ކަނޑުއަޑީގައިފައި ފޮރުވާފައި ހުއްޓައި ފެނުނު ހަތިޔާރުތަކުގެތެރޭގައި ސިފައިންގެ ބަޑިގުދަނުގައި ހުރި ހަތިޔާރުތަކެއް ހިމެނޭކަން ކަށަވަރުކުރެވިއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.މިހަތިޔާރާއިބެހޭގޮތުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދެއްކެވި އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ ސިފައިންގެ ބަޑިގުދަނުގެ ދެހަތިޔާރުކަން ކަށަވަރުވެފައިވާ ދެ ހަތިޔާރަކީ އޭކޭ ފިފްޓީ ސިކްސްސީގެ ފުލް ސިސްޓަމާއި އެމްޕީ ފައިވްގެ މެޝިން ފިސްތޯލަކަމަށެވެ. މި ހަތިޔާރުތަކުގެތެރޭގައި އެމްއެންޑީއެފަށް ނިސްބަތްވާ ބައެއް ހަތިޔާރުތައް ހިމެނޭތީ ސިފައިންގެ ބަޑިގުދަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރެވިފައިވާ ކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މިހާރު އަޅާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.ސަލާމަތީ އޮފިޝަލުން ވިދާޅުވީ ސަލާމަތީ ބާރުތަކުން ބަލައި ފާސްކުރި ބ. ހިބަޅިދޫއިން ނާއިބް ރައީސް އަހުމަދު އަދީބާއި ގުޅުން ހުރި މީހަކަށް ނިސްބަތްވާ ޓީޝާޓެއް ފެނިފައިވާކަމަށެވެ. ހިބަޅިދޫ ރިސޯޓެއްގެގޮތުގައި ތަރައްގީކުރުމަށް ދީފައިވާ ކުންފުނީގެ އެއް ޝެއަރހޯލްޑަރ ކަމަށްވާ މުހައްމަދު އައްލާމް ލަތީފަކީވެސް ނާއިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ ފަރާތެއްކަމަށާއި ހަތިޔާރާއި އޭނާއާއި ގުޅުމެއް އޮތްކަން ތުހުމަތުކުރެވެމުންދާކަން ފުލުހުންގެ ތަރުޖަމާން އަބްދުﷲ ނަވާޒު ވިދާޅުވިއެވެ. މުހައްމަދު އައްލާމް ލަތީފް މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އޭނާ ރާއްޖެގެނެވޭނެކަމަށް ވަރަށް ބޮޑަށް ބަލަމުންދާކަމަށް އަބްދުﷲ ނަވާޒު ވިދާޅުވިއެވެ.އެމްއެންޑީއެފުން ބުނީ ރާއްޖެއެތެރެކުރި ހަވާ ކޮންޓެއިނަރ އެތެރެކޮށްފައިވަނީ ކަނޑުމަގުންކަމަށެވެ. ހަވާކޮންޓެއިނަރއާއި ހަތިޔާރު އެތެރެކުރުމުގެ ކަންކަން ހިނގާފައިވާ ގޮތް ވަރަށް ސީރިއަސް މައްސަލައެއްގެގޮތުގައި ތަހްގީގުކުރެވެމުންދާކަމަށް ނަވާޒު ވިދާޅުވިއެވެ. ނަވާޒު ވިދާޅުވީ ހަތިޔާރުތަކެއް ފެނިފައިވީނަމަވެސް އެއީ މުޅި ރާއްޖެއަށް އެކަމުގެ ބިރުވެރިކަމެއް އޮތްކަމެއް ނޫންކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ބަލަންޖެހޭ ދިމަދިމާތައް ފުލުހުން ބަލަމުންދާނެކަމަށާއި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.