ކުޅިވަރު

ރިޒޭގެ ލަނޑުން ކުލަބް އީގަލްސް ބަލިނުވެ ދަ ގްރާންޑޭ އަތުން ސަލާމަތްވެއްޖެ


ފަހުވަގުތު ޖެހި ލަނޑުން ކުލަބް އީގަލްސް ބަލިނުވެ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން ސަލާމަތްވެއްޖެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ވާދަކުރި މެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗަށް ނިކުތުމުގެ ކުރިން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒްވަނީ މިއީ ލީގް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް މުހިންމު މެޗްއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިދިޔަ އަހަރުގެ ލީގް ޗެންޕިއަން މާޒިޔާ ބަލިކޮށް ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރުމަށްފަހު، ކުލަބް އީގަލްސްއަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލީގްގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެޓީމަށްވަނީ މޮޅެއް ހޯދޭގޮޮތް ނުވެފައެވެ. މިމެޗްގައިވެސް ކުލަބް އީގަލްސްއިން ދައްކަމުންދާ ކުޅުން ތަކުރާރު ކުރެވޭގޮތްވަނީ ނުވެފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ދަ ގްރާންޑޭއިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ކުލަބް އީގަލްސްއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މިގޮތުން އެންމެ ގިނަ ފުރުސަތު ލިބުނީ ހަސަން ރާއިފް އަހުމަދު (ހަންނަ)އަށެވެ. ހަންނަގެ ގިނަ ހަމަލާތަކަށް ދިޔައީ ގޯލާއި ސިދާނުވެ ބޭރަށެވެ.

އަނިޔާއިން ރަގަނޅުވެގެން ކުޅެންނިކުތް ކުލަބް އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަހުމަދު ރިޒުވާންއަށްވެސް ގޯލް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފްއެކޭ އެއްގޮތަށް ކުލަބް އީގަލްސްއިން ދިޔައި ދަ ގްރާންޑޭގެ ގޯލްއަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ދެވަނަ ހާފްގައި ދަ ގްރާންޑޭއަށް ލިބުނު ފުރަތަމަ ހަމަލާއކު އެޓީމްވަނީ މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މެޗުގެ 58ވަނަ މިނެޓްގައި ދަ ގްރާންޑޭގެ ސަހާއު ނެގި ކޯނަރެއް ގޯލަށް ވަދެފައިވަނީ ކުލަބު އީގަލްސްގެ ކީޕަރު މިލާންގެ އަތުގައި ޖެހިފައެވެ. މިލަނޑަށްފަހު ކުލަބު އީގަލްސްއިންވަނީ ނުރައްކާތެރި ދެތިން ހަމަލާއްއް ފޮނުވާލާފައެވެ. މެޗުއިން ކުލަބް އީގަލްސް ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 86ވަނަ މިނެޓްގައި އަހުމަދު ރިޒްވާންއެވެ.