އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވާކަމުގެ ޝަކުވާއަށް ހައްލުތަކެއް ހޯދުމަށް މިއަހަރު މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ ޙިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މަބްރޫކް ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިއަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާނެ އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކުރަން. ޕެކޭޖެއް ނަގާފައި ވަކި ސްޕީޑެއްގައި ލިބޭނެކަމަށް ބުނެފައި އެ މާ އަވަހަށް ޕެކޭޖް ހުސްވާ މައްސަލަ އެއީ އޮތް ވަރަށް ބޮޑު ޝަކުވާއެއް. އަދި އެ ސްޕީޑު ދެމެހެއްޓިފައި ނުހުންނަކަންވެސް ފާހަގަވޭ. ވަކިގޮތަކަށް ނަގާ ޕެކޭޖެއްގައި ބުނެފައި އޮންނަގޮތަކަށް އެ ސްޕީޑު ދެމެހެއްޓިފައި ނުހުންނަކަމުގެ ޝަކުވާ. މިއީ އަވަސް ހައްލެއް ގެންނަންޖެހޭކަމެއްގެ ގޮތުގައި ވިސްނައިގެން މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ" މަބްރޫކް ވިދާޅުވިއެވެ.
އިންޓަރނެޓްގެ ޙިދުމަތް އަގުހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ރިޔާސީ ވަޢުދަކަށްވާއިރު، މިކަން ހަޤީޤަތަކަށް ހެދުމަށްޓަކާ ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް 2 އަހަރެއްގެ ތެރޭ އެކަން ކުރެވިގެންދިއުމަކީ އަމާޒެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޓަރނެޓް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ސައިބަރ ސޭފްޓީ ޕްރޮގްރާމެއް ދާދިފަހުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ވަނީ އިފްތިތާޙްކޮށްފައެވެ. މި ޕްރޮގްރާމުގެ ތެރެއިން އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ދަރިވަރުންނާއި، ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.