ހުޅުމާލޭގައި އިތުރު 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއްގެ މަސައްކަތް، އަމިއްލަ ކުންފުންޏަކުން މިމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މި މަޝްރޫޢަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިގްސްއިން ހުށައެޅި ހުށަހެޅުމަށް ކުރިއަށްގެންދިއުމަށް ހުއްދަ ދީފައިވާ މަޝްރޫޢެއްކަމަށެވެ.
1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ. ސުހައިލު އަޙުމަދު ވިދާޅުވި މިހާރު ކުރަމުންދަނީ ޕްރޮޖެކްޓްގެ ޑީޓެއިލް ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތްކަމަށެވެ.
"އަމިއްލަ ކުންފުނީގެ އަމިއްލަ ފައިނޭންސްގައި ކުރިއަށްދާނީ. މީގެތެރޭގައި އެބަ ހިމެނޭ ކައުންސިލް ހައުސިންގ، އެފޯޑަބަލް ހައުސިންގ އަދި މިޑް ރޭންޖްގެ ހައުސިންގ. މަސައްކަތް ނިމުމުން ކައުންސިލް ހައުސިންގް ރޭންޖްގެ ފްލެޓްތައް ސަރުކާރުން ގަންނަގޮތަށް." ސުޙައިލު އަޙުމަދު ވިދާޅުވިއެވެ.
ސުޙައިލް ވިދާޅުވީ އަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު ތައްޔާރުވެފައިވާކަމަށެވެ. މިކަމަށްޓަކައި އެޗްޑީސީން ކުރަންޖެހޭ މަސައްކަތްތަކާއި، ދޭންޖެހޭ އެއްބާރުލުން ދެމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެކި ޒޯންތަކަށް ބަހާލައިގެންކަމަށް ސުހައިލު ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ބިންތައް ހަމަޖައްސައި، ލިޔެކިޔުންތައް އެޕްރޫވްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ އޮގަސްޓުމަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަންވަނީ ގުޅިފަޅާއި ހުޅުމާލޭގައި 10،000އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންއަންނަކަމަށް ވިދާޅުވެފައެވެ.
މީގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކެވެ. ހުޅުމާލޭގައި މިހާރުވެސްދަނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.