ޚަބަރު

ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރު - ޑރ ނަޒްލާ


ކޯވިޑް ވެކްސިން މާދަމާ ދޭން ފަށާއިރު ވެކްސިނާއި ގުޅިގެން ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރަށް އޮތްކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެސެންޓަރުގެ ތަރުޖާމާނު ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަތާ ދުވެސްކޮޅެއް ވެފައިވާކަމަށެވެ.

ވެކްސިނާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެޗްއީއޯސީ ތަރުޖަމާނު އަދި ޤައުމީ ވެކެސިން ޕްރޮގްރާމުގެ ހެޑް ޑރ ނަޒްލާ ރަފީގު ވިދާޅުވީ މާދަމާ ރާއްޖޭގައި ހަތަނެއްގައި ވެކްސިން ޖަހަން ފަށާނެކަމަށެވެ.

މާދަމާ ވެކްސިން ޖަހާ މަރުކަޒުތައް

- އައިޖީއެމްއެޗް
- އޭޑީކޭ
- ހުޅުމާލެ ހޮސްޕިޓަލް
- ވިލިމާލެ ހޮސްޕިޓަލް
- ސެނެހިޔާ
- ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް
- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

ޑރ ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފަށާއިރު ވެކްސިން ދޭ ހުރިހާ މަރުކަޒެއް ތައްޔާރުކުރެވިފައި ހުންނާނީ ދިމާވެދާނެ ކޮންމެ ހާލަތަކަށް ވަގުތުން ހިދުމަތް ދެވޭގޮތަށްކަމަށެވެ. ނަޒްލާ ވިދާޅުވީ ވެކްސިނުން ލިބޭ ފުރިހަމަ ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންކަމަށާއި ވެކްސިން ޖެހިކަމުގައި ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި އަޅަންޖެހޭނެކަމަށެވެ.

ވެކްސިން ޖެހުމާއި ގުޅޭ މުހިއްމު މައުޅުމާތުތައް ހިއްސާކުރައްވަމުން ޑރ ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާ މަރުކަޒުތައް ހުންނާނީ ވަކިގޮތަކަށް ތައްޔާރުކުރެވިފައިކަމަށެވެ. މިގޮތުން ކޮންމެ މީހަކުވެސް ވެކްސިން ޖެހުމަށްފަހު 15 މިނެޓްވަންދެން ވެކްސިން ޖެހިތަނުގައި މަޑުކުރަންޖެހޭނެކަމެޥެ.

" ވެކްސިން ސެންޓަރުތައް ހުންނާނީ އެކި ބައިބަޔަށް ބަހާފައި، ފުރަތަމަ ވަންނައއިރުވެސް ހުން ބެލުމާއި ސިމްޓަމްސްތައް ހުރިތޯ ބެލުން އޮންނާނެ. އެއަށްފަހު ރެޖިސްޓްރޭޝަންގައި ވެކްސިނާއި ބެހޭ މައުލޫމާތު ކަރުދާހެއް ދެވޭނެ، ސުވާލުތަކެއް ކުރެވިފައި ރެޖިސްޓްރޭޝަން ފުރިހަމަކުރެވޭނީ. ވެކްސިން ޖެހުމަށްފަހު ކޮންމެ މީހަކުވެސް 15 މިނެޓް ވަންދެން ވެކްސިން ޖެހިތަނުގައި މަޑުކުރަންޖެހޭނެ. އެއީ ވެކްސިން ޖެހުމަށްފަހު އެއްވެސް ކަހަލަ ރިއެކްޝަނެއް އާދޭތޯ ބެލުމަށް. އެއްވެސްކަމަށް އެލާޖީއެއް ހުންނަ މީހެއްނަމަ 30 މިނެޓް ވަންދެން މަޑުކޮށް ބަލަމުން ގެންދާނަން." ޑރ ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައިވާ މީހެއް ނަމަ ވެކްސިން ޖަހަން ދާއިރު އެ ލިޔުންތައް ގެނައުމަށް ޑރ ނަޒްލާ އެދިވަޑައިގަތެވެ. އަދި މީގެކުރިން ވެކްސިނެއް ޖަހާފައިވާނަމަ ދެ ވެކްސިން ދެމެދު ވަކި މުއްދަތެއް ހަމަކުރަންޖެހޭނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

" ބަލި ޖެހިފައި ރަނގަޅުވެފައި ހުރި މީހަކު ވެކްސިން ޖަހަން ޖެހޭނެތޯ މީ އަންނަ ސުވާލެއް. ބަލިޖެހިފައި ޖެހުނުތާ 28 ދުވަސްވެފައި ހުރި ނަމަ ވެކްސިން ޖެހޭނެ. ކޯވިޑް ވެކެސްިން ޖެހުމާއި އެހެން ވެކްސިނެއް ޖެހުމާއި ދެމެދު މަދުވެގެން 14 ދުވަސް ހުންނަން ވާނެ. މިސާލަކަށް އިންފުލުއެންޒާ ވެކްސިން ޖަހާފައިހުރި ނަމަ އޭގެ 14 ދުވަސްފަހުން މި ވެކްސިން ޖެހޭނީ. ކޯވިޑަށް ފަހު އެހެން ވެކްސިނެއްވެސް ޖަހަންވާނީ އޭގެ 14 ދުވަސްފަހުން." ޑރ ނަޒްލާ ރަފީގު ވިދާޅުވިއެވެ.

މާދަމާ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ސިއްހީ ދާއިރާގެ ފްރަންޓްލައިން ގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ސޯޝަލް ކެއަރގެ ޕްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް އަވަހަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި ވެކްސިން ދިނުމަށް 560 ވުރެ ގިނަ މީހުން ތަމްރީނުކޮށްފައިވާކަންވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.