ޚަބަރު

ކޯވިޑް-19 ދިފާޢު: ރާއްޖެއިން 76000އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި 76000 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 5940 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅުތަކުން ދެވަނަ ޑޯޒް ޖެހި 2786 މީހުންނާއި މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3154 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 76،923އަށް އަރާފައެވެ.

ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1213 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިން ފުރަތަމަ ޑޯޒް ޖެހި 846 މީހުންނާއި، މާލެ ސަރަޙައްދުންގައި ފުރަތަމަ ޑޯޒް ޖެހި 367 މީހުނެނެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ އަދަދުވަނީ 291،227 އަށް އަރާފައެވެ.

މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45އަށެވެ.

ކިއުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރު ވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިން ޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަދި އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.