ދުނިޔެ

ވައިރަހުގެ އައު ވައްތަރު ވެކްސިނަށް ގުޑާތޯ ބަލަނީ


އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ އައު ވައްތަރާއި ދެކޮޅަށް ވެކްސިން މަސައްކަތްކުރޭތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. އެ ވައިރަހާއި ދެކޮޅަށް މަސައްކަތްކުރޭތޯ ބަލަނީ ފައިޒާ އާއި މޮޑާނާއިން ކޯވިޑް ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިނެވެ.

އިނގިރޭސިވިލާތުގައި ވައިރަހުގެ އައު ވައްތަރެއް ފެތުރެމުންދާތީ އެޤައުމުގެ އަވަށްޓަރި ޤައުމުތައް ހިމެނޭ ގޮތަށް 40 ވުރެ ގިނަ ޤައުމުން ވަނީ އިންގިރޭސިވިލާތަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ވައިރަހުގެ އައު ބާވަތް ފެތުރޭ މިންވަރު ކުރިން ފެތުރެމުންދިޔަ ވައްތަރަށްވުރެ ހަލުވިކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ. ސައިންސްވެރިން ބެލި ބެލުމުން ބަދަލު އައިސްފައިވާ ވައިރަހުގެ ބާވަތް ފެތުރޭ މިންވަރު 70 އިންސައްތަ އިތުރެވެ. މިވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންގެ ޙާލު އިތުރަށް ގޯސްވާކަމުގެ ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ފައިޒާ އާއި މޮޑާނާއިންވެސް ބުނީ އެ ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުންކުރުމުން ވައިރަހުގެ އައު ބާވަތުންވެސް އިންސާނުން ރައްކާތެރިކޮށްދޭނެކަމަށް ޤަބޫލުކުރާކަމަށެވެ. އެކަން ޔަޤީންކުރުމަށް ތަހުލީލުތައް ފަށާފައިވާކަމަށާއި، އެ ތަހުލީލުތަކުގެ ނަތީޖާ ލިބުމަށް ދެތިން ހަފްތާ ނަގާނެކަމަށް އެކުންފުނިތަކުން ބުނެއެވެ.

މިހާރު ތައްޔާރުކޮށްފައިވާ ވެކްސިންތައް އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރާއި ދެކޮޅަށް ފުރިހަމައަށް މަސައްކަތް ނުކުރާނަމަ ވެކްސިނަށް ބަދަލުތަކެއް ގެންނަންޖެހޭނެއެވެ. މި މަސައްކަތަކީ އައު މަސައްކަތަކަށް ނުވާނެއެވެ. އިންފުލުއެންޒާ ވައިރަސްފަދަ ވައިރަސްތަކަކީ އަހަރުން އަހަރަށް ބަދަލު އަންނަ ވައިރަސްތަކަކަށް ވުމުން އަހަރަކު އެއްފަހަރު ސައިންސްވެރިން އަންނަނީ ވެކްސިންތަކަށް ބަދަލު ގެންނަމުންނެވެ.

ފައިޒާއާއި މޮޑާނާއިންވެސް ކޯވިޑާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމަށް ބޭނުންކޮށްފައިވަނީ މުޅިން އައު ޓެކްނޮލޮޖީއެކެވެ. އެގޮތުން ވެކްސިން ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވަނީ މެސެންޖަރ އާރުއެންއޭ ނުވަތަ އެމްއާރުއެންއޭ ކިޔާ ޓެކްނޮލޮޖީއެކެވެ.

އެހެން ވެކްސިންތައް އުފެއްދުމުގައި ބަލިކަށިވެފައިވާ ނުވަތަ މަރުވެފައިވާ ވައިރަސް ބޭނުންކުރި ނަމަވެސް މި ވެކްސިން ތައްޔާރުކުރުމުގައި އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފައިދާއަކީ، ވައިރަހަށް ބަދަލެއް އަންނަ ޙާލަތެއްގައި ބަދަލުކުރަންޖެހޭ ހަމައެކަނި މާއްދާއަކީ އެމްއާރުއެންއޭ އެ މައްދާއަށް ވުމެވެ.

އެމްއާރުއެންއޭއަށް ބަދަލުގެނެސް، ވައިރަހުގެ އައު ވައްތަރާއި ދެކޮޅަށް ވެކްސިން ބަދަލުކުރުމަށް ހޭދަވާނީ ގާތްގަނޑަކަށް ހަ ހަފުތާކަމަށް މާހިރުން ބުނެއެވެ. ނަމަވެސް ބަދަލުގެނެސްފައިވާ ވެކްސިން ބޭނުންކުރުމަށް ބޭނުންވާ ޙުއްދަތައް ހޯދުމަށް އެއަށްވުރެ މާ ގިނަ ދުވަސް ނަގާނެކަމަށް ބެލެވެއެވެ.