ޚަބަރު

އެންމެ ބާރަށް ކުރިއަރަނީ ޑައިވިންގ ސްކޫލްތަކުގެ އާމްދަނީ


  • މި ދާއިރާއިން 47 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައި

  • ޑައިވިންގ ސްކޫލްތަކުން ލިބުނު ޖީއެސްޓީ ވަނީ އިތުރުވެފައި

ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ޑައިވިންގ ސްކޫލްތަކުގެ ވިޔަފާރިކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި ދާއިރާއިން 47 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު، ފަތުރުވެރިކަމުގެ ބައިން އައުޓްޕުޓް ޓެކްސްގެ ގޮތުގައި 447 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ސިނާއަތުން އައުޓްޕުޓް ޓެކްސްގެ ގޮތުގައި ލިބުނު 371 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާ ބަލާއިރު 20.5 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ ތެރެއިން އެންމެ އަވަހަށް އަދި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޑައިވިން ސްކޫލުތަކުގެ އާމްދަނީ އަށެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑައިވިން ސްކޫލުތަކަށް އާމްދަނީގެ ގޮތުގައި 32.03 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 47.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑައިވިންގ ސްކޫލްތަކުން ރިޕޯޓްކޮށްފައިވަނީ 21.68 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ.

މިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑައިވިންގ ސްކޫލްތަކުން ލިބުނު ޖީއެސްޓީވެސް ވަނީ 39.5 އިންސައްތަ އިތުރުވެ، 269.26 މިލިޔަން ޑޮލަރަށް އަރާފައެވެ. މި ކުރިއެރުމަކީ މުޅި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށްވުރެ މަތީ އަދަދެއް ކަމަަށް މީރާގެ ކުއާޓާލީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މޫދު ކުޅިވަރާއި ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށް ބަލާއިރު، ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގެ އާމްދަނީވެސް ވަނީ 49.2 އިންސައްތަ އިތުރުވެ، 8.2 މިލިޔަން ޑޮލަރުން، 12.37 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. އަދި ހޯމްސްޓޭ ގެސްޓްހައުސްތަކުގެ އާމްދަނީ 60.8 އިންސައްތަ އިތުރުވެފައިވީ ނަމަވެސް، އެއީ ނިސްބަތުން ކުޑަ އަދަދެކެވެ. އަދި ފަތުރުވެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ރިސޯޓްތަކުގެ އާމްދަނީއަށް ލިބިފައިވަނީ 21.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ތަފާސްހިސާބުތަކަކީ 2025 ޑިސެންބަރުން ފެށިގެން 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ހިމެނޭ ޓެކްސް މުއްދަތުގެ ހިސާބުތަކެވެ. އަދި މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް މިފަދަ ކުރިއެރުމެއް ލިބިފައިވަނީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11.6 އިންސައްތަ އިތުރުވުމާ ގުޅިގެން ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.