މުނިފޫހިފިލުވުން

ޖޯންނާއި އިމްރާންގެ "މުމްބާއީ ސާގާ" ކްރިޓިކްސްގެ ތައުރީފު އޮހެނީ


ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް މިދިޔަ މަހު 19 ގައި ނެރުނު "މުމްބާއީ ސާގާ" ގެ ފުރަތަމަ ހަފްތާ ތެރޭގައި 14 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ބޮކްސް އޮފީސް އިންޑިއާއިން ބުނެފިއެވެ. މުޅި ޖުމްލަ ފިލްމަށް ލިބިފައިވަނީ 22.29 ކްރޯޑް ރުޕީސްއެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިފައިވަނީ ޖޯން އަބްރަހަމް އަދި އިމްރާން ޙާޝިމީ އެވެ. ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ 80 އާއި 90 ގެ އަހަރުތަކުގެ ތެރޭގައި އުޅުނު މުމްބާއީގެ ގޭންގްސްޓާރސް އަކާއި ފުލުހެއްގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ސަންޖޭ ގުޕްތާގެ މި ފިލްމަށް ކްރިޓިކްސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މިގޮތުން މި ވާހަކައަކީ ބެލުންތެރިން ޝައުޤުވެރިކުރުވާ އެތައް ކަންތައްތަކެއް ހިނގައިގެންދާ ވާހަކައެއްކަން އެމީހުން ފާހަގަކޮށްފައިވެއެވެ. ފިލްމުގެ ޑައިލޮގްތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ފިލްމަށް ގެނެސްދީފައިވާކަމަށާއި ޖޯން އަބްރަހަމްގެ ކެރެކްޓަރ ކަމަށްވާ އަމަރްތިޔާ ރާއޯ އަދި އިމްރާން ޙާޝިމީ ގެ ކެރެކްޓަރ ވިޖޭ ސަވަރުކާރުގެ ކެރެކްޓަރ ގެނެސްދީފައިވާގޮތް ވަރުގަދަކަމަށް ވެސް ކްރިޓިކްސުން ލިޔާ މީހުން ބުނެއެވެ.

ފިލްމުގައި ޖޯން އަކީ ގޭންގްސްޓާރ ގެ ރޯލް ފެނިގެންދާއިރު އިމްރާން ހާޝިމީ އަދާކުރަނީ ފުލުސް އޮފިސަރެއްގެ ރޯލެވެ. ކްރިޓިކްސް ބުނެފައިވަނީ ގޭންގްސްޓާރެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ޖޯން ފިލުމުގައި ދައްކުވާދީފައިވާކަމަށެވެ. އަދި އެކްޝަން ސީންތަކުގައި ފުރިހަމަ އެކްޓިނެއް ޖޯންގެ ފަރާތުން ފެނިފައިވާކަމަށްވެސް ކްރިޓިކްސް ބުނެއެވެ.

އިމްރާން ފިލްމުން ފެނިގެންދަނީ ތަންކޮޅެއް ފަހުންނެވެ. ނަމަވެސް ޕޮލިސް ޔުނީފޯމްގައި ހުރެ ދޫކޮށްލާ ޑައިލޮގްތައް މީހުން ހައިރާންކޮށްލައެވެ. ސިޔާސީ މީހެއްގެ ރޯލުން ފެނިގެންދާ މަހޭޝް މަންޖްރޭކަރުވެސް ވަނީ ރަގަޅު އެކްޓިން އެއް ދައްކާފައެވެ. ކާޖަލް އަގަރްވާލް އަދި އަންޖަނާ ސުކާނީގެ ރޯލް މި ފިލްމުގައި ތަންކޮޅެއް ކުޑައެވެ.

އާންމުކޮށް މިކަހަލަ ފިލްމުތަކުގައި ލަވަ އަކީ މަދު އެއްޗެކެވެ. މިގޮތުން މި ފިލްމުގައިވެސް ހިމަނާފައިވަނީ އެންމެ ދެ ލަވައެވެ. ޝިކާ ބަތްނަގަރު ގެ ސިނަމަޓޮގްރަފީ، ނާހީދު ޝާ ގެ ކޮސްޓިއުމް އަދި ބަންޓީ ނާގީސްގެ އެޑިޓިން ވެސް ފިލްމުގައި ވަރަށް ފުރިހަމައެވެ. ޖުމްލަގޮތެއްގައި މި ފިލްމަކީ ބަލާލަން ރަގަޅު ފިލްމެއްކަމަށް ކްރިޓިކްސުން ބުނެއެވެ.