ޤައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު ބަލާ މިންގަނޑުން ބަލާނަމަ ރާއްޖެ މިވަގުތު އޮތީ ހައިރިސްކު ޙާލަތުގައިކަމަށް، ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. މިޙާލަތު ރަނގަޅުކުރުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މުހިންމުކަން ޑރ.ޝީނާ ފާހަގަކުރެއްވިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގެ މިހާރު މިއޮތީ ކޯވިޑް-19ގެ ހައިރިސްކް ޤައުމެއްގެ ގޮތުގައި ބަލާ ޙާލަތުގައިކަމަށެވެ. އެގޮތުން ފަހަކަށްއައިސް ރާއްޖޭގައި ކޮންމެ ދުވަހަކު ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް އިތުރުވަމުން ދަނީ އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެވެސް މަތީ މިންވަރަކަށްކަން ޑރ.ޝީނާ ވިދާޅުވިއެވެ.
ޑރ.ޝީނާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ މިހާރު ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ކޯވިޑް-19ގެ އާބާވަތުގެ ވައިރަސްގެ ސަބަބުން ބަލި ޖެހިފައިވާ މީހުންކަމަށް ލަފާކުރެއްވޭ ކަމަށެވެ. ވައިރަހުގެ މި އާ ބާވަތް ފެތުރިގެންދާ އެހެން ޤައުމުތަކުގައިވެސް ކޯވިޑް-19ފެތުރުން ކުރިއަށްވުރެ އަވަސްވެގެން ދިޔަކަން ފާހަގަކުރައްވައި ޑރ.ޝީނާ ވިދާޅުވީ ރާއްޖެއިންވެސް މިވަގުތު ފެންނަމުންދަނީ ވައިރަހުގެ އާ ބާވަތާއެކު އެހެން ޤައުމުތަކުންވެސް ފެނިގެންދިޔަފަދަ ޙާލަތެއްކަމަށެވެ.
ވައިރަހުގެ އާ ބާވަތަކީ ކުރީގެ ބާވަތަށްވުރެ ފެތުރޭލެއް އަވަސް ބާވަތެއްކަމަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ފެންނަން އޮތްކަން ފާހަގަކުރައްވައި ޑރ.ޝީނާ ވަނީ މިޙާލަތުގައި ބަލީގެ ޙާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށެވެ.
ކޯވިޑް-19ގެ ކޭސްތައް އިތުރުވެ ޙާލަތު ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާ މިދަނޑިވަޅުގައި އެޗްޕީއޭއިން އަންގަވާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް ޑރ.ޝީނާ އިލްތިމާސްކުރެއްވިއެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް ދަށްކުރެވި ޙާލަތު ވަރަށްބޮޑަށް ރަނގަޅުވުމަށްފަހު މިދިޔަ ޑިސެމްބަރު މަހުންފެށިގެން އަނެއްކާވެސް މިވަނީ ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައެވެ. އެގޮތުން 5 މަސްދުވަހަށްފަހު އެއްދުވަހެއްގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދު 200އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެންމެފަހުން 200އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހު 255 މީހުން ޕޮޒިޓިވް ވެފައިވެއެވެ.