ތޮއްޖެހިފައިވާ މާލޭގައި، މުނިފޫހިފިލުވާލުމަށް ބައިވެރިވާނެ ހަރަކާތްތަަކާއި ވަސީލަތްތައް ނެތުމަކީ ޒުވާނުންގެ އޮތް ދުވަސްވީ ޝަކުވާއެކެވެ.
ޒުވާނުންނަށް ފަހިކޮށްދޭ ފުރުޞަތުތަކުގެ ތެރެއިން، މާލޭގައި އީ-ސްޕޯޓް އެރީނާއެއް ތަރައްޤީކުރުމަށް އެކަމަށް ކޮންޓްރެކްޓަރެއް ހޯދުމަށް އިއުލާނުކުރީ ޖޫން މަހުގެ 29ވަނަ ދުވަހުއެވެ. އީ ސްޕޯޓް އެރީނާ ތަރައްޤީކުރަނީ ސަލްޓަން ޕާކުގައި ކުރީގެ ވިންޓަރ ޕާކު އިމާރާތް ހުރި ތަނުގައެވެ.
މިއީ، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭގޮތަށް އެކިކަލަހަ ގޭމިންއާއި އީ-ސްޕޯޓް ފެސިލިޓީތައް ހިމެނޭގޮތަށް ތަރައްޤީކުރަން ނިންމާފައިވާ ތަނެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ސެންޓަރުގައި ގޭމްތައް ކުޅުމާއި، ޑިޖިޓަލް އެންޓަޓެއިންމަންޓް އަދި ޒުވާނުންނަށް ޚާއްސަ އިތުރު ހަރަކާތްތައް ހިމެނެއެވެ.
ގޭމުކުޅޭ އޭރިއާއާއި، ކުޅިވަރު ބަލަން ތިބެވޭނެ ޖާގައާއި، ކުޑަކުދިންގެ އަރކޭޑް އޭރިއާ، ސްޓްރީމްކުރުމާއި ބްރޮޑްކާސްޓް ރޫމް މިތަނުގައި ހުންނާނެއެވެ.
މިއީ ތޮއްޖެހިފައިވާ މާލޭގައި، ޒުވާނުންނަށް އެކި ކަހަލަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަރައްޤީކުރަން ނިންމާފައިވާ ތަނެކެވެ. އަދި ޓެކްނޮލޮޖީއާއެކު އަންނަމުންދާ އީޖާދީ ބަދަލުގައި ދިވެހިންނަށްވެސް ބައިވެރިވެ ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމަށް ހަދަން ނިންމާފައިވާ ތަނެއްކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢު ކުރިއަށްގެން ދިއުމަށް، ކޮންޓްރެކްޓަރެއް ހޯދުމަށް ޖޫން މަހުގެ 29ވަނަ ދުވަހު ވަނީ ބީލަމަށް ހުޅުވާލާފައެވެ. ބީލަން ހުށައެޅުން އޮންނާނީ މިމަހުގެ 16ވަނަ ދުވަހުއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮގަސްޓްމަހުގެ ނިޔަލަށް، މި މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މާލޭގެ އާބާދީ އިތުރުވުމާއި ތޮއްޖެހުން ބޮޑުވުމާއެކު، ބޭރަށް ނިކުމުގެ އެއްވެލާ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ޒުވާނުންނަށް ވަނީ ކުޑަވެފައެވެ. މިކަމަށް ރިޢާޔަތްކޮށް، ސަރުކާރުން ދަނީ ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ވަނީ މާލޭގައި ޒުވާނުންގެ ތަރޑް ސްޕޭސް ޔޫތް ހަބް ހުޅުވާފައެވެ. އެތަނުގައި ޒުވާނުންނަށް ތަފާތު ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް، ވިޔަފާރި އެކްސްޕޯތައް އަދި އެންޓަޓެއިން އެކި ހަރަކާތްތައް ޒުވާނުންނަށް ހިންގޭނެ ފެސިލިޓީ އެތަނުގައި ވަނީ ޤާއިމުކޮށްފައެވެ.
މިފަދަ އިތުރު 6 ފެސިލިޓީއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެތެރޭގައި އައްޑޫ ސީޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.