ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ 1-1 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށްފިއެވެ.
ފުރަތަމަ ހާފަށް ބަލާއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އީގަލްސް އިން ތަނަވަސްކުރިއެވެ. އެ ގޮތުން ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އެ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އެވެ. ހަންނަ ނަގައިދިން ކޯނަރަކުން އިންމަ ބޮލުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަ ގްރާންޑޭ އަށް ފުރަތަމަ ހާފުގައި އީގަލްސްގެ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. އެހެންނަމަވެސް ދެ ވަނަ ހާފްގެ ފުރަތަމަ ފަސް މިނިޓް ތެރޭ ދަ ގްރާންޑޭ އިން ވަނީ ފުލުފުލުގައި ދެ ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވައިލައިފައެވެ.
އީގަލްސް އިން ލީޑުނެގީ މެޗުގެ 56 ވަނަ މިނިޓްގައި ރަޝިއާގެ ފޯވާޑް ކޮރްމިޝިން ވްލަޑިސްލާވްއެވެ. ދަ ގްރާންޑޭ ފަހަތުން ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަށް ދިން ބޯޅައިގައި އޭނާ ހެދި ގޯހެއްގެ ފައިދާނަގައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ދިން ބޯޅަ ކޮރްމިޝިން ވަނީ ގޯލުގެ ކައިރީ ކަނަަށް އަމާޒުކޮށްލާފައެވެ. ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިނީ މެޗުގެ 72 ވަނަ މިނެޓްގައި އަޔާއެވެ. އޭރިއާބޭރުން އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އަޔާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލާފައެވެ. ޑިފެންޑަރުންގެ ތެރެއިން އެ ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު، ކީޕަރު ތޯހާ އަށް އެ ބޯޅަ ހުއްޓުވޭނެ އެއްވެސް ގޮތެއްނުވިއެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް ލީގުގެ ފަސް ވަނައިގައި އޮތީ 10 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފައެވެ. އެއީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.