ޚަބަރު

ވާހަކަ: މޮޔަ އަހަންމަދު


"އެއްކަލަ މޮޔަ އަހަންމަދު! މިއަދު ވެސް ފެށީ ދޯ." ރުޅިވެރިކަމުން ފުރިގެންވީ ރާގެއްގައި އަޙްމަދުގެ ބޮޑުބޭބެ، ވާފިރު އޭނާއާ ކުރިމަތިލިއެވެ.
ވާފިރުގެ ވިހަ ޖުމުލައިގެ ސަބަބުން އަޙްމަދަށް ސިހުން ގެނުވިއެވެ. އެ ވިހަ ލަފުޒުތައް އޭނާއަށް ސިފަކުރެވުނީ ތޫނު ތީރުތަކެއް ފަދަ ގޮތަކަށެވެ. ނަމަވެސް، އެ ތީރުތަކުން ޒަހަމުވީ ފާތިނާއެވެ. ތީރުތައް ހެރުނީ ފާތިނާގެ ހިތަށެވެ. ފާތިނާގެ ދެ ލޯ އާދަޔާ ޚިލާފަށް ތެތްވެ ކަރުނައިގެ ސާލެއް ހިލިގަތީ ވެސް އެހެންވެއެވެ. އޭނާ ހިއްލައިލި ފިޔަވަޅު ވެސް ހުއްޓުނެވެ. މީހާ ގަނޑުވިއެވެ. ވާފިރަށް އެ މަންޒަރު ފެނުނެވެ. އޭނާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"މާތް ކަމަނާފާނު." ޖެއްސުމުގެ ރާގުގައި ވާފިރު ގެ ޝަހާދަތް އިނގިލި އަމާޒުކޮށްލީ ފާތިނާގެ ނޭފަތާ ދިމާއަށެވެ.
އެ މަންޒަރު އަޙުމަދަށް ވެސް ފެނުނެވެ. އޭނާގެ ކޮނޑުގައި އޮތް ގޯނިން އަތްދޫވިއެވެ. ގޯނި ބިންމައްޗަށް ވެއްޓުނެވެ. ގޯނިން ކުލަކުލައިގެ ޕުލާސްޓިކް ފުޅިތައް ބޭރުވިއެވެ. ކޮންމެ ފުޅިއެއްގައި ވަނީ މަތި ޖަހާ ބާރުކޮށްފައެވެ.

ވާފިރު ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ. އޭނާގެ ތުންފަތަށް ގޮތެއް ހަދައިލިއެވެ. އޭނާއަށް ލަސްލަހުން ހިންދިރުވާލެވުނެވެ. އަޙްމަދު ކަންބޮޑުވީ އެހެންވީމައެއް ނޫނެވެ. ފާތިނާއަށް ކުރި އަސަރުންނެވެ. އެހެންވެ އަޙްމަދުގެ ހިތަށް ތަދުވިއެވެ. އޭނާ ލަސް ފިޔަވަޅު ތަކެއް އަޅަމުން ހިނގައިގަތީ ފާތިނާއާ ދިމާއަށެވެ.
"ކަލޭ ތިހެން އުޅޭނީތަ؟ ނޫނީ އެއްބަސްވާނީތަ؟" އަޙްމަދުގެ ފިޔަވަޅުތަކަށް ހުއްޓުން ގެނުވީ ވާފިރުގެ އިންޒާރެއް ފަދަ ޖުމުލަތަކުންނެވެ.

އަޙްމަދަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅާކަށް ނުކެރުނެވެ. ހީވީ ބިމުގަޑިން ނޭނގޭ ބާރަކުން އޭނާގެ ދެފައިގައި ހިފަހައްޓައިލިހެންނެވެ. އެ ހުރި ގޮތަށް ގަނޑުވެފައި އޭނާ ހުރީއެވެ. އަނެއްކާ ވެސް ފާތިނާ ބަލައިލީ އަޙުމަދުގެ މޫނަށެވެ. އޭރު ފާތިނާގެ ދެ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިން އޭނާގެ ބުރުގާއަށް ތިކި ޖަހަމުން ދިޔައެވެ.
ވާފިރު ހަޅޭއްލަވާން ފެށިއެވެ. މިފަހަރު އޭނާ ކުރިމަތިލީ ސީދާ ފާތިނާއާއެވެ. ފާތިނާގެ ނިކަމެތިކަމާއި އޭނާ ކޮށްދިން ކަންތަކުގެ ވާހަކަތައް ރޮދިފަށަކަށް މިނާ ފުށްތަކެއް އަމުނައިލާހެން އެއް ފައްޗަކަށް އަމުނައިލިއެވެ.

"މަ ކިތައް ފަހަރު ބުނާނީ، ކަލޭ ބަލައި ބޮޑު މިކުރީ ބޭނުމަކުއޭ." ވާފިރުގެ ޖުމުލަތަކުން ފާތިނާގެ ހިތުގައި ޅިޔަ ޖަހަމުން ދިޔައެވެ.
ފާތިނާއަށް ހުރެވުނީއެވެ. އޭނާއަށް ހީވީ ވަށައިގެން ބަންދުކޮށްފައިވާ ކޮށްޓެއްގެ ތެރޭގައި އޭނާ ތާށިވި ހެންނެވެ. ނޭވާ ހާސްވެ މީހާ ކުޑަވަމުން ދާހެންނެވެ. ފާތިނާއަށް އެހުރި ފިޔަވަޅުމަތީ ހުރެވުނީ އެހެންވީމައެވެ. އޭނާގެ ނިކަމެތި ހާލަތު ވާފިރު އަންގައިދިނީތީއެވެ. އޭނާގެ ފެންވަރު ބުނެދިނީތީއެވެ.

ހަމަ އެވަގުތު ވާފިރުގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާ ފޯނަށް ބަލައިލަމުން ފާޑަކަށް މޫނު ހަދައިލުމަށް ފަހު ގެއާ އިންވެގެން އޮތް ބޮޑު މަގަށް ނުކުތެވެ. ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ކުރިއަށް ދިޔައެވެ. ބަރުހެލި ހިނގުމެއް ގައެވެ.
ފާތިނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލިއެވެ. އޭނާ އަރުތެރެއަށް ތެތްކަމުގެ އިހުސާސް ކުރެވުނީ ވެސް އެ ވަގުތުއެވެ. އެ މަޑުމަޑުން ފާތީނާގެ އަތުގެ ނުފުށުން އޭނާގެ ދެ ލޯ ފޮހެލިއެވެ. ލަސްލަހުން އަޙްމަދާ ދިމާއަށް ބަލައިލިއެވެ.

އަޙްމަދު ހުރީ އިސްޖަހައި ގެންނެވެ. ބިންގަނޑަށް ކަނާއަތު ފައިގެ ބޮޑުވައި އިނގިލި ކޮށްޕާލި ގޮތަށެވެ. އޭނާގެ ބޮޑުވާ އިނގިލިން ބިންގަނޑު ކޮންނަމުން ދިޔަ މަންޒަރު ފާތިނާއަށް ފެނުނެވެ. އެއާއެކު ފާތިނާގެ ހަރަކާތްތައް އަވަސްވިއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ވަނީ ގޭތެރެއަށެވެ. އަވަސްއަވަސް ކޮށްލައިގެން އޭނާ ގޭތެރެއިން ނުކުތެވެ.

ފާތިނާގެ ހިނގުން ބާރުވަމުން ދިޔައެވެ. އަތުގައި ހުރި ފެންތަށީގައި ދެ ފަރާތަށް ބާނިލައި ފެންތިކިތައް ބުރައިގެން ދެއެވެ. ފާތިނާ އެ ދިޔަ ގޮތަށް ގޮސް އަޙްމަދުގެ އަތުގައި ހިފިއެވެ. އެ އަތް ވަނީ ހަރުވެފައެވެ. ގަނޑުވެފައެވެ. މުއްކެވިފައެވެ. ފާތިނާގެ އެއް އަތުން އަޙްމަދުގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. އޭނާގެ ގަޔަށް އަރާފައި ހުރި ބާރުގަނޑު ކެނޑުނެވެ. ފާތިނާ އަތުގައި ހުރި ފެންތަށި އަޙްމަދަށް ދިއްކޮށްލިއެވެ. އަޙްމަދު ބަލައި ވެސް ނުލައި އެ ފެންތަށީގައި ހިފައި އެއް ނޭވާއިން ދަމާލިއެވެ.
ސަލާން ގޮވި އަޑަށް ފާތިނާ ފަސްއެނބުރި ބަލައިލިއެވެ.
"ކީއްކުރާ ކުދިން ތަކެއް؟" ފާތިނާގެ އަޑު ނުކުތީ ކުރެހެމުންނެވެ.

އެ ކުދިން ކޮނޑުގައި އޮތް ދެ ގޯނި އެ ކުދިންގެ ކުރިމައްޗަށް ވައްޓައިލިއެވެ. ފާތިނާއަށް ވިސްނުނެވެ. އެހެންވެ އެ ކުދިންނަށް ޝުކުރު އަދާ ކުރިއެވެ. ފާތިނާ އެތެރެއަށް ދިޔައީ އެކުދިންނަށް ހަދިޔާއެއް ހިފައިގެން އަންނަނީ ކަމަށް ބުނެފައެވެ. ފާތިނާ ދިޔުމުން އަޙްމަދު ބަލައިލީ ދެ ކުދިންގެ މޫނަށެވެ. އަސަރުން ފުރިގެންވާ ގޮތެކެވެ. އެ ދެކުދިން އަޙްމަދުގެ ގާތަށް ޖެހިލިއެވެ.
"ބޭބެ ކީއްކުރާހާ ފުޅިއެއްތަ ތި އެއްކުރަނީ؟ ތި އެއްކުރާ ފުޅިތައް ލަނީ ކޮންތަނަކަށްތަ؟ މި ރަށުން މިހާރު ހުސްފުޅިއެއް ނުފެނޭ." އެތަނުން އެއް ކުއްޖަކު ސުވާލުކޮށްލިއެވެ.

"އެކަމަކު މި ރަށުގައި ކުރީގަ ހާދަ ހުސް ފުޅިއެއް ހުރެޔޭ ދޯ،" ދެވަނައަށް ހުރި ކުއްޖާ ވެސް ހިނިތުންވެލިއެވެ. "މިސް ވެސް ބުނި ޕްލާސްޓިކް ފުޅިއަކީ ވަރަށް ދުވަހުން ވީރާނާވެ ހަލާކުވާ އެއްޗެކޭ. ޕްލާސްޓިކް ގިނަވީމަ ގެއްލުން ވާނީ ހަމަ އަހަރުމެންނަށޭ. މޫދާ ފަރާއި ދިރޭ ތަކެއްޗަށް ވެސް ގެއްލުން ލިބެޔޭ. އެހެންވެ ބޭބެ ފުޅި އެއްކުރާތީ އަހަރުމެން ވެސް ބޭބެއަށް އެހީވާން ފުޅި މިގެނައީ."
އަޙްމަދު އެ ދެ ކުދިންނާ އެއް ހަމައަކަށް ތިރިވެލިއެވެ. ދެ ކުދިންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ޝުކުރުވެރި ނަޒަރަކުންނެވެ.
"އިރާދަކުރެއްވިއްޔާ މި ފުޅިތަކަކީ ބޭނުންތެރި އެއްޗަކަށް ބޭބެ ހަދައިދޭނަން. ތިކުދިން ބޭބެއާއެކު ތިބޭތި،" އަޙްމަދުގެ ފުރިހަމަ އަޑު ނުކުތީ ދެ ފަހަރަކު އަނގަ ހުޅުވާލުމުންނެވެ. "ބޭބެއަކީ މޮޔައެއް ނޫންކަން އަދި ވިސްނޭނެ."
"ބުނާނެ އެއީ މޮޔައެއް ނޫނޭ. އެހެންވީމައެއްނު މޮޔައިން ކުރާ ކަހަލަ ކަންކަން އެ ކުރަނީ." ބަނދަރު މަތީގައި ހުރި ކާނިގަހުގައި އެލުވާފައިވާ އުނދޯލީގައި އޮތް ދެބައި އުމުރުގެ ހާޝިމު އިޝާރާތްކުރީ ނިޔާޒަށެވެ.

ނިޔާޒު އެހެން ބުނެލީ ތަންކޮޅެއް ދުރުން އަޙްމަދު ފެނުމުންނެވެ. އޭރު އަޙްމަދު އުޅުނީ ގޮނޑުދޮށުގައި ހުރި ލަކުޑިތަކެއް އެއްކުރާށެވެ. އެއީ ބޭކާރު ލަކުޑިތަކާއި ކުނި ގާތަށް އުކާ ސަރަހައްދެވެ.
"އޭނާއަކީ ކިޔަވައިގެން ހުރި މޮޅު މީހެއް. އެކަމަކު އޭނާއަށް ދިމާވި ގޮތުން އެހުރީ ނަފުސާނީވެފަ،" ހާޝިމު ވެސް އަޙްމަދާ ދިމާ ބަލައިލަމުން ބުނެލިއެވެ. "މަށަށް ހީވަނީ އޭނާ ގޯސްވީ ވާފިރު އޭނާއަށް ފަންޑިތަ ހަދައިގެންހެން. އެކަހަލަ ވާހަކައެއް މަގޯތި ރުގިއްޔާފުޅު ވެސް ބުނި."

"ކީއްވެ ފަންޑިތަ ހަދަންވީ؟ ވާފިރު ނޫންތަ އެ ސޮރަށް ހުރިހާ ކަމެއް ކޮށްދެނީ؟" ނިޔާޒު މޫނަށް ގޮތެއް ހަދައިލިއެވެ.
"ދުރުގައި ބަލަން ހުންނަ މީހަކަށް މަންޒަރު ފެންނާނީ ތިހެން." ހާޝިމު ދެ ބުމަ ކައިރިކޮށްލިއެވެ.
ދެމީހުން ވާހަކައިގެ ތެރެއަށް ގެނބެމުން ދިޔައެވެ. ކޮޅުދާލިތައް ގޯނި ގޯންޏަށް އަޅައި ލަކުޑި ފަތިތަކެއް ނަގައި ބޮނޑިއަކަށް އަޅައިލިއެވެ. ފަތިބޮނޑި ކޮނޑަށް ލައިގެން އަޙްމަދު ހިނގައިގަތެވެ. އޭނާގެ ހިނގުމުގައި ހުރީ ފަރިތަކަމެވެ. ހަރަކާތްތަކުގައި ހުރީ ލުއި ވަޒަނެކެވެ. އެ މަންޒަރުބަލަން ހާޝިމާއި ނިޔާޒު ތިބެ ދެއްކީ އަޙްމަދުގެ ވާހަކައެވެ.
"އޭނާ އެ ކުރަނީ ކޮންމެ ވެސް މަސައްކަތެއް. އެއް ކުރަނީ ފުޅިއާ ލަކުޑި. އެހެން އެއްޗެއް އޭނާ އެކެއް ނުކުރޭ." ހާޝިމު މޫނަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.
"ހިނގައިބަލަ ފާރަލާން. އެ އެއްޗެހި ގެންދާ ތަނެއް ބަލަން." ނިޔާޒު ޚިޔާލެއް ދިނެވެ.
"ކީއްކުރަން؟ އަހަރުމެން ވެސް މޮޔައިންގެ ލިސްޓަށް އަރުވަފާނެ." ހާޝިމަށް އެއްބަހެއް ނުވެވުނެވެ.
"މަ ބޭނުން އޭނާ ކުރާ ކަމެއް ބަލަން. ހިނގައިބަލަ." ނިޔާޒު ކޮޅަށް ތެދުވިއެވެ.
ނިޔާޒުގެ ފަހަތުން ހާޝިމު ވެސް ތެދުވިއެވެ. އެ ދެ މީހުން މިސްރާބު ޖެހީ އަޙްމަދު ދިޔަ މަގަށެވެ. ބޭނުންވީ އަޙްމަދުގެ ފަހަތުން މުގޯލި އަޅާށެވެ. އޭނާ ކުރާ ކަމެއް ބަލާށެވެ.

އަޙްމަދުގެ މިސްރާބު ހުރީ ރަށުގެ ކަނޑޫފަލާ ދިމާ އަށެވެ. އެއީ ކުޅިއެކެވެ. ކުޅި އޮންނަނީ އާއްމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދެއްގައެއް ނޫނެވެ. އެހެންވެ އެ ތަނަށް ދެވެނީ ހަނިހަނި މަގަކުންނެވެ. އަޙްމަދުގެ ބޯކޮޅު ބަލަމުން އޭނާގެ ފަހަތުން ނިޔާޒާއި ހާޝިމު ވެސް ކުރިއަށް ދިޔައެވެ. އެ ދެމީހުން ވެސް ދައްކަމުން ދިޔައީ އަޙްމަދުގެ ވާހަކައެވެ. ސިއްރު ސިއްރުންނެވެ.
ހަމަ އެ ވަގުތެވެ. އާދައިގެ މަތިން ފާތިނާގެ އެކުވެރިޔާ، މަރިޔަންއާއެކު ދެ މީހުން ތިބީ ރަށުގެ ދެކުނުކޮޅު ތުނޑީގައެވެ. ފާތިނާގެ ހިތުގެ އުދާސްތަކާއި ގިލަންވެރިކަން ވަޅުލަނީ އެ ދޮންވެލި ތުނޑީގައެވެ. އެކަމަށް މަދަދުވެރި ވަނީ މަރިޔަންއެވެ.
"އަހަންނަށް ހީވަނީ ފާތިނާއަށް ލޯބި ވެވުނީހެން." މަރިޔަން ހިނިތުންވެލިއެވެ.
"މީހުން ބުނޭ ލައިދީ ގޮވުމަކީ އިސްތިރިއެކޭ އިނގޭ." ފާތިނާ ވެސް ހިނިތުންވެލިއެވެ.
"މި މަގޫގަސްތަކާ، މި ތުނޑި ވެސް އެހެން އެބަ ކިޔާ." މަރިޔަން އިޝާރާތްކޮށްލީ ވަށައިގެންވާ މާހައުލަށެވެ.
"އަސްލު ވަރަށް ކަމުދޭ. ގަޔާވާ ގޮތެއް ހުރޭ. މަށަށް ވެސް ހީވޭ އޭނާ ލޯބިވާހެން. އޭނާ މަށަށް އިޙްތިރާމުކުރޭ. އަޅައިލާ. ކަތި ނަޒަރަކުން ބަލާ. މަ ހޭލަންދެން ކޮންމެ ރެޔަކު ކޮޓަރި ކައިރީ ގޮނޑިއެއްގައި އިނދޭ. މިއަށް ދޭނެ ނަމެއް މަށަކަށް ނުވިސްނޭ." ފާތިނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އަސްލު ކިހިނެއްތަވީ އޭނާއަށް؟ މަ އަޑުއެހިން އޭނާ އޮސްޓްރޭލިއާއަށް ކިޔަވަން ދިޔައީ ކާވެނި ވެސް ކޮށްގެން އަނބިމީހާ ގޮވައިގެންނޭ ބުނާތީ. އަޙްމަދު މަންމަ ވެސް އެކޮޅަށް ގެންދިޔައީ އަންހެނުން ބަނޑުބޮޑުވެގެންނޭ ކިޔާތީ." މަރިޔަން ހިނިތުންވެލުމަށް ފަހު އޭނާ ނިތަށް ގޮތެއް ހަދައިލަމުން މައުޟޫއު ބަދަލުކޮށްލިއެވެ.
"އެ ސޮރު ކިޔަވާ ނިންމައިގެންތަ މި ރަށަށް އައީ؟" ބޯކޮޅު ބަލަމުން ހާޝިމުމެން ކުރިއަށް ދިޔައީ ދެމީހުން ދެމީހުންނަށް ސުވާލު ވެސް ކުރަމުންނެވެ.

"ކިޔަވާ ނިންމުނީ ވެސް ކިރިޔާ ކަމަށް ވަނީ." މަރިޔަންގެ ސުވާލަށް ފާތިނާ ޖަވާބު ދިނެވެ.
"ވަރަށް ހިތާމަވެރި ގޮތެއް އެ ފަކީރަށް ދިމާވީ." ނިޔާޒު ގަސްތަކާ ނިވާވެލަމުން ވައި އަޑުން ބުނެލިއެވެ.
"ކިހިނެއްވީ؟" ފާތިނާގެ ވާހަކައިގެ ތެރެއަށް މަރިޔަން ގެނބެމުން ދިޔައެވެ.
"އަޙްމަދު ދިޔައީ ފަހު އިމްތިހާނަށް. އެއީ އަންހެނުންނަށް ދުވަސްފުރޭ ކަމަށް ޑޮކުޓަރުން ދިން ތާރީޚަކީ. އަޙްމަދު އުޅުނީ ޓެސްޓު ނިންމައިފަ ހޮސްޕިޓަލަށް ދާން." ފާތިނާ އަތުގައި އޮތް އެންމެ ފަހު ހޯލިކޮޅު ދުރަށް އެއްލައިލިއެވެ.

މަރިޔަންއަށް ކަމެއް ފާހަގަކުރެވުނެވެ. އެހެންވެ އޭނާ ފާތިނާ ގާތަށް ޖެހިލިއެވެ. ފާތިނާގެ އަތް ތިލައިގައި ހިފައިލިއެވެ. އެ ދެ އަތް ވަނީ ފިނިވެފައެވެ. މަރިޔަން ލުއި ގޮތަކަށް ހިނިތުންވެލަމުން ކުރިއަށް ގެންދާށޭ ބުނާ ކަހަލަ ގޮތަކަށް ނިތުން އިޝާރާތެއް ކޮށްލިއެވެ.
"އަންހެނުން ބަނޑުގައި ރިހެން ފެށީމަ އެ ގޭގެ މެއިޑާއެކު އޭނާގެ މަންމައާ ތިން މީހުން ދިޔައީ ހޮސްޕިޓަލަށް. ކާރު ދުއްވާލިއިރަށް ވިހެމުގެ ވޭންވަރު އައިކަމަށް ވަނީ. ޑުރަވައިރަށް އެ މަންޒަރު ފެނުމުން އަވަސް އަރުވާލައިގެން ބާރު ސްޕީޑުގައި ދުއްވާލި ކަމަށް ވަނީ." ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ފާތިނާ ފުރިހަމަކުރިއެވެ.
އޭރު އޭނާގެ ދެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. އަޑު ހުރީ ކުރަކިވެ ބެދޭގޮތް ވެފައެވެ. މޫނުމަތީގެ ކުލަވަނީ ފަނޑުވެފައެވެ.
"މާނައަކީ؟" މަރިޔަން ބޭނުންވީ ސާފުކުރާށެވެ.
"އެކްސިޑެންޓްވީ. އެންމެން ނިޔާވި ކަމަށް ވަނީ." ފާތިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ވަރުބަލި ވެއްޖެ. މިހާރު ދިހަވަރަކަށް މިނެޓުވީ މި މަގުން، މިރިހި ފަތްތަކާއި ރަނޑޫގަސްތަކުން ވަސްބަލަމުން ބޮނދަ ބޮނދައިގެން ހިނގާތާ. ގައި ވެސް ހިރުވަން ފަށައިފި." ހާޝިމް ކުދި ކިޔައިލިއެވެ.
ކުއްލިއަކަށް އަޙްމަދު ފަހަތް ބަލައިލިއެވެ. ބަޔަކު ފަހަތުގައި އުޅޭހެން ހީވެގެންނެވެ. އެކަހަލަ ލިސާނެއް ވުމުންނެވެ. އެއާއެކު ހާޝިމާއި ނިޔާޒު ތިރިވެލަމުން ކުދެހި ގަސްތަކާ ނިވާވެލިއެވެ. އަޙްމަދު މޫނަށް ގޮތެއް ހަދައިލިއެވެ. ނިތަށް ދެތިން ރޫ އަރުވާލިއެވެ. އޭނާއަށް ނިޔާޒުމެން ނުފެންނަ ކަމަށް ހެދިއެވެ.

ނިޔާޒާއި ހާޝިމު ވެސް މަޑުމަޑުން ތެދުވެލައި ކުރިއަށް ބަލައިލިއެވެ. އޭރު އަޙްމަދު އޮބައިލަނީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އެ ދެ މީހުން ވެސް ކުރިއަށް ދިޔައެވެ. ވިއްސަކަށް ފޫޓަށް ހިނގައިލެވުމާއެކު ދެ މީހުންނަށް ހުއްޓިލެވުނެވެ. ފެނުނު މަންޒަރުން ދެމީހުން ދެމީހުންގެ މޫނަށް ބަލަން ތިބެވުނީއެވެ. އަނގަމަތީގައި އަތް އަޅައިގެންނެވެ.
"ސުބުހާނަﷲ. މި އާދައިގެ މީހެއް ނޫން. އެކަމަކުވާ." ނިޔާޒު ވެސް ހައިރާންވެ ބަސް ހުއްޓުނެވެ.
"މި ކޮންކަމެއް؟" ހާޝިމު ބަލައިލީ ނިޔާޒުގެ މޫނަށެވެ.
ނިޔާޒު ވެސް ދެ ފަރާތަށް ބޯ ހޫރުވާލިއެވެ. އޭނާ ފުންކޮށް ވިސްނައިލިއެވެ.
"މަށަށް ފެންނަނީ މިކަން މާލެއާ ހަމައަށް ގެންދަން." ހާޝިމު ލަސްލަހުން ބުނެލިއެވެ.
"އާނ. އެކަމަކު މަ ބޭނުން ވާފިރުގެ އަޑި ވެސް ހޯދައިލަން." ހާޝިމުގެ ކޮނޑުގައި ނިޔާޒުގެ އަތް ބާއްވާލިއެވެ.

"ކޮން ވާހަކައެއް ދައްކަން؟" ފާތިނާ ހައިރާން ކަމާއެކު ބަލައިލީ ނިޔާޒުގެ މޫނަށެވެ.
ނިޔާޒުގެ އެއް ފަރާތުގައި ހާޝިމު ހުއްޓެވެ. މުންޑުގެ ފަސްބައި ކޮށިކޮށްލަމުން އޭނާ ފާރުގައި އަތް ޖައްސާލިއެވެ. އެ ތިން މީހުން ތިބީ ވާފިރުމެންގޭގެ ބިތްދޮށާ އިންވެގެން އޮތް ގޯޅީގެ ފާރު ކައިރީގައެވެ. ފާތިނާ އަތުގައި އިލޮށި ފައްޗެއް އޮތެވެ. ބަލައިބެލުމަށް އެ ދެމީހުން ފާތިނާއާ ވާހަކަދައްކަން ފެށީ އޭނާ ގޯޅީގެ ކުނިކަހަން ނުކުތް ވަގުތު ބަލައިފައެވެ.
"ވާފިރުބޭ މަނާކޮށްފަ..." ފާތިނާ ލަސްލަހުން ބުނެލިއެވެ.
"އަޙްމަދު ބަލީތަ؟" ހާޝިމު އަހައިލިއެވެ.

އަޙްމަދަށް ދިމާވާ ކަންކަމުގެ ވާހަކަތައް އެދެމީހުންނަށް ފާތިނާ ކިޔައިދިނެވެ. ޝައުޤުވެރިކަމާއެކު އަޑު އަހަން ދެމީހުން ތިއްބެވެ.
"ހިތްދަތިވާ ކަހަލަ ކަމެއްވެއްޖެ ނަމަ ހުންނާނެ ފާޑަކަށް ގަބުއަރައިފަ. ހުއްޓިފަ. ވާފިރުބޭއަށް އެކަން އެނގޭތީ އޭނާ ގަސްތުގައި ކޮންމެ ދުވަހަކު އެއްޗެހި ކިޔާނެ." ފާތިނާ ލަސްލަހުން ބުނެލިއެވެ.
"ވާފިރު އޭނާއަށް ގޮތްގޮތް ހަދާތަ؟" ނިޔާޒު ބަލައިލީ ހާޝިމުގެ މޫނަށެވެ.
ފާތިނާގެ ތިރީ ތުންފަތުގައި ދަތް ޖައްސާލަމުން ބާރުކޮށްލިއެވެ. އަތުގައި އޮތް އިލޮށިފަތި ގަޔާ ކައިރިކޮށްލިއެވެ. މަޑުމަޑުން ބޯ ހަރަކާތްކޮށްލިއެވެ. އާނ އެކޭ ބުނާ ފަދަ ގޮތަކަށެވެ.
"ކޮބާ ބޭނުމަކީ؟" ހާޝިމު އަހައިލިއެވެ.

"މުދާތައް. ވާފިރުބޭ ދުއްވާ ދޯންޏަކީ ވެސް އަޙްމަދުބޭ ބައްޕަ ދުނިޔޭގަ، ބައްޕަ ދުއްވި ދޯންޏެއް. ބޭބެ ނިޔާވުމުގެ ކުރީން އޮތީ ވާފިރުބެއަށް ވެސް ބައެއް ލިބޭ ގޮތަށް ފަތް ލިޔެފަ ދީފަޔޯ ވާފިރުބެ ކިޔާ. އެކަމަކު އަޙްމަދު ބުނަނީ އެއީ ދޮގެކޭ. ވެގެން އުޅޭ ގޮތަކީ..." ފާތިނާއަށް ބަލައިލެވުނީ ދުރުން މީހެއްގެ ހިލަންވުމުންނެވެ.

އޭނާ އަވަސްއަވަހަށް ގުދުވެލަމުން ކުނި ކަހާން ފެށިއެވެ. ހާޝިމާއި ނިޔާޒު ބަލައިލީ މަގުގެ އަނެއް ކޮޅަށެވެ. އޭރު ވާފިރު ދެ އަތް ފޭ ކޮށްލައިގެން އޭނާގެ ރަސްމީ ހިނގުމުގައި ގެއާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. ހާޝިމާއި ނިޔާޒު ނޫންކަމަށް ހެދި ހިނގައި ގަންނަމުން ފާތިނާއާ ދިމާއަށް ބަލައިލިއެވެ.
"އަދި އަންނާނަން." ނިޔާޒު ނިތް އެއްލަމުން ފާތިނާއަށް ބަލައިލިއެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. ފާތިނާއަށް ހޭލެވުނީ މީހެއްގެ ވޭނީ ކުކުރުމުގެ އަޑަށެވެ. އެހެންވެ އޭނާ މަޑުމަޑުން ދެ ފަރާތަށް އެނބުރިލިއެވެ. އިވެމުން ދިޔަ އަޑަށް ސަމާލުވިއެވެ. ކުއްލިއަކަށް އޭނާއަށް ތެދުވެ އެނދުގައި އިށީނދެވުނެވެ. އަތްފައި ރޫރޫ އަޅައިގަތެވެ. މޭގެ ތެޅުން އަވަސްވިއެވެ. ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔާ ހަމައަށް ފާޑެއްގެ ތުރުތުރެއް ދުވެގަތެވެ. އޭނާ ލަސްލަހުން އެނދުން ތެދުވެ ހިނގައިގަތެވެ. މަޑުމަޑުން ތަޅުގައި ހިފައިލަމުން ދޮރު ހުޅުވާލިއެވެ. އަޑެއްބަޑެއް ނީވޭހާ މަޑުމަޑުންނެވެ. ދޮރުން ހުޅުވުނު ދޭތެރެއިން މައިގެ ތެރެއަށް ކަޅިއެއް އެއްލިއެވެ. ފެނުނު މަންޒަރުން އަނގަމަތީގައި އަތް އެޅުނެވެ.
"ކަލޭގާތު އަހަރެން ބުނީމެއްނު އެ ނަޒަރުން ނުބަލާށޭ." ވާފިރު އިނީ އަޙްމަދުގެ ބުރަކަށި މަތީގައި ދެ ކަކޫ ވިއްދައިގެން އަޙްމަދުގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ.

އަޙްމަދު އޮތީ މުށިގަނޑު މައްޗަށް ވައްޓައިލާފައެވެ. އޭނާގެ އަނގަމަތީގައި ހުދުކުލައިގެ ފޮތިގަނޑެއް އޮތެވެ. އަޙްމަދުގެ އަނގައިން ނުކުންނަމުން ދިޔައީ ވޭނީ ކުކުރުމެއްގެ އަޑެވެ. ގިސްލުމުގެ އަޑެވެ.
"މަށަށް މާކުރިން ވެސް އެނގޭ،" ވާފިރު ވައި އަޑުން ނަމަވެސް ޖޯޝްގައި ވާހަކަދައްކަމުން ދިޔައެވެ. "ކަލޭއަށް އެނގެންވާނެ މަ މި ހުރިހާ ދުވަހު މިހެން މިހުރީ ބޭނުމެއްގައިކަން. ގަހަށް ފެންދީ ހައްދާ ބޮޑުކޮށް މޭވާއަޅާ ވަރުވީމަ، އެހެން މީހުންނަށް ގަސް ހަދިޔާ ކުރާނީ މި ޒަމާނުގައި ކާކުތަ؟"
އަޙްމަދު ތެޅިގަތެވެ. އޭނާ ހަޅޭއްލެވޭތޯ އުޅުނެވެ. ވާފިރުގެ ކިބައިން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ދެފަޔާއި އަތް ތަޅުވާލަން މަސައްކަތް ކުރިއެވެ.

"ކަލޭގެ އަސްލަކީ ތީ. މުދާ މުދަލަށް ހެދީމަ ފެނުން. މީހުންގެ މުއްފަތުން އުޅުން." ވާފިރު ރުޅިވެރި ރާގެއްގައި ބުނެލިއެވެ.
އަޙްމަދުގެ ދެ ލޯ ބޮޑުކޮށްލިއެވެ. އޭނާގެ އަނގައިން އަޑުތަކެއް ލައްވާލިއެވެ. އަތަށް ވާންކޮށްލާ ބާރުކޮށްލިއެވެ.
"މި ގޯތި ނުދިނީމަ ވެސް މަ ބަހެއް ނުބުނަން. ދޯނި ބަދަލުކުރަން ކަލޭ ސޮއި ނުކުރީމަ ވެސް ކެތްކޮށްލީމެއްނު. އަހަރެން ގާތަށް ރުޅި މިއައީ ކަލޭ މަށަށް ހުރަސް އެޅީމަ. މަ ހެއްދި ގަހަމުން މޭވާ މަށަށް ކެވެންވާނެ." ވާފިރު އަތަށް ބާރުކޮށްލިއެވެ.
އަޙްމަދުގެ އިސްތަށިގަނޑަށް ތަދުވާ ގޮތްވިއެވެ. އޭނާއަށް ތެޅިގަނެވުނެވެ. އެއާއެކު ގެނައި ކުއްލި ހަރަކާތަކާއެކު ވާފިރު ކިބައިން ވީއްލިގަނެވުނެވެ. ސަލާމަތްވިއެވެ. ވާފިރު މުށިގަނޑު މައްޗަށް ގުޅަވިއެވެ. އޭނާ ޖެހުނު ގޮތުން ތަދުވެގެން ހަޅޭއްލަވާގަތެވެ. އަޙްމަދުގެ ހަރަކާތްތައް އަވަސްވިއެވެ. އޭނާ ވާފިރުގެ ކަރުގައި އަތް އަޅުވާލަމުން ވާފިރަށް ބަނދެލިއެވެ.

"އަހަރެން މިއޮއް ހުރިހާ ދުވަހު އަނގައިން ނުބުނީ މަ މީ މޮޔައަކަށް ހެދުވީތީ. ކަލޭ މަޤުޞަދު ސާފުކުރާން ބޭނުންވީމަ. އަހަރެން ކެތްކުރީ އަންހެން ކުއްޖަކު އެކަނި ގެއެއްގައި އުޅޭތީ. އޭނާގެ ރައްކާތެރިކަމަށް ޓަކައި. އަހަރެން މަސައްކަތްކުރީ އެ ނިކަމެތި، ޔަތީމު ކުއްޖާގެ ހިމާޔަތުގައި. އޭނާއަށް ދެރައެއް ލިބިދާނެތީ،" އަޙްމަދުގެ އަޑުގައި ނޭނގޭ ޖަޒުބާތެއް އެކުލެވެމުން ދިޔައެވެ. "އެކަމަކު މިހާރު އަހަރެން ވެސް.."
ވާފިރު މަސައްކަތް ކުރަމުން ދިޔައީ އަޙްމަދުގެ ކިބައިން ސަލާމަތްވެވޭތޯއެވެ. ނަމަވެސް އަޙްމަދު އެއަށްވުރެ މާ ހުޝިޔާރެވެ. މާ ބާރުގަދައެވެ.

"އާނ! ކަލޭއަކީ މިނިކާވަގެއް. ފައްކާ ސިންގާއެއް. ކޮންމެ ރެޔަކު އަހަރެން ހޭލާ މި އިންނަނީ އެ މައުސޫމު ކުއްޖާގެ ދިފާއުގައި. އެ ނިކަމެތި ކުއްޖާގެ ހަންކޮޅާއި ކަށިކޮޅު ވެސް ދިރުވާލަފާނެތީ،" އަޙްމަދު ރުޅިވެރި ރާގެއްގައި ވާހަކަދައްކަމުން ދިޔައެވެ. "މިރޭ ވެސް ކަލޭ ތިޔަ އުޅުނީ އެ ނިޔަތުގައި." އެ ކޮޓަރިއަށް ވަންނާކަށްނު. އަހަރެން ހަށީ ހޭ ހުއްޓާ އެކަން ވިޔަކަ ނުދޭނަން."
ފާތިނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އަނގަމަތީގައި އަތް އެޅުނެވެ. އޭނާގެ ހިމާޔަތުގައި އަޙްމަދު ވީ ޤުރުބާނީއަށް ޓަކައި ހިތާއިހިތުން ޝުކުރު އަދާކުރެވުނެވެ. އަޙްމަދުގެ ހަރަކާތްތަކާ އޭނާ އުޅުނު ގޮތާމެދު ފާތިނާއަށް ވިސްނެންފެށިއެވެ. އޭނާއަށް ހީވީ އެ ހުރިހާ މަންޒަރުތަކެއް ފިލްމީ މަންޒަރުތަކެއްހެން ކުރިމަތީން ފެންނަމުން ދިޔަހެންނެވެ.

ފާތިނާ ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. އަޙްމަދަށް ލިބުނީ ކުއްލި ސިހުމެކެވެ. ވާފިރުގެ ގައިން އޭނާއަށް ދޫކޮށްލެވުނެވެ. ފާތިނާ ބަލައިލީ އަޙްމަދުގެ ހޭވިފައިވާ އިސްތަށިގަނޑަށެވެ. ވަރުބަލިވެފައިވާ މޫނަށެވެ. އަޙްމަދުގެ ތުންފަތް ކައިރީގައި ލޭ ހިލިފައި ހުއްޓެވެ. ގައިގާ ހުރީ ހިރަފުހެވެ. ފާތިނާއަށް ފަހަރަކު މީހެއްގެ މޫނަށް ބެލުނެވެ.
"މި އިބިލީސް އުޅުނީ..." ވާފިރުގެ ޖުމުލަ ފުރިހަމަ ނުވަނީސް ފާތިނާ އަތް ހިއްލައިލިއެވެ.
"ފުދިއްޖެ. އިވިއްޖެ. އެނގިއްޖެ. ދަސްވެއްޖެ. އިތުރަށް ބޭނުމެއް ނޫން." ކުރު ޖުމުލަތަކަކުން ހުރިހާ ވާހަކައެއް ވަށައި ޖައްސާލަމުން ފާތިނާ ކުރިއަށް ހިނގައިގަތެވެ.

ފާތިނާ އެ ދިޔަ ގޮތަށް ގޮސް އަޙްމަދުގެ ގައިގައި އޮޅުލައިގަތެވެ. އަޙްމަދު މަޑުމަޑުން ފާތިނާގެ ބުރިކަށީގައި ދެ އަތުން ފިރުމައިލިއެވެ. އެ މަންޒަރު ބަލަން ވާފިރަށް ކެތެއް ނުވިއެވެ. އޭނާ ވަށައިގެން ހޯދައިލިއެވެ. ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި އަދަރާދަގޮނޑިއެވެ. ބަލާކަށް ނުހުރެ ގޮނޑި ނަގައި ހޫރައިލަން އަތް މަޅައިލިއެވެ.
އަޙްމަދަށް އެ މަންޒަރު ފެނުނެވެ. އެހެންވެ ފާތިނާ ދުރަށް ކޮށްޕާލިއެވެ. ވާފިރުގެ ހޫނު ހަމަލާ އަމާޒުވީ އަޙްމަދުގެ ބޮލަށެވެ. ގޮނޑިން ޖެހި އަޙްމަދު އެއްލިގެން ދިޔައެވެ. އޭނާގެ ނިތްމަތިން ލޭތައް ބުރައިގެން ދިޔައެވެ. ފާތިނާއަށް ކޮންޓުރޯލެއް ނުކުރެވުނެވެ. ވާފިރު ފަހަތަށް ކޮށްޕާލިއެވެ. ވާފިރު ނުވިސްނާ ހުރުމުން އޭނާ އިނދަޖެހި އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވިއެވެ. އެއާއެކު ބާރު އަޑުފަށް ގަނޑެއް ވެސް އިވުނެވެ. ހީވީ ކަށިތަކެއް މުގުރުނު ހެންނެވެ. ފާތިނާ އަވަސްއަވަހަށް އަޙްމަދާ ދިމާއަށް ގުދުވެލިއެވެ. އަޙްމަދު އަތުލަފިކޮށްގެން އޭނާ ބޭރަށް ނުކުތެވެ.

ފަތިހުގެ ވަގުތެވެ. ހާޝިމާއި ނިޔާޒު ދިޔައީ ފާތިނާގެ ޚަބަރެއް ވޭތޯ އެގޭދޮށަށެވެ. ފާތިނާގެ ޚަބަރެއް ނުވުމުން ދެމީހުން ނިންމީ އެގެއަށް ވަންނާށެވެ. އެމީހުން ވަނުމުން ވާފިރު ކުކުރިލިއެވެ. އޭނާ އިނީ ވެއްޓި ޖެހުނު ތަނުގައެވެ. ހިރި ވެސް ނުލެވިފައެވެ. ދެ މީހުން ފެނުމާއެކު ވާފިރު އަޑުން އަޑު ނަގައި ރޯން ފެށިއެވެ. ކަންވީގޮތް އެ ދެ މީހުންނަށް ކިޔައިދިނެވެ.
"މީހަކު ނިކަމެތި ކޮށްލާން ކުރާ ކޮންމެ ކަމެއް، ވަލު ޖަނަވާރެއްގެ ސިފައަށް ބަދަލުވެ ވައްވައް ޖަހައިގަންނާނީ އެމީހަކާ ދިމާއަށް." ނިޔާޒު ލަސްލަހުން ބުނެލިއެވެ.

އެ ދެ މީހުން އަތުލަފިކޮށްގެން، ވާފިރު ނަގައި އެނދުމަތީގައި ބައިންދައިލިއެވެ. ވާފިރުގެ އުނަގަނޑުގައި މަޑުމަޑުން ފިރުމައިދިނެވެ. ވާފިރު ހަމައަކަށް އެޅެންދެން ބަހެއް ނުބުނެ ތިއްބެވެ. ވާފިރުގެ އުނަގަނޑުގައި ފިރުމައިލަ ފިރުމައިލަދީއެވެ.
"އަހަރުމެން މިއައީ އަދި އެހެން ވާހަކައެއް ދައްކަން ކަމަށް ދޯ." ހާޝިމު ބަލައިލީ ނިޔާޒުގެ މޫނަށެވެ.
"އާނ! މި ރަށުން ފުޅި ހޮވައިގެން އަޙްމަދު ކުރީ ކޮންކަމެއްކަން އެނގޭތަ؟ އޭނާ އެ ހުރީ މި ރަށު ކަނޑޫފަލުގައި ފެންމަތީ ރަށެއް ހަދައިފަ. ފުޅިތައް އެހުރީ ގޯނި ގޯންޏަށް އަޅައިފަ ފައްތައިފަ." ނިޔާޒު ފޯނުން ފޮޓޯތަކެއް ވާފިރަށް ދައްކަމުން ކިޔައިދިނެވެ.
އަޙްމަދުގެ މަސައްކަތުގެ މޮޅުކަމާއި އެ ރަށް ހަދާފައިވާ ގޮތުގެ ފޮޓޯތައް ދައްކަމުން ދެމީހުން އެއް ރާގެއްގައި އެ ވާހަކަތައް ވާފިރަށް ކިޔައިދިނެވެ. އެ ރަށުގެ މެދުގައި ހަދާފައިވާ މެހުމާންސަރާއާއި އެއްފަރާތުގައި ބިނާކޮށްފައިވާ ދެ ކޮޓަރީގެ ފުރިހަމަ ކަމާމެދު ތަޢުރީފު ކުރަމުންނެވެ. ވާފިރަށް ވެސް ފޮޓޯތަކަށް ބަލަން އޮވެވުނީއެވެ. އަނގަހުޅުވިފައެވެ. އޭނާގެ ލޮލުން ކަރުނަ ހިލެންފެށީ ނިޔާޒުމެންގެ ތަޢުރީފުގެ އަޑުތައް އިވުމުނެވެ. އެ ރަށުގެ ފޮޓޯތައް މާލެ ފޮނުވި ވާހަކައާއި އެ ރަށް ބެލުމަށް ޓަކައި މާލެއިން ޓީމެއް އަންނަ ޚަބަރު ލިބުމުންނެވެ. އަދި އެ ރަށް ގަންނަން ބޭނުންވާ މަހުޖަނުން ވެސް ތިބިކަން އެނގުމުންނެވެ.

"ވިސްނައިލަބަލަ މި ހުރިހާ އުފަލެއްގައި ބައިވެރިވާން ހުރި މީހާ ކަންކަން ކުރި ގޮތް. އިއްޔެ މޮޔައެއްގެ ލަގަބުދީ އޭނާއަށް ކަން ކުރެވުނު ގޮތް. ވިސްނައިލަބަލަ. މީހެއްގެ ޙައްޤަކަށް އަރައިގަންނަ ކޮންމެ މީހަކަށް މެދުވެރިކުރައްވާ އިމްތިހާނު." ހާޝިމު ފުން ނޭވާއެއް ދޫކޮށްލިއެވެ.
އެ ދުވަހުގެ އިރުގެ ދޯދިތަކާއެކު މުޅި ރާއްޖެއަށް ސިހުން ގެނުވީ އަޙްމަދުގެ ވާހަކަތަކުންނެވެ. މޮޔަ އަހަންމަދުގެ ވާހަކަތައް މީޑިއާއަށް ތިލަވެ މީސްމީޑިއާގައި އޭނާގެ ވާހަކަތައް ދައުރުވާން ފެށީއެވެ. މޮޔަ އަހަންމަދަކީ ތިމާވެށީގެ ދާއިރާއިން ކިޔަވައިގެން ހުރި މީހެއްކަން އެންމެނަށް ފަހުމުވާހެން ޚަބަރުތައް ލިޔެވޭން ފެށިއެވެ. އެއަށްވުރެ ބޮޑަށް ނޫސްތަކުގައި ލިޔެވުނީ ފާތިނާގެ ހިމާޔަތުގައި އޭނާވީ ޤުރުބާނާއި ތަހައްމަލު ކުރި ހިތްދަތި ދިރިއުޅުމުގެ ވާހަކަތަކެވެ. އާއެކެވެ. އިއްޔެ އެއީ މޮޔަ އަހަންމަދެވެ. ނަމަވެސް މިއަދު އެއީ ބަޠަލެކެވެ. ހުނަރުވެރި ޢިލްމީ މާހިރެކެވެ.

- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ފަތުޙުﷲ އަޙްމަދުއެވެ. ވާހަކަ ހުށައެޅީ ޖައިޝާން ސަޢީދު ރ.އަލިފުށީ ކިނާރާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 26 ރަމަޟާން 1442 އެވެ.

މަދީހް

ތަފާތު މޮޅު ވާހަކައެއް... މިހާތަނަށް ގެނަ އެންމެ ސަޅި ވާހަކަ