ޚަބަރު

ކޯވިޑް-19 ދިފާޢު: އެމްއޭސީއެލްގެ ވެކްސިން ސެންޓަރުން މިހާރު ދެނީ ސިނޯފާމް އެކަނި


މޯލްޑިވްސް އެއަރޕޯޓު ކޮންޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ވެކްސިން ސެންޓަރުން މިހާރު ދެމުންދަނީ ހަމައެކަނި ސިނޯފާމް ވެކްސިންކަމަށް އެސެންޓަރުން ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަަޖައްސާފައިވާ މިސެންޓަރުން ކޮވިޝީލްޑް ވެކްސިން ދިނުން މިހާރުވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލީ އެސެންޓަރުން ކޮވިޝީލްޑް ހުސްވުމުންކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެހެންނަމަވެސް އެއަރޕޯޓުގެ މުވައްޒަފުންނަށް ސިނޯފާމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖެހުމުގެ އިންތިޒާމު މިހާރުވެސް ވަނީ ހަމަޖެހިފައެވެ. ސިނޯފާމްގެ ދެވަނަ ޑޯޒު ދެނީ ފުރަތަމަ ޑޯޒު ޖެހިތާ 4 ހަފްތާ ވެފައިވާ މީހުންނަށެވެ. އެމްއޭސީއެލްގެ ވެކްސިން ސެންޓަރުން ވެކްސިން ދެނީ އެއާޕޯޓުގައި މަސައްކަތް ކުރުމުގެ ފާސްއޮތް މުވައްޒަފުންނަށެވެ.

އެމްއޭސީއެލް ވެކްސިން ސެންޓަރުން ކޮވިޝީލްޑް ވެކްސިން ޖެހުން މިވަގުތު ހުއްޓާލާފައި އޮތްނަމަވެސް އެހެން ބައެއް ވެކްސިން ސެންޓަރުތަކުން ކޮވިޝީލްޑް ވެކްސިން ޖެހުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި 3 ބާވަތުގެ ވެކްސިންދަނީ ޖަހަމުން ދެއެވެ. އެއީ ކޮވިޝީލްޑާއި ސިނޯފާމާއި ފައިޒާ ވެކްސިންއެވެ.