ޚަބަރު

ކުރިން އެންގުމަކާއި ނުލައި އެއްވެވޭގޮތަށް ހުށައެޅި އިޞްލާހު ފާހެއްނުވި


މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ފިޔަވައި ހުރިހާ ތަނަކަށްވެސް އެއްވެވޭގޮތަށް ޤާނޫނަށް ހުށައެޅި އިޞްލާހު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށައެޅުވި އިޞްލާހު ކޮމިޓީން ދިރާސާކޮށް ނިންމިއިރު ވަނީ މާލޭގެ ގްރީން ޒޯން ފިޔަވައި އެހެންތަންނަށް ކުރިން އެންގުމަކާނުލާ އެއްވެވޭގޮތަށް ބަދަލުގެނެސްފައެވެ. މި އިޞްލާހު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ވަނީ ތަޅުމުގައި ބައެއް އިޞްލާޙުތައް ހުށައަޅާފައެވެ.

އެގޮތުން ކުރިން އެންގުމަކާ ނުލާ ބާއްވާ ކުއްލި އެއްވުމަށްކަމަށް އެއްވެވޭނީ ޤައުމުގައި ދިމާވާ ކުއްލިކަމާއިގުޅިގެން ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު ހިމެނޭކަމަކަށްވާނަ އެކަމެއް ހިނގާތާ 48 ގަޑިއިރު ނުވަނީސް ކަމަށް ތަޅުމުގައި އިޞްލާހު ހުށައެޅިއެވެ. އަދި ކުއްލި އެއްވުން އެއީ ގާނޫނާއި ހިލާފް އެއްވުމެއްނަމަ ފުލުހުން ހުއްޓުވަން ވާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ގެކޮޅުގެ އިންފާރުން ފެށިގެން 300 ފޫޓު ހިމެނޭ ސަރަހައްދަށް އެއްނުވެވޭނެކަމަށްވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން އިޞްލާޙު ހުށައެޅިއެވެ. އަދި އެއިޞްލާހުތައް މަޖިލީހުން ފާސްވެ އެ އިޞްލާހުތަކާއެކު މުޅި ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން ވަނީ ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

މި ބިލު ފާސްކުރުމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް 25 މެންބަރުން ވޯޓް ދެއްވިއެވެ. މިބިލް އަނބުރާ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.