ބ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޗްރޫޢުގެ މަސައްކަތުގެ ދަށުން އެރަށުގައި އަޅާ ހޮޅި ނެޓްވޯކުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިންމުމަށްވަނީ ތާވަލްކޮށްފައެވެ.
މި މަޝްރޫޢުގެ ހޮޅި ވަޅުލުން ނުވަތަ ހޮޅި ނެޓްވޯކްގެ މަސައްކަތް ފެށުމުގެގޮތުން ބ.ގޮއިދޫގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާވަފައެވެ. މަސައްކަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދާއި އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަޙްމަދު މަޢުސޫމާއި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހެވެ. މިރަސްމިއްޔާތުގައި އެރަށު ކައުންސިލާއި ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫޢުގެ ދަށުން އެއަތޮޅު ގޮއިދޫގައި 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރާނެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ވިދާޅުވީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް މެދުނުކެނޑި ދިނުމަށްކަމަށެވެ. އަދި މިމަސައްކަތަށް ބާރުދިނުމަށް މަޖިލީހުގެ ތެރެއިންވެސް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުން މިހާރު ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުންގެ ފުރިހަމަ ޚިޔާލާއެކު ނިންމާ ނިންމުންތަކެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރުޢޫތައްވެސް ކުރިއަށްގެންދަނީ އެރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދައި ރައްޔިތުން ބޭނުންވާގޮތަށް ކަމަށެވެ.
"ރައްޔިތުންނާ ގުޅޭ ކޮންމެ ނިންމުމެއް ނިންމަނީ ޢާއްމުންގެ ޚިޔާލާއެކު މަޖިލީސް މެންބަރުންގެ ޚިޔާލާއެކު. އަދި ކަމާގުޅޭ ދާއިރާތަކުގެ ލަފާ ފުރިހަމައަށް ހޯދާ. 4 ގަޑިއިރުން ކަންކަން ނިންމަނީއެއްނޫން. ފުރިހަމަ ލަފާޔާއި ޚިޔާލާއެކު މަސައްކަތް ކުރަނީ". ހަސަން އަޙްމަދު ވިދާޅުވިއެވެ.
ގޮއިދޫގެ ފެނާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. މިހާރު ދަނީ އެރަށުގައި ފެން ޕްލާންޓް ބަހައްޓާ ޢިމާރާތުގެ މަސައްކަތް ކުރަމުންނެވެ. ފެނާ ނަރުދަމާގެ މަޝްރޫޢުއާއެކު އެރަށުގައި ބޯފެން ރައްކާކުރާ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ.
"ޢަމަލީ މަސައްކަތް ނުފެށި ގިނަ ދުވަސް އެބަވޭ، ޑިޒަންއާއި އަދި އީއައިއޭ ހެދުންފަދަ މަސައްކަތްތައް ނިންމުމަށް. ކޯވިޑްގެ ޙާލަތުގައިވެސް ބޮޑު މަޑުޖެހުމެއް އައި. ނަމަވެސް މިހާރު އަޅުގަނޑުމެން މަސައްކަތްކުރަނީ ކަނޑައެޅިފައިވާގޮތަށް މިއަހަރުގެ ޖޫންގައި މަސައްކަތް ނިންމުމަށް." ޙަސަން ޝާހް ވިދާޅުވިއެވެ.
ގޮއިދޫގެ އާބާދީގައި އަށް ސަތޭކައަށްވުރެ ގިނަ މީހުން ހިމެނެއެވެ. ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ވިދާޅުވީ ނަރުދަމާ ނިޒާމެއް ނެތުމުން، ގޭގެގެ ފޫޓުތެރޭ ނަޖިސް ޖަންގްޝަން ހަދަންޖެހުމުގެ ސަބަބުން، ގެތަކުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ.
"ކުދިކުދި ގޯތިތަކުގައި ގިނަ އާއިލާތައް އެބައުޅޭ. ކޮންމެ އާއިލާއަކުން ޖަންގްޝާން ހެދީމަ ދެން ނޯވޭ ކޮޓަރިއެއް އަޅާނެ ތަންކޮޅެއް. ޖަންގްޝަން އަޅާ ސަރަޙައްދަކީ އިތުރު މަސައްކަތެއް ކުރެވޭ ތަނެއްނޫން." ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ވިދާޅުވިއެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 46މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓްގައި ގޮއިދޫގެ 153ގެއަށް ނެޓްވޯކް ގުޅުމަށްވަނީ ހަމަޖެހިފައެވެ.