ޚަބަރު

ކާރިސާތަކާއި ގުޅޭގޮތުން ފުލުހުންނަށް ތަމްރީނު ދިނުމަށް މަޝްވަރާކޮށްފި


  • އެންޑީއެމްއޭގެ އިސްވެރިން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވާފައި

  • ދެ މުޢައްސާސާ ގުޅިގެން މަސައްކަތް ކުރެވޭނެ ދައިރާތަކާއި މެދު މަޝްވަރާކުރެވުނު

ފުލުހުންގެ ތަމްރީނުތަކުގައި، ކާރިސާތަކަށް އިޖާބަ ދިނުމާއި ގުޅޭ ބައިތައް ހިމެނުމާއި މެދު ދިވެހި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭއާއި ދެމެދު މަޝްވަރާކޮށްފިއެވެ.

ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކަށް އިޖާބަދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ދިވެހި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި ކާރިސާތަކުން ރައްކާތެރިވުމަށް މުޖުތަމައު ތައްޔާރުވުން އިތުރުކުރުމުގައި ފުލުހުންގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން، ކާރިސާތަކުގައި ފުރަތަމަ އެޓެންޑްވާ ފަރާތްތަކުގެ ގެ ގޮތުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަތުމަށާއި، ރަށްރަށުގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމުތައް އެކުލަވައިލުމުގައި ފުލުހުންގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.


ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންވެސް ވަނީ މި ބައްދަލުވުމުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކާރިސީ ހާލަތްތަކަށް އިޖާބަ ދިނުމުގައި ފުލުހުންގެ ޤާބިލްކަން އިތުރުކުރުމަށް، ފުލުހުންގެ ތަމްރީނުތަކުގައި މި ބައިތައް ހިމެނުމަށާއި، ކާރިސާތަކަށް އިޖާބަދިނުމުގައި ބޭނުންކުރާ ވަސީލަތްތައް ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މިމަސައްކަތް ކުރަމުންދަނީ، ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ރާއްޖޭގެ ތަޞައްވުރާއި އެއްގޮތަށް ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެންޑީއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން، ސެކްރެޓަރީ ޖެނެރަލް ސަފީނާޒް ޙަސަން، އިތުރުން އެ އޮތޯރިޓީގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.