ފުވައްމުލައް ސިޓީގެ ވަށަމަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިމަސައްކަތް ކުރިއަށް ގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އިންނެވެ.
ފުވައްމުލަކަކީ އަބަދުވެސް މަގުތަކުގެ މައްސަލަ ބޮޑު ރަށެކެވެ. އަޑިގުޑަންވުމާއި ވިއްސާރައިގެ ސަބަބުން މަގުތައް ޗަކަވުމަކީ އަބަދުވެސް ރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެވެ. މިމައްސަލައަށް ޙައްލުހޯދުމަށް އެރަށުގައި ފުރަތަމަ ފެށީ ރަށުގެ ވަށަމަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ.
ނަމަވެސް މަސައްކަތް ހުއްޓި ދިގުމުއްދަތެއް ވެފައިވަނިކޮށް އެމްޓީސީއާ ޙަވާލުކޮށްގެން އެމަސައްކަތް އަލުން ފަށާފައިވަނީ 2019ވަނަ އަހަރުގެ ޖޫންމަހުއެވެ. އެގޮތުން ތާރުއަޅައިގެން 20650އަކަ މީޓަރުގެ ސަރަޙައްދެއްވަނީ ތަރައްޤީކޮށްފައެވެ. އަދި ފައިމަގުގައި ހިނގޭގޮތަށް 2950މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށްފައިވެއެވެ. މީގެއިތުރަށް ޕޭމަންޓް ގައު އެތުރުމާ، މަގުބައްތި ހަރުކުރުމާ މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތެއް ނިންމައި މިހާރުވަނީ އާއްމުންނަށް މަގު ބޭނުންކުރަން ހުޅުވާލާފައެވެ. މި މަަޝްރޫޢަށް ސަރުކާރުންވަނީ 37.19މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ފުވައްމުލަކު މަގުތައް ހެދުމުގެ މަޝްރޫޢުގެދަށުން މިހާރު ކުރިއަށްދަނީ އެރަށުގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ. މިއީ ފުވައްމުލަކުގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްވެސް ކުރިއަށްގެންދަނީ އެމްޓީސީންނެވެ.
އެތެރޭގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގައި، އެރަށުގެ 31މަގު ހެދުމަށްވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ މަސައްކަތް ފަށައި، ސައިޓުގައި މަސައްކަތްތައްދަނީ ކުރިއަށެވެ.
އެތެރޭގެ މަގުތައް ހެދުމުގައި ބަލާފައިވަނީ ރަށުގައި އާއްމުކޮށް ބޭނުންކުރާ މުހިންމު ބޮޑެތި މަގުތަކަށެވެ. އެގޮތުން ހޮސްޕިޓަލާއި، ސްކޫލާއި އަދި ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އެތަންތަނަށް ދެވޭނެ މަގުތަކަށް ބަލައިގެން، މަގުތައް ހަމަޖައްސާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ފެންހިންދާ ނިޒާމުވެސް ހިމެނޭހެންނެވެ.
މި މަސައްކަތް މި ފަށާ 2021ވަނަ އަހަރުގެ ނިޔަލަކަށް ނިންމުމަށް އެމްޓީސީއިންދަނީ މަސައްކަތްކުރަމުންނެވެ.