ޚަބަރު

ތިލަފުށީގެ މުޅި ފަޅު، ހިއްކުމުގެ މަޝްރޫޢެއް ފަށަނީ


މާލެއަތޮޅު ތިލަފުށީ ފަޅުން މިހާތަނަށް ނުހިއްކާ އޮތް ސަރަޙައްދު ހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަން ބޭނުންވާ ދިރާސާގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ. މި މަސައްކަތުގައި ތިލަފުށީ ފަޅުން ޖުމްލަ 138 ހެކްޓަރު ހިއްކުމަށްވަނީ ޕްލޭންކޮށްފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރުވަނީ ތިލަފުށީ ފަޅު ހިއްކުމާގުޅޭ ކުރެހުންތައް ތައްޔާރުކުރުމާއި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

މާލެ ކައިރީ ބޮޑު ފަޅެއްގެ ގޮތުގައި އޮތް ތިލަފަޅު، ފުރަތަމަ ފަހަރަށް ހިއްކާފައިވަނީ 1991ވަނަ އަހަރުއެވެ. އެއީ މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ނަމަވެސް ފަހުން ތިލަފުށީ މައިގަނޑު ގޮތެއްގައި ބޭނުންކުރަންފެށީ ސިނާޢީ މަސައްކަތްތައް ހިންގާ ރަށެއްގެ ގޮތުގައެވެ.

މީގެއިތުރުން ކުނި މެނޭޖްކުރުމުގެ އިތުރަށް، ފިޔަފާރިތަކަށް ގުދަން ކުރުމަށް ބިން ދޫކުރުމާއި، އެކި ވިޔަފާރިތަކުން ޢަމަލީ މަސައްކަތްކުރުމަށްވެސް ގިނަ ބިންތަކެއް ދޫކޮށްފައިވެއެވެ.

2016ވަނަ އަހަރު ތިލަފުށީ އިންޑަސްޓްރިއަލް ޒޯންގެ ނަމުގައި 22ހެކްޓަރުގެ ސަރަޙައްދެއްވަނީ ހިއްކާފައެވެ. މި ސަރަޙައްދާ ތިލަފުށިން ފުރަތަމަ ހިއްކި ސަރަޙާއްދު ގުޅާލާފައިވަނީ ކޯޒްވޭއަކުންނެވެ. އިންޑަސްޓްރިއަލް ޒޯން ބޭނުންކުރަނީ ވިޔަފާރިތަކުން ގުދަންކުރުމުގެ މަސައްކަތްކުރުމަށެވެ.

ތިލަފަޅުގެ ބާކީ އޮތް ބައި ހިއްކުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް އެޗްޑީސީން މިހާރު މިވަނީ ފަށާފައެވެ. މި މަސައްކަތް ނިމޭއިރު މުޅި ތިލަފަޅު އެއްކޮށް ހިއްކާނެއެވެ.

މިބުރުގައި ފަޅު ހިއްކުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މީގެތެރޭގައި ހިމެނެނީ 75.9 ހެކްޓަރުގެ ސަރަޙައްދަކާއި 33.6 ހެކްޓަރުގެ ސަރަޙައްދަކާއި 28.5 ހެކްޓްރުގެ ސަރަހައްދެކެވެ. ތިލަފުށީ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 138ހެކްޓަރު ހިމެނެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ތިލަފުއްޓަކީ އިޤްތިޞާދީ ގޮތުން މުހިންމު ރަށެކެވެ. އަދި ސަރުކާރުގެ ސިޔާސަތަކީވެސް، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖާއެކު ތިލަފުށި އިޤްތިޞާދީ މައި ހަބަކަށް ހެދުމެވެ.