ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 2 މިލިޔަން ގަސް އިންދާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް މުޅި ޖުމްލަ 2،040،866 ގަސް ވަނީ އިންދާފައެވެ. މި ޕްރޮގްރާމުގެ މުޅި ޖުމްލަ އަމާޒަކީ 5,859,394 ގަސް އިންދުން ކަމަށްވާއިރު، މުޅި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި އިތުރަށް ދެން އިންދަންޖެހެނީ 3،818،528 ގަހެވެ.
We’ve crossed 2 million trees planted across the Maldives! 🌱
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 18, 2026
Marking another important step in our journey and bringing us closer to H.E. @MMuizzu’s pledge to plant 5 million trees nationwide.#5MillionTreesMv pic.twitter.com/sgyMbW55Z8
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމުކަމަށްވާއިރު، މި ޕްރޮގްރާމު ކުރިއަށްގެންދަނީ ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކުއެވެ. 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
* ރޯޒްވުޑް: 1,478,244 ގަސް (%25.2)
* އެޗްޑީސީ: 1,002,856 ގަސް (%17.1)
* އެމްއޭސީއެލް: 1,000,000 ގަސް (%17.1)
* އެމްޓީސީސީ: 1,000,000 ގަސް (%17.1)
* އެސްޑީއެމް ފާމް: 750,000 ގަސް (%12.8)
* ސްޓެލްކޯ: 500,000 ގަސް (%8.5)
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފައިވެއެވެ. އަދި ގަސް އިންދުމަށް ހުޅުމާލޭގައި 'ގްރީން ނާސަރީއެއް" ތަރައްޤީކުރުމުގެ މަސައްކަތް ފަށައި، އެ މަޝްރޫޢުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.