މާލޭގެ މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާއި ނުލާ ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައެވެ. މިގޮތުން ދަންވަރު ބާރައިން ފަތިހު ހަތަރަކަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. އަދި ސައި ހޮޓާ ކެފޭ ރެސްޓޯރަންޓްތައްވެސް ރޭގަނޑު 11:30 ގައި ބަންދުކުރަން ވަނީ އަންގާފައެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފައި މިވަނީ ކޯވިޑް ކޭސްތައް އިތުރުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް 100 މަތީގައި ހުންނަތާ 3 ދުވަސްފަހުންނެވެ. މާލޭ ސަރަހައްދުން ކޭސްތައް ފެންނަ އަދަދު ސަތޭކައިން މައްޗަށް އަރާފައިވާއިރު އިއްޔެވެސް މާލޭ ސަރަހައްދުން 112 މީހަކުވަނީ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.
ފުލުހުން ވިދާޅުވީ މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ތަންފީޒުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާނެކަމަށެވެ. އަދި މާލޭ މަގުތަކުގައި މާސްކު ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާއި ނުލާ ޖޫރިމަނާކުރާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް ކޭސްތައް ފެނުމުން އިއުލާންކުރި ފުރަބަންދަށްފަހު ދިން ލުއިތަކާއިއެކު ބޭރުގައި އުޅޭއިރު މާސްކު އެޅުންވަނީ މަޖްބޫރުކޮށްފައެވެ. އެހެންނަމަވެސް މިހާރު މިކަމަށް ސަމާލުކަންދޭ މީހުން މަދުކަން މަގުތަކަށް ބަލާލުމުން ފެނެއެވެ. މާސްކު ނަޅާ މީހުން މީގެކުރިން ޖޫރިމަނާކުރަމުން އައީ 1000 ރުފިޔާއިންނެވެ.
އަލަށް އެޅި ފިޔަވަޅުތަކާއި އެކު މާލޭ ސަރަހައްދުގައި އެއްވުންތަކާއި ޕާޓީތަކާއި ހަފްލާތައްވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި ފަތުރުވެރިން ފިޔަވާ ރާއްޖެއަށް އެތެރެެވާ ހުރިހާ މީހުންވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވުމަށްވެސް ވަނީ އަންގާފައެވެ.
ކޯވިޑް ކޭސްތަކުގައި އަދަދު 100 އިން މައްޗަށް އަރާފައި މިވަނީ އެ އަދަދުތައް ވިއްސަށްވުރެއްވެސް ތިރި އަށް ޖެހިފައި ހުރުމަށްފަހުއެވެ. އަދި ކުރިން އަތޮޅުތެރެއިން ކޭސްތައް ފެނުނު އަދަދު މަދުނަމަވެސް ފަހަކަށް އައިސް ރަށްރަށުންވެސް ގިނަ ކޭސްތައް އަންނަނީ ފެންނަމުންނެވެ. މިގޮތުން މިވަގުތުވެސް ބައެއް ކޭސްތަކާއި ގުޅިގެން ހަތަރު ރަށެއްވަނީ މޮނީޓަރިންނަށް ލާފައެވެ.
ފާތުން
ސުކޫލުތައް ބަންދުކޮއްފަ އޮންލައިން ކުލާސްތަށް އަލުން ފަށާބަލަ. މަގޭ ނޭވާހިއްލާ ދެކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވޭ. ހާލަތު ހުރިގޮތުން މިހާރު ވިލިމާލޭގަ ދިރިއުޅެން ޖެހިފަ ވާއިރު ރޯގާޖެހިފަ ތިބި މީހުންނާ ކުދިން ފެރީގަ ދަތުރު ކުރޭ. މޮނިޓަރިންނަށް ލާފަ ތިބޭ ގޭގޭގެ މީހުން ކަރަންޓީނުގަ ނުތިބެ މުޅި ރަށުގަ އެނބުރެނީ. މީހުން މަދު، ކުޑަ ތަނަކަށް ވީމަ އިނގެނީ. މާލޭގަ މަށަށް ޔަގީން މީހުން މިޔަށްވުރެ ބަސްނާހާ މީހުން ގިނަވާނެ.