާހަކަގެ މިސްރާބު ހުރި ގޮތުން ކޮންމެވެސް ވަރެއްގެ އުދަގުލެއް އަހަރެންނަށް ވއިޙްސާސްވިއެވެ. އަނެއްކާވެސް އަހަރެން ހިނިތުންވެލީމެވެ. އިތުރަށް އެވާހަކަތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ، އަހަރެން ޝަމީލް ކިހިނެތްތޯ ސުވާލުކުރީމެވެ. ޝަމީލް ފުން ނޭވައެއްލިއެވެ. ފެށީ ފޮތުގެ ފުރަތަމަ ސަފްޙާއިންނެވެ. އަހަރެމެންގެ ވަކިވުމަށްފަހު ޝަމީލް އިތުރަށް ތަޢުލީމް ޙާސިލުކުރުމަށްޓަކައި ސިނޯނަށް ދިޔަ ވާހަކައެވެ. މީހަކާއި އިދެގެން ދަރިން ލިބުނު ވާހަކައެވެ. ގެ ދޮރުހަދާ ދިރިއުޅުން އާރާސްތުކުރުމަށް ތަހައްމަލުކުރި އަޑިގުޑަން ދަތުރުގެ ކުރު ޙުލާސާއެކެވެ.

އެރޭ ނިދަން އުޅެ އުޅެ އަހަރެންނަކަށް ނިދޭގޮތެއްނުވިއެވެ. ޝަމީލް އާއި މިގޮތަށް ބައްދަލުވުމުން ނާއި ޝަމީލްގެ ވާހަކަތަކާއި މެދު އަހަރެންނަށް ވިސްނެނީއެވެ.
ކޯސް ފެށިއްޖެއެވެ. ހަފްތާއެއްގެ މުއްދަތަށްހިންގާ ކޯހަކަށްވާތީ، ކުލާސްތައް ދިގުދެމިގެންދެއެވެ. ހެދުނުން ފެށިގެން މެންދުރަށެވެ. ހަވީރާއި އެކު ރޭގަނޑުން ބައެއްގައިވެސް ކިޔަވައިދެއެވެ. ގަސްތަކަށްޖެހޭ ތަފާތު ބަލިތަކުގެ ވާހަކަތަކެވެ. ރަކިސް ބޮޑާއި ހުދު ކޫޑިއާއި ކަޅު ކޫޑީގެ ވާހަކަތަކެވެ. ގަސްތަކަށްޖަހާނެ ޒާތްޒާތުގެ ބޭސްތައް ތައްޔާރު ކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތްތަކެވ ކޮންމެ މީހަކުވެސް އެދެމުންދަނީ ޝަމީލް އެމީހުނާއި އެކު ހުރުމަށެވެ. ރަށުގައި މަޑުކުރުމަށެވެ. އެފަދަ ކޮންމެ ވާހަކަ އެއް ބުނެލާއިރަށް ޝަމީލް އަހަރެންނާއި ދިމާލަށް ވަގު ގޮތަކަށް ބަލާލައެވެ. އަދި މިރަށުން ރަގަޅު ކުއްޖަކާ އިންނަށް ވީދޯއޭ.. ސަމާސާ ރާގެއްގާ ބުނެލައެވެ.
މި ފަހަކަށް އައިސް ނާހިދު ފެންނަނީ ވަރަށް މޮޅިވެރިކޮށް ހުއްޓައެވެ.

ގިނަ ވަގުތު އުޅުނަސް އެހެންނާއި ދުވާލަށް ފިނި އެއްޗެއް ބޯލަށް ނުކުންނަ ނުކުތުން މަދުވެއްޖެއެވެ. ޚާއްސަގޮތެއްގައި ރޭގަޑު ނާހިދު ފިހާރައަށް އަންނާނީ ކެޔޮ ފަތްގަނޑަކަށް ހުވަދު މާ އަޅައިގެންވެ. އެ ބަހައްޓާފައި ހުންނާނީ ގޭ ބޮޑު ފެންޑާގައެވެ. މުޅި ރޭގަނޑު ގޭތެރެއިން ދޮވާނީ މަޑު މަޑު މީރުވަހެކެވެ. ނަމަވެސް މިހާރު އެ ވަސް ގޭތެރެއިން ނުދުވާތާ ހަފްތާއެއްވަނީއެވެ. ބޭނުންވާ އެޗެއް ފިހާރައިން ގެނަޔަސް ބުނަލާނީ ވަރަށް މަދު އެއްޗެކެވެ. ރޭގަޑުވެސްފިހާރަ ބަންދުކޮށްފައި މަޑުވެސް ނުވެ ނުކުމެގެން ދަނީއެވެ. ފިހާރައިން މަދުވާ ތަކެއްޗާއި ވިކުރާ ހިއްސާކުރުން މަދުވެއްޖެއެވެ. އެތަށް ފަހަރަކު ނާހިދު އާއި އަހަރެން ވާހަކަދައްކަން މަސައްކަތް ކުރީމެވެ. ނަމަވެސް ވަގުތު އެވަރަކަށް ނުދެވުނެވެ. ބަލީތޯ އަހާލުމުންވެސް ދިނީ ވަރަށް ކުރު އާދައިގެ ޖަވާބެކެވެ. އެވަރަކުން އަހަރެންނަކަށް ނުފުދުނެވެ. މެހެމާނުންނަށް ކާން ހެދުމަށްފަހު އަހަރެން ވަގުތެއް ހޯދައިގެން ފިހާރައަށް ވަނީމެވެ. ފިހާރާގައި އެއްވެސް މީހަކު ނެތެވެ. މަޑުމަޑުން ތުނިކޮށް ވާރޭވެސް ވެހެމުން ދިޔަ ވަގުތެވެ. ނާހިދު އިނީ ކޮންމެވެސް އެއްޗެއް ލިޔާށެވެ. އޭގެ ތެރެއަށް ގެއްލިފައި ހުރި ވަރުން ނާހިދުއަށް އަހަރެން މޭޒުކައިރީގައި ހުރިކަމެއްވެސް ނޭންގުނު އަހަރެން ނާހިދު އަށްގޮވާލީމެވެ. ސިހިފައި އަވަސް އަވަހަށް އެފޮތް ނަގާ ވައްގަނޑަށް ލަމުން ނާހިދު ގޮޑިން ތެދުވިއެވެ. ''ޝަހޫ.... މިތާ .. ކިހިނެތް ވީ އެއްޗެއް ބޭނުންވީތަ؟'' ބުނޭ އިރުކޮޅަކުން މިގެންގޮސްދޭނަށް ނާހިދު އަވަސް އަވަހަށް ވާހަކަ ދައްކަމުން ދިޔައެވެ. ނާހިދު ކިހިނެތް؟ މާ ބަލިކޮށް ފެންނަނީ ބަލީތަ؟ މިހާރު އަގައިން ބުނެދާ ވާހަކަ ދައްކާލަށްވެސް ގެއަށް ވަދެ ނުލާތީ..." އަހަރެން ނާހިދާ ދިމާއަށްބަލަން ހުރެ ވާހަކަ ދެއްކީމެވެ. " ޝަހުލާ މެހެމާނުންގެ ކަންތަކުގައި މާބުރަކޮށް އުޅޭތީ، އުދަގޫ ނުކުރީ... މާ ގާތް މީހުންވެސް ވަފުދުގަ ތިބިހެން ހީވާތީ.. ؟" އަހަރެންނާއި ފުރަގަސް ދެމުން ނާހިދު ބުނި ޖުމުލަ އަހަރެންގެ ހިތަށް ހެރުނު ތީރެއްފަދައިން އެންމެ ފުނަށް ވަދެގެން ގޮސްފިއެވެ. އެއީވެސް ތެދެކެވެ. ގިނަ ރޭ ރޭ ނާހިދު ފިހާރައިގެ ތަޅުގދަނޑި ޙަވާލުކުރަން އަންނަ އިރުވެސް އަހަރެންނާއި ޝަމީލު ބޮޑު ފެންޑާގައި ވާހަކަދައްކަން ތިބެމެވެ. އެކަމަށް ޚާއްސަކުރެވިފައިވާ ތާގައި ތަޅުދަޑި އަޅުވުމަށްފަހު ނާހިދުވެސް އަވަސް އަވަހަށްނުކުމެގެން ދަނީއެވެ. އަހަރެން ވިސްނާލީމެވެ. އެންމެ ކުރިން ސުރެވެސް ނާހިދު އަކީ ޚުލުޤުހެޔޮ، އަހަރެން ވަރަށް ގަދަރުކުރާ މީހެކެވެ. އަހަރެންނަށް އުދަގޫވާނެ އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ. ގޭތެރޭގައިވެސް އެއްވެސް ކަމެއް ނުކުރެވިގެން ބޭނުންވާ އެއްޗެއް ނުލިބިގެން އަހަރެން ހުންނާކަން ނުޖެހޭނެއެވެ. ނާހިދު އަހަރެންމެންގެ ގެއިން އެއްޗެއް ކާނަމަ ކާނީ އަހަރެން ކައިގެން ހުރިތޯ ބަލާފައެވެ. އެ އެހީތެރިކަމާއި ގާތްކަމަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަތުވެއްޖެނަމަ، އަހަރެންނަށް އެކަމުން ނުތަނަވަސްކަން ލިބެއެވެ. ނާހިދުގެ ތަޢުރީފްގެ ފަށުވި ބަސްތައް އަހަރެން އަހާހިތްވެއެވެ. ކާއެއްޗެހީގެ މީރުވާހަކައެވެ. އަހަރެން ލާފަ ހުންނަ ހެދުން ރީތިވާހަކައެވެ. ގޭތެރޭގެ ތަރުތީބު ކަމުގެ ވާހަކަ އެވެ. ފެށުނީންސުރެވެސް އަހަރެންނަކީ ފިރިއެއްގެ ފަރާތުންވެސް އެފަދަ އެއްވެސް ކަމެއް ހާސިލްވި މީހެއްނޫނެވެ. ކިތައްމެ މީރުކޮށް ކާން ތައްޔާރުކޮށްފައި ހުއްޓަސް މޭޒުމަތީގައި ހުރި ހުރިހާ އެއްޗެސް ހުސްކޮށްލައިގެން ފޭބިއަސް ޒާހިރު މީރެކޭ ނުބުނާނެއެވެ. ޒާހިރު ނިޔާވިފަހުން މިދިޔަ ދުވަސްތަކުގައި އަހަރެންގެ ހިތުގެ ފަޅުކަން ފިލުވާލަ ދިނީ ނާހިދުއެވެ. ނަމަވެސް އެއީ ދުރުން ޖެހެމުންދިޔަ ނަލަ ނަލަ ވައިރޯޅިއެއްގެ ސިފައިގައެވެ. ނާހިދުއާއި ދުރުގައި ހުންނަށް އަހަރެން ބޭނުންވިޔަސް ދުރަކަށް ނުދެވެއެވެ. ރުޅިއަންނަށް ކިތަށްމެ ބޭނުމަސް ރުޅިއެއް ނާދެވެއެވެ. ވާނީވެސް އެހެންތާއެވެ. ގިނަ ވަގުތުހެން ނާހިދު އުޅެނީ އަހަރެންގެ ގާތުގައެވެ. މަސައްކަތްކުރަނީ އަހަރެންގެ ގޭގައެވެ. ގިނަ ފަހަރު ކައި ބޮއި ހަދަނީ އަހަރެންނާއި އެކުގައެވެ.

އެންމެވެސް އިންތިޒާރުކުރަމުންދިޔަ ދުވަސް އައިސް ޖެހިއްޖެއެވެ. ކޯހުގެ ބައިވެރިންނަށް ސެޓުފިކެޓް ދިނުމާއި ވަނަ ވަނަ އައި ފަރާތްތަކަށްއިނާމު ދިނުމެވެ. ރޭގަނޑުގެ ދިހައެއް ޖަހާފިއެވެ. މަޑުމަޑުން ގޭތެރެ ހަމަހިމޭންވިއެވެ. ދަތުރަށް ތައްޔާރު ކުރުމުގައި އެންމެވެސް އަވަދެތި އުޅުނީ ކޮޓަރީގައެވެ.

ކާކޮޓަރީގެ ދޮރުން ވަދެގެން އައީ ޝަމީލެވެ. ފެންތައްޓެއް ދިނުމަށްއެދުނެވެ. އަދި އިށީނުމަށްވެސް އެދުނެވެ. ރަށުގައި މިވީހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ވަގުތު ދަނޑުތަކުގައި ގަދަ އަވީގައި އުޅުމުގެ ސަބަބުން ޝަމީލްގެ މޫނުމަތިވަނީ އަދާފައެވެ. " މިއީ ހާދަ ފެހި ރީތި ރަށެކޭދޯ؟ އަހަރެން ހިތަށް އަރާ މިކަހަ ހިތްފަށޭހަ ރަށެއްގައި އަހަރެންނަށްވެސް ހުރެވޭނެ ނަމައެ" ތާ އަބަދަށް" ދެންވެސް ވާހަކަ ދެއްކީ ޝަމީލެވެ. މާލޭގެ ހަލަބޮލި މާހައުލަށް އެބުރި ދާހިތެއްނެތް " އެކަމަކު އެއްވެސް ކަމެއްނެތި މަޑެއްވެސް ނުކުރެވޭނެތާ ދޯ" ސުވާލުގެ ނަޒަރަކުން އަހަރެންނަށް ބަލަމުން ޝަމީލް އަހަރެންނާ ދިމާއަށްތަށި ދިއްކޮށްލިއެވެ. " އަދި އަހަރެންނަށް ބަލަހައްޓައިގެން ހުރެ ބުނަމުންދިޔައެވެ. އަހަރެން ޝަހުލާގެ ވާހަކަ ތައް އަހައިފިން.. ބޭބެވެސް ކިޔައިދިން ވަރަށްދެރަވި ޝަހުލާ މިހާރު ތިހުރީ ހަމަ އެކަނިމާ އެކަނި އަހަރެން ހިތަށް އަރަނީ ޝަހުލާ އެދޭނަމަ.. އަހަރެން ޝަހުލާއާއި ކައިވެނި ކުރަން " އަތުގައިއޮތް ބިއްލޫރި ތަށި އަތުން ދޫވެގެން ވެއްޓުނީ އަހަރެންގެ ފައި ބުޑަށެވެ. ވިއްސައިގެންދިޔަ ބިއްލޫރި ކޮޅަކުންޖެހި، ފައި ކަނޑައިގެން ދިޔައީއެވެ. ފުޑު ފުޑުވެފައިވާ ބިއްލޫރި ތަށި ފަދައިގެން އަހަރެންގެ ހިތްވެސް ފުޑުފުޑުވި ކަހަލައެވެ. " ކިހިނެތް ތިހެދީ؟ އަވަސް އަވަހަށް އަހަރެން ގާތަށް ޖެހިލަމުން އަތުލަފި ކޮށްގެން އަހަރެން އެއްފަރާތްކުރަމުން ޝަމީލް ބުއްޏެވެ. މާބޮޑު އަނިޔާ އެއްނުވިކަމުގައިވިޔަސް އަހަރެންގެ ބޮލަށް އެބުރުން އަރާގޮތްވިއެވެ. މަޑުމަޑުން ގޮޑިމަތީ އިށީންދެފައި އަހަރެން ނަފްސު މަތަކުރަން މަސައްކަތް ކުރީމެވެ.

ޝަމީލް ހުރީ އަހަރެންގެ އަތުގައި ހިފަހައްޓައިގެންނެވެ. ދޮރުން ވަދެގެން އައި ނާހިދުއަށް އެމަންޒަރު ރަގަޅަށްވެސް ފެންނާނެއެވެ. ވަދެގެން އައި ދޮރުން ބޭރަށް ނުކުތުމަށްޓަކައި ދެންވެސް ނާހިދު ހިގައިގަތީ އައި ކޮޅަށެވެ. "ނާހިދު " އަހަރެން ތަންކޮޅެއް ބާރަށް ގޮވާލީމެވެ. ނާހިދު ފަހަތަށްއެބުރި ބަލާލިއެވެ.އަހަރެން ނާއި ހަތަރު ކަޅި ހަމަކޮށްލުމާއި އެކު ނާހިދު ތެޅިގަތެވެ. ލޭއަންނަމުންދިޔަ އަހަރެންގެ ފައިގާ ހިފަހައްޓާލިއެވެ. އަދި ދުވެފައި ބޭރަށް ނުކުތެވެ. އެއަށްވުރެ ބާރަށް އައިސް ތެޔޮ ފޮތިކޮޅަކުން އަހަރެން ގެ ފައިގާ އައްސާލާ ލޭ އަންނަ ތައް މަނާކޮށްލިއެވެ. އަހަރެންނަށް ހަމަޖެހުމުގެ ފުން ނޭވާއެއްލެވުނެވެ. ޝަމީލް ހުރީ ތަންކޮޅެއް ފަހަތަށް ޖެހިލާ މަންޒަރު ބަލާށެވެ. ދުރުގައި ހުރި ގޮޑީގައި އަހަރެން ބޭއްދުމަށްފަހު ނާހިދު އިލޮށިފަތިން ބިއްލްރިތައް އެއްކޮށްލިއެވެ. އަދި މުޅި ތަން ސާފުކޮށްލިއެވެ. އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން މަޑުމަޑުން ޝަމީލުއަށް ހިނިތުންވެލީމެވެ. "އެއްވެސް އިތުރު ކަމެއް ބޭނުންތަ؟ " އަހަރެންނަށް ބަލާލަމުން ނާހިދު ބުންނެވެ. ދެން ގޮސްލީ އޭ ބުނެ ނާހިދު ނުކުތީ ބޭރަށެވެ. އަހަރެން ހިތް އެތަށް ފަހަރަކު ނާހިދަށްގޮވިއެވެ. އަދި ނުދާށޭ ބުނަމުން ދިޔައެވެ. ނާހިދު ހުރީ އެއަޑު އިވޭ ހިސާބަށްވުރެ މާދުރުގައެވެ. ދޮރުން ނުކުންނަމުން އަނެއްކާވެސް އެބުރި އަހަރެން ބަލާލުމަށްފަހު ނާހިދު ނުކުމެގެން ދިޔައީވެއވެ.

އަނެއްކާވެސް އަހަރެންނާއި ޝަމީލްއާއި އެކަނިވީއެވެ. " ޝަހުލާ އަށް މީހެއްގެ އެހީތެރިކަން ބޭނުންވޭ އަބަދު ކިހިނެތް ތިހެން އެކަނި ހުންނާނީ މިރޭ މިވީ ކުޑަކަމެއް މާދަމާވެސް ވާނެގޮތެއް ނޭގެއެންނު؟.... އަހަރެން ޝަހުލާގެ ޖަވާބަކަށް މި އިންތިޒާރުކުރަނީ އަދިވެސް އަހަރެން ޝަހުލާ ބޭނުން .. އަހަރެންނަށް އެނގޭ ޝަހުލާ އަދިވެސް ތި އިންތިޒާރުކުރަނީ އަހަރެންނަށްކަން "..ނަޢީމުގެ ވާހަކަ ނުނިމެނީސް ބޭއިޚްތިޔާރުގައި އަހަރެންނަށް ނޫނެކޭ ބުނެވުނެވެ. ޝަމީލް ހައިރާންވެފައި އަހަރެންގެ މޫނަށްބަލާލިއެވެ. ފައިން ނަގަމުންދިޔަ މަޑު ދިލަ އަހަރެން މުޅި ހަށިގަނޑުންވެސް ނަގަމުންދިޔަ ކަހަލައެވެ. އަނެއްކާވެސް އަހަރެން ބުނީމެވެ." ނޫނެކެވެ. " އަހަރެން ..އިންތިޒާރެއް ނުކުރަން،" ވަރަށް ސާބިތުކަމާއެކު އަހަރެން ބުނީމެވެ. ކޮންމެސް ހިސާބެއްގައި އަހަރެމެންގެ މެދުގައި ގާތްކަމެއް އޮތް ނަމަވެސް އަހަރެން އެއްވެސް އިރެއްގަ ޝަމީލްއަކަށް އިންތިޒާރެއް ނުކުރަން... އެ ފުރުޞަތެއް އަހަނަކަށްނުލިބޭ.... ވަގުތާއި ހާލަތު ބަދަލުވެއްޖެއެވެ، އަހަރެންނާއި ވަށައިގެން ހުރި ކަންކަން ބަދަލުވެއްޖެ" ތެދެކެވެ. އަހަރެންގެ ރިދިއުޅުން ވަރަށް އެކަނިވެރިއެވެ. ފެށުނީންސުރެވެސް މެއެވެ.

އެހެން ނަމަވެސް އަހަރެން އެދެނީ އަހަރެންނަށް އޯގާތެރި އަހަރެން ދެކެ ލޯބިވާ މީހެކެވެ. އުމުރުގެ ބާކީ މިއޮތްބައިގައި އެކަނިވެރިކަން ފިލުވާދޭނެ މަދަދުގާރެކެވެ. ލޯބިވެރިއެކެވެ. ފިރިއެކެވެ. އެކުވެރިއެކެވެ. އެހީތެރިއެކެވެ. ޝަމީލުގެ މޫނަށް ބަލަންހުރެ ދެންވެސް އަހަރެން ވާހަކަ ދެއްކީމެވެ. "ޝަމީލު އަށް މިހާރު އަހަރެންގެ މިއެކަނިވެރިކަން ފިލުވާދެވޭނީ ކިހިނެތްހެއްޔެވެ؟ ލޯބިވާ އަނބިމީހާއާއި ދަރިންގެ ގާތަށްދާށެ.. އެމީހުން އުފާކޮށްދޭށެ... އަހަރެންގެ ބައިވެރިޔާ އަހަރެންނަށް އެބަ އިންތިޒާރުކުރޭ.... އެއީ އަހަރެންދެކެ ލޯބިވާނެ މީހެއް،.... ވަފާތެރިވާނެ މީހެއް، . އޯގާތެރިވާނެ މީހެއް، .... އަހަރެން ދެލޯ މަރާލީމެވެ. އަދި ވާހަކަ ކުރިއަށް ގެންދިޔައީމެވެ. "އެއީ ފެށުނީންސުރެވެސް އަހަރެންގެ ހާލު ބަލާ މީހާ... އަހަންނަށްޓަކައި އޭނަގެ މުޅި ދިރިއުޅުމުގައި އޭނާ އިންތިޒުރު ކުރި... އެއީ ނާހިދު..... އެ ގާތްކަން ހިލޭކޮށްލަން މަސައްކަތް ކުރިވަރަކަށް އަހަރެންނަށް އެކަން ކާމިޔާބެއްނުވި.. ބުނަށްބޭނުންވި ވާހަކަތައް އަހަރެންގެ ދުލުން ނުކުތީ އެއްވެސް އިހުތިޔާރަކާ ނުލާހެން އަހަރެންނަށް އިޙްސާސްކުރެވުނެވެ.

ކާ ކޮޓާރީގެ ދޮރިގައި މަޑުމަޑުން މީހަކު ޓަކި ޖަހާލުމާއެކު އަހަރެން ދެމީހުންނަށްވެސް އެއްފަހަރާ ބަލާލެވުނެވެ. ނާހިދު ހުރީ ދޮރިމަތީގައެވެ. ތަޅުދަނޑި ދިއްކޮށްލައިގެންނެވެ. މަޑުމަޑު ހިނިތުންވުމެއް އޭނާގެ މޫނު މަތިން ފާޅުވާން ހުއްޓެވެ. " ހަނދާންނެތި ތަޅުދަނޑި ހިފައިގެން މިދެވުނީ " އަހަރެން އިސް ޖަހާލީމެވެ. މިތާ ދެކެވުނު ހުރިހާ ވާހަކައެއްވެސް ނާހިދު އަޑު އަޑުއަހައިފިއެވެ. އަހަރެންގެ ހިތަށްހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުން ކޮރު ޖަހަމުން ކަހަލަގޮތަކަށް ނާހިދުގެ ގާތަށް އަހަރެން ޖެހިލީމެވެ. މަޑުމަޑުން ދަނީ އޭ ބުނެ ޝަމީލް ނިކުމެގެން ދަމުން ނާހިދުއަށް ބަލަލިއެވެ. އަދި ތަޅުދަނޑި ނަގާ އޭނޭގެ މުށުތެރެއަށްލާ އަހަރެންގެ އަތުން އެ މުއް ބާރުކޮށްލީމެވެ. "ދެން ތި ތަޅުދަނޑި ނާހިދު އަތުގަ ބާއްވާ" އަމާނާތަކީ އޭގެ އަހުލުވެރިންނަށް އަދާކުރަންޖެހޭ އެއްޗެއް " ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އަދި އެކުގައި ހިނިތުންވެވުނެވެ.
އާ ދުވަހަކަށްއިރު އަރައިފިއިއެވެ. މެހެމާނުންގެ ސައިގެ ކަންތައް ނިމިއްޖެއެވެ. ފޮށި ތަކާއި ހަދިޔާތައް ހިފައިގެންފުރަން ތައްޔާރުވަމުން ދަނީ އެވެ. އެންމެ ފަހަތުން ކަހަލަ ގޮތަކަށް އަހަރެންވެސް މަޑުމަޑުން އަތިރި މައްޗަށް ނުކުތީމެވެ. ޝަމީލް އަހަރެންނާއި ސަލާމް ކޮށްލިއެވެ. އަދި ހިނިތުންވެލުމަށްފަހު، ދުރުގައި ހުއްޓިހުރި ނާހިދު އަށް އިޝާރާތްކޮށްލިއެވެ.

ލޯންޗު ފުރައިގެން ދާތަން ބަލަން ނާހިދު ހުއްޓެވެ. އަހަރެން ނާހިދުގެ ގާތަށް ޖެހިލީމެވެ. ދެމީހުންށްވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެވުނެވެ. އެއީ އުފާވެރިކަމުގެ ހިނިތުންވެވުމެކެވެ. ހިތްހަމަޖެހުމުގެ ހިނިތުންވެވުކެވެ. "ޝަހުލާގެ ގެއްލިފައިވާ ތިޔަ ރީތި ހިނިތުންވުން އަހަރެން އަނބުރާ ހޯދަދޭނަށް.. މީ އަހަރެން ކުރަމުންދިޔަ ދިގު އިންތިޒާރުގެ ނިމުން" . އުފަލުންގޮސް އަހަރެން ދެލޯ މަރާލީމެވެ.


ނިމުނީ

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ފާތިމަތު ފަޒީލާ މ. މުލަކު / އާވެލި އެވެ. ވާހަކަ ހުށައެޅީ އައިމިނަތު ޚާލިދުއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 27 ރަމަޟާން 1442 އެވެ.