ޚަބަރު

މަރެސްކާގެ ކޯޗު ކަމުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ މެޗުން ބަލި


  • މިމެޗު އިންޓަރ ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 3 ލަނޑު އެއް ލަނޑުން

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގެ، އާ ކޯޗު އެންޒޯ މަރެސްކާގެ ކޯޗުކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާއަށް މިހާރު ޓުއަރ ކުރަމުންދާ ސިޓީން ހޮންގ ކޮންގގައި އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާނާއި ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3 ލަނޑު އެއް ލަނޑުން ކުރި ހޯދީ އިންޓަރއެވެ.

ދެޓީމުގެ މެދުގައި ކުޅުނު ރަހްމަތްތެރިކަމުގެ މިމެޗުގެ ފުރަަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސިޓީންނެވެ. މިލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިިޔާބު ކޮށްދިނީ ފޯވަޑް ޑިވިން މުބާމާއެވެ. މިމެޗުގައި އިންޓަރއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑްއެވެ. މިމެޗު އިންޓަރއިން ވަރަށް ފޯރިއާއެކު ފަށާ މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސް ކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިމެޗުގައި ސިޓީއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. މިމެޗުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ސިޓީން އެންމެ ފުރަތަމަ ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗުގައި އިންޓަރ އާއި ސިޓީގެވެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ވޯލްޑް ކަޕަށްފަހު އަދިވެސް ބައެއް ކުޅުންތެރިން ޗުއްޓީގައި ތިބުމާއެކު މިދެޓީމުންވެސް އާސީޒަނަށް ތައްޔާރުވަމުންދަނީ އެކުޅުންތެރިންނާއި ނުލާ ޒުވާން ކުޅުންތެރިންނާއެކުއެވެ.