ޑރ.ޙަސަން ޙަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ނެރެދެއްވައިފިއެވެ.
މި ފޮތަކީ، އިނގިރޭސި ބަސްތައް އޭގެމާނައާއެކު ދިވެހި ބަހަށް ތަރުޖަމާކޮށް ލިޔުއްވާފައިވާ 120،000 ބަހުގެ ތަރުޖަމާއެކެވެ. މި ފޮތުގައި 1992 ސަފުޙާ އެކުލެވިގެންވެއެވެ.
އެގޮތުން އިނގިރޭސި ބަހާއި، އޭގެ ދިވެހި މާނަކުރުމާއި ބަސް ބޭނުންކުރެވޭނެ ޙާލަތްތަކުގައި ބަސް ބޭނުންކުރާނެ ގޮތާއި މިސާލުވެސް ވަނީ ހިމަނާފައެވެ.
ފޮތް ނެރުއްވައިދެއްވާ ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވީ، މި ފޮތަކީ ދިވެހި ބަހަށާއި ޢިލްމީ ރޮނގުން ކޮށްދެއްވި ވަރަށް އަގުހުރި، ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ރައީސް މައުމޫނު ވަނީ، މި ދާއިރާއިން ޑރ.ޙަސަން ޙަމީދު ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
"ޢިލްމުވެރިއަކަށް ނޫނީ މިފަދަ ބޮޑު މަސައްކަތެއް ނުކުރެވޭނެ. އެތަށް ވަގުތެއް ހޭދަކޮށް، އެތައް ދިރާސާއެއްކޮށް ކުރި ވަރަށް އަގުހުރި މަސައްކަތެއް މިއީ." ރައީސް މައުމޫން ވިދާޅުވިއެވެ.
ޙަސަން ހަމީދު ވިދާޅުވީ، ފޮތުގައި ހިމަނާފައިވާ ކޮންމެ ބަހަކާއި ލަފުޒެއް ހިމަނާފައިވާނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. ފޮތް ހެދުމުގެ މަސައްކަތުގައި 2 އަހަރު ދުވަހު ޕާޓްޓައިމްކޮށް، އަދި 6 އަހަރު ފުލް ޓައިމްކޮށް މަސައްކަތް ކުރައްވާފައިވެއެވެ.
"ފޮތް ނެރުމުގެ ކުރިން، ކަމާ ގުޅޭ ފަންނީ ބޭފުޅުން މެދުވެރިކޮށް ފޮތުގެ ކުށް ހޯދުމުގެ މަސައްކަތްވެސް ކޮށްފަވާނީ. މި ފޮތަކީ 8 އަހަރު ދުވަހުގެ މަސައްކަތެއް." ޑރ.ހަސަން ޙަމީދު ވިދާޅުވިއެވެ.
ޑރ.ޙަސަން ޙަމީދަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާއެވެެ. އެމަނިކުފާނުވަނީ، ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ފޮތް ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ޔުނިވަރސިޓީ ދަރިވަރުންނާއި އަދި ޑރ.ޙަސަން ޙަމީދުގެ އާއިލާއާއި ރަޙްމަތްތެރިން ބައިވެރިވިއެވެ.
ފޮތް ތައްޔާރު ކުރައްވާފައިވަނީ، ދިވެހި ޑިކްޝަނަރީއެއް ސިފަވާގޮތަށެވެ. ބަރުދަނުގައި 2.1 ކިލޯ ހުންނަ މި ފޮތަކީ، ރާއްޖޭގައި މިހާތަނަށް ނެރެފައިވާ އެންމެ ބޮޑު ފޮތެވެ. މި ފޮތުގައި 1992 ޞަފުޙާ ހިމެނެއެވެ.
މި ފޮތަކީ ދަރިވަރުންނާއި، މުދައްރިސުންނާއި، ދިރާސާ ކުރާ މީހުން އަދި ބަހަށް ޝައުޤުވެރިވާ މީހުންނަށްވެސް ގިނަ މަޢުލޫމާތުތަކެއް ލިބޭނެ ފޮތެކެވެ.