ޚަބަރު

މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެންނަނީ


  • 2030 ވަނަ އަހަރާ ހަމައަށް މި ބަދަލުތައް ގެނައުމަކީ އަމާޒެއް

  • މިއީ މީގެ ކުރިން އައި ހުރިހާ ގަވަރުނަރުންގެ ވެސް އަމާޒެއް

2030 ވަނަ އަހަރު އަންނައިރު މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ އަމާޒެއްކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. ރާއްޖޭގައި ޑޮލަރުން ބައިވަރު މާލީ މުއާމަލާތް ކުރާ ކަމަށާއި އެއެމްއޭއިން ބޭނުންވަނީ 2030 ވަނަ އަހަރާ ހަމައަށް މި ބަދަލުތައް ގެނައުން ކަމަށް މުނައްވަރު ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ ރާއްޖެ ވާން ޖެހޭނީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތްތަކެއް ހިންގާ ގައުމަކަށް ކަމަށާއި އެއީ މީގެ ކުރިން އައި ހުރިހާ ގަވަރުނަރުންގެ ވެސް އަމާޒެއް ކަމަށެވެ.

"މުސާރަތައް ވެސް މިހާރު އެ ދެއްވަނީ މިސާލަކަށް ޓީއެމްްއޭއިން ބެލިކަމުގައި ވިޔަސް އެގޮތަށް ރިސޯޓުތަކަށް ބެލިކަމުގައިވިޔަސް ޑޮލަރުން އިނގޭތޯ އެހެންވީމާ މި ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންްޑު އިތުރުވެގެންދާނީ" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަަށް ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބޭރު ފައިސާއިން ދައްކާ ކަމަށާއި އެއީ ވެސް ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ %40 މަތީގައިކަމަށް މުނައްވަރު ވިދާޅުވިއެވެ.

"މެކްރޯ ބަދަލުތަކެއް ވެސް ގެންނަން ޖެހޭނެ. އެގޮތަށް ބަޖެޓުގެ ސިޔާސަތަށް ވެސް ސްޓެބިލައިޒޭޝަނަށް އަންނަން ޖެހޭނެ. އަޅުގަނޑުމެންގެ ވިޝަންއަކީ ރާއްޖޭގައި އޮންނަން ޖެހޭނީ މެނޭޖްޑް-ފްލޯޓެއް ކަހަލަ ގޮތަކަށޭ. މެނޭޖްޑް ފްލޯޓަކަށް ދާއިރު ވެސް އެމްއެމްއޭގެ ރިޒާވެއް ހުންނަން ޖެހޭ" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

މީގެއިތުރުން މުނައްވަރު ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ %20 މާރުކުރަން އޮތް އޮތުން %40 އަށް ބަދަލުކުރަން ބޭރު ފައިސާގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ބޭރު ފައިސާގެ ގާނޫނަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރެއިން ކޮންމެ 3 މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން 1 މަސް ދުވަހަށް ބަދަލުކުރުމަށް ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޑޮލަރުން ލިބޭ އާމްދަނީ ހޭދަކުރާ ގޮތް މޮނިޓަރކުރެވޭނެ ގޮތެއް ހެދުމަށް ނިންމާފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މިފަހުން ސަރުކާރުން ވަނީ ބޭރު ފައިސާގެ ގާނޫނުގައި އޮތް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ދީފައިވާ އިޚުތިޔާރު އުވާލައި އާމްދަނީގެ %20 އެކަނި މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން %100 ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކުރުމާއި ޤާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައިވާ ގޮތުގައި ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.