ބ.އަތޮޅު ތުޅާދޫގައި ސަރުކާރުން ފަށާފައިވާ 100 ހައުސިގް ޔުނިޓްގެ މަސައްކަތުގެދަށުން ގެތަށް ރޭނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދަނީ ރާއްޖޭގައި ކުރިން ކުރިއަށްނުގެންދާ ތަފާތު ކޮންސެޕްޓަކަށެވެ.
ބ.ތުޅާދޫގެ ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ހައުސިންގ މިނިސްޓްރީން ވިދާޅުވީ 100 ގޭގެ ފައުންޑޭޝަން މަސައްކަތްތައް މުޅިން ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި މިހާރު ގެތަށް ރޭނުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.
ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފް ވިދާޅުވީ ތުޅާދޫ ހައުސިންގ މަޝްރޫޢުގެ ކޮންސްޓްރަލްޝަން މަސައްކަތްތައް ކުރިއަށްގެންދަނީ ކުރިން ރާއްޖޭގައި ކުރިއަށްނުގެންދާފަދަ ތަފާތު ކޮންސެޕްޓަކަށްކަމަށެވެ. އެގޮތުން ޢާއްމުކޮށް ކުރިއަށްގެންދާގޮތަށް ގެތައް ރޭނުމުގެ ބަދަލުގައި، ގެތަކުގެ ކޮންސްޓަރަކްޝަން ސްޓްރަކްޗަރ ހަދަނީ ތައްގަނޑުތަކެއް ބޭނުންކޮށްގެންކަމަށެވެ.
މިގޮތަށް ގެތަކުގެ މަސައްކަތް ގެންދަނީ މަޝްރޫޢުގެ މަސައްކަތްތައް އަވަހަށް ނިންމުމަށްކަމަށް ވިދާޅުވިއެވެ. މި ތައްގަނޑުތަކަކީ ރާއްޖެއިން ބޭރުން ފަރުމާކޮށްގެން ގެނެސްފައިވާ ތައްގަނޑުތަކެކެވެ.
ތުޅާދޫގެ ގެތަކުގެ ފައުންޑޭޝަން މަސައްކަތުގެ %90 މިހާރުވަނީ ނިމިފައެވެ. އަދި އެއް ގޭގެ ސްޓްރަކްޗަރގެ މަސައްކަތް މުޅިން ނިންމައި ތައްގަނޑުތައް ބޭނުންކޮށްގެން ހަދާ ދެވަނަ ގޭގެ މަސައްކަތްވަނީ ފަށާފައެވެ.
މިނިސްޓްރީން ވިދާޅުވީ މަސައްކަތަށް މަޑުޖެހުމެއް ނައިސް ކުރިއަށްދާނަމަ، ގެތަކުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައް އަންނަ އަހަރގެ މެދެއްހައި ހިސާބަށް މުޅިން ނިންމާނެކަމަށެވެ. އަދި އެއަށްފަހު އިންޓީރިއާ މަސައްކަތްތައް ފަށާނެކަމަށެވެެ.
ގެތައް އިމާރާތްކުރުމާގުޅޭ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފަހު ކުއާޓާގައި މުޅިން ނިންމާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މިގެތަށް ހަދަނީ ރޯ ހައުސްތަކެއްގެ ގޮތުގައެވެ. ކޮންމެ ގެއެއް ހެދުމަށް ހަމަޖެހިފައިވަނީ 1100 އަކަފޫޓުގެ ބިމެއްގައެވެ. ތުޅާދޫގައި އަލަށް ފެށި ޕްރޮޖެކްޓްގައި އަޅާ ހުރިހާ ގެތަކަކީވެސް 3ކޮޓަރީގެ ގެތަކެވެ. 3ކޮޓަރިއާއި 3 ފާޚާނަ އާއި ސިޓިންގ ރޫމާއި ބަދިގެ އަދި ސްޓޯރޫމާއި ލޯންޑްރީ ރޫމްވެސް މިގެތަކުގައި ހިމެނެއެވެ.
ހައުސިންގ މިނިސްޓްރިއިން ވިދާޅުވީ ގެތައް ދޫކޮށް، ރައްޔިތުންނަށް ދިރިއުޅެން ފެށޭވަރުވާނީ 2022ވަނަ އަހަރުގެ ކުރީކޮޅުގައިކަމަށެވެ.
ތުޅާދޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެގޮތުން ކުރިން ހުލުވާލި ބައެއް ހައުސިންގ މަޝްރޫޢުތަކަށް 700އެއްހައި މީހުން ފޯމު ހުށައެޅިކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ. އެރަށަކީ އާބާދީގައި 3000އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.