ޓުއަރިޒަމް

ޑަބްލިއުޓީއެމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ފެށުނު ވަރލްޑް ޓްރެވަލް މާރކެޓް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ޙަރަކާތްތެރިވާ 57 ކުންފުންޏަކުން 157 މަންދޫބުން ބައިވެރިވެއެވެ. އޭގެތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާ ޓޫރިސްޓް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ދަތުރުފަތުރު ކުރުމުގެދާއިރާގެ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ.މިފަހަރުގެ ފެއަރގައި އަމާޒުކުރެވިފައިވަނީ ރާއްޖެ އިނގިރޭސިވިލާތުގެ މާކެޓަށް ބޮޑަށް އިޝްތިހާރު ކުރުމަށް ކަމަށް އެމްއެމްޕީއާރްސީން މަޢްލޫމާތު ދެއެވެ. އިނގިރޭސި ވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ތަންކޮޅެއް ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދު ފެށި މިފެއަރގައި ހުރި ރާއްޖޭގެ ސްޓޭންޑަށް ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެމްެއެމްޕީއާރްސީން ހާމަކުރެއެވެ. އެގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކުގެ މަތީ ފަންތީގެ އޮފިޝަލުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވެއެވެ. ޑަބްލިއުޓީއެމްގައި ބަހައްޓާފައިވާ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކުރެވިފައިވަނީވެސް ރާއްޖޭގެ ޤުދުރަތީ ރީތިކަން ސިފަކުރެވޭ ގޮތަށެވެ. އަދި ރާއްޖެއަކީ އެފަދަ ދެވަނައެއްނުވާ ތަނެއްކަން ދައްކުވައިދޭ ގޮތަށް ސްޓޭންޑް ތައްޔާރުކުރެވިފައިވާއިރު އަންނަ އަހަރަކީ ވިޒިޓް ލޯލްޑިވްސް ޔިއަރގެ ގޮތުގައި ފާހަގަކުރާ އަހަރުކަމަށްވުމާއެކު މިފެއަރގެ ތެރެއިން މިކަމާގުޅޭ ކެޕްޕެއިންތައްވެސް ކުރިއަށް އެބަދެއެވެ. މި ފެއަރ ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ މިފަދަ ބޮޑެތި ފެއަރތަކާއި ރޯޑް ޝޯވ ތަކުގައި ރާއްޖެއިންދަނީ ބައިވެރިވަމުންނެވެ.