ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުތަކުން ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށް ފެތުރެމުންދާ ވާހަކަތައް ޔަމަނުގެ ޙޫޘީންގެ މެރިޓައިމް ކޯރޑިނޭޝަން އިދާރާއިން ދޮގުކޮށްފިއެވެ.
ޔަމަނުގެ ހޫޘީންގެ ބެލުމުގެ ދަށުން ހިންގާ މެރިޓައިމް ކޯރޑިނޭޝަން އިދާރާއިން ބުނީ، ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އާންމު ވިޔަފާރި އުޅަނދުފަހަރުތަކުން ފީއެއް ނެގަން ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެ ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރުން އަދިވެސް އޮތީ މުޅިން ހިލޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ބަޔާން ނެރެފައިވަނީ، އީރާނާ ގުޅުންހުރި ހޫޘީން އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް ވިސްނަމުންދާ ކަމަށް ސަރަޙައްދީ މަޞްދަރުތަކާ ޙަވާލާދީ ރޮޔިޓާރސްއިން ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ފީ ނެގުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވަނީ ޖުލައި މަހު ޙޫޘީންގެ މަސްއޫލުވެރިންގެ ވަފުދަކާ ތެހެރާނަށް ކުރި ޒިޔާރަތެއްގައި އީރާނުގެ މަސްއޫލުވެރިންނާއެކުގައެވެ. ނަމަވެސް އެކަން ޢަމަލީގޮތުން ފަށާނެ ވަކި ތާރީޚެއް ނިންމާފައި ނުވާކަމަށް އެ ރިޕޯޓުގައިވެއެވެ.
ޙޫޘީންގެ ބެލުމުގެ ދަށުން ހިންގާ ހިއުމަނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރު (އެޗް.އޯ.ސީ.ސީ)އިން ބުނީ، އެ ފަރާތުން ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމަކީ އަމިއްލައަށް އިސްނަގައިގެން، މުޅިން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއް ކަމުގައެވެ.
ބާބުލް މްނަދަބު ކަނޑުއޮޅިން ދަތުރުކުރުމުގެ ބަދަލުގައި އެއްވެސް ފައިސާއެއް ހޯދުމަށް އެދޭ އެއްވެސް ފަރުދަކު ނުވަތަ ޖަމާޢަތަކީ ޔަމަނު ނުވަތަ އެޗް.އޯ.ސީ.ސީ ތަމްސީލުކުރާ ފަރާތެއް ނޫންކަމަށް އެޗް.އޯ.ސީ.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އިދާރާއިން އިތުރަށް ވަނީ، ހުއްދަ ނެތް އެއްވެސް ފަރާތަކަށް ނުވަތަ ޖަމާޢަތަކަށް އެއްވެސް ފައިސާއެއް ނުދެއްކުމަށާއި، އަދި އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމަށް ކައްޕިންނާއި ދަތުރުފަތުރުކުރާ ކުންފުނިތަކަށް އިލްތިމާސްކޮށްފައެވެ.