މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން އިތުރު މަގުތަކުގެ މަސައްކަތް ފަށައިފިއެވެ.
މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން އަލަށް މަސައްކަތް ފަށާފައިވަނީ މާފަންނު ފުލޫނިއާ މަގާއި މުނިއާމަގުގައެވެ.
މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ މަސައްކަތް ކުރިއަށްގެންދިޔަ ކަނބާއައިސާ ރަނި ހިނގުމުގެ މަސައްކަތް ނިންމައި، މިހާރު ވަނީ އެމަގާ ގުޅޭ ފުލޫނިއާ މަގާއި މުނިއާ މަގުގައި މަސައްކަތް ފަށާފައެވެ.
ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ސެކްޝަންގެ މެނޭޖަރ، އަލީ ހުމާމް ވިދާޅުވީ މުނިއާ މަގުގެ ގާތައް ނަގައި ކޭބަލް ޓްރޭތައް ބެހެއްޓުމަށްފަހު، މަގުގެ ޕޭމަންޓްގެ މަސައްކަތް ކުރަން ފަށާފައެވެ. އަދި ފުލޫނިއާ މަގުގެ ގާތަށް ނެގުމުގެ މަސައްކަތްކަތާއިއެކު އެމަގުގެ އިތުރު މަސައްކަތްތައްވެސް ފަށާފައިވާކަމަށް އޭނާ ވިދާޅުުވިއެވެ.
"ފުރަތަމަ މި ދެމަގުގެވެސް ބްލޮކް1 މި ނިންމަނީ. ފަހަރަކު ބްލޮކެއް ގެންދާނީ. މި ދެ މަގުގެ މި ބައި ނިންމައި ދެން ފަށާނީ ޝަހީދު އަލީ ހިނގުމުގެ މަސައްކަތް. މިހާރު މަސައްކަތްފަށާފައިވާ ބްލޮކްތަކުގެ މަސައްކަތް މިމަހުގެ 20ގެ ކުރިން ނިންމާނަން." އަލީ ހުމާމް ވިދާޅުވިއެވެ.
ހުމާމް ވިދާޅުވީ މަގުތައް ހެދުމުގައި އެންމެ ދަތިކަމެއްގެ ގޮތުގައި ދިމާވަނީ މަގުތަކުގައި އެއްވެސް ތަރުތީބެއް ނެތި ޔޫޓިލިޓީ ކޭބަލްއާއި ހޮޅިތައް އަޅާފައިވުންކަމަށެވެ. ނަމަވެސް މިހާރުގެ ފަރުމާއާއި އެއްގޮތަށް މަގުގެ މަސައްކަތް ނިމޭއިރު، މި މައްސަލައަށްވެސް ބޮޑު ޙައްލެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކޯވިޑާއި ގުޅިގެން މަގުގެ މަސައްކަތަށް މަޑުޖެހުމެއް އައި. ނަމަވެސް އަލުން މަސައްކަތް ފަށައިގަނެ މިހާރު ހުއްޓުމެއް ނައިސް ކުރިއަށްދަނީ. މިގޮތަށް ދަންޏާ 2023ގެ ކުރިން ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތެއް ނިމޭނެ." އަލީ ހުމާމް ވިދާޅުވިއެވެ.
އާރްޑީސީން ވިދާޅުވީ މާލޭގެ އިތުރު ސަރަޙައްދުގައި މަސައްކަތްތައް ފެށުމުގެ މަޝްވަރާތައްވެސް ސިޓީ ކައުންސިލާއެކު ކުރިއަށްދާކަމަށެވެ.
މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ 416 މަގު ހެދުމަށް ވަނީ ނިންމާފައެވެ.