ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެކަމުގެ ގެއްލުން ތިމާއާއި ތިމާގެ ވަށައިގެންވާ އެންމެނަށް ލިބޭ ނުރައްކާތެރިކަމެކެވެ. ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރަނީ އެކަމުގެ ގެއްލުން ކުރާ މިންވަރުގެ އަންދާޒާ ނުކުރެވޭ ހާލުގައެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ސަބަބުން ނުވަތަ އޭނާ ދޫކޮށްލާ ދުމުގެ އަސަރުކުރާ އެންމެން ނުރައްކަލަށް ހުށަހެޅެއެވެ. ޔޫ.އެސް ސެންޓަރސް އޮފް ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ހާމަކޮށްފައިވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދޫކޮށްލާ ދުމުގެ އަސަރުކުރާ ބޮޑެތި މީހުންނަށް ހިތުގެ ލޭހޮޅިތައް ބެދިގެން ދިމާވާ ހިތުގެ އެކި ބަލިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ދުމުގެ އަސަރުކުރާ އަންހެނުން ވިހާ ކުދިންގެ ބަރުދަން ލުއިވުމުގެ ފުރުސަތުއޮވެއެވެ.
ތުއްތުކުދިންނަށް ދިމާވާ ނުރައްކަލުގެ ތެރޭގައި ނޭވާލާ ނިޒާމުގެ އެކި ބަލިތަކާއި، ކަންފަތުގެ އިންފެކްޝަންތަކާއި، ނޭވާ ހިއްލުން ފަދަ ކަންކަމަށް މަގުފަހިވެއެވެ. އަދި އެއް އަހަރުން ދަށުގެ ކުދިން ކުއްލިއަކަށް މަރުވުންފަދަ ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅެއެވެ.
ސީޑީސީން ހާމަކުރައްވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހާ ދޫކޮށްލާ ދުމަށް ހުށަހެޅިގެންދާ މީހުންގެ އެތެރެހަށީގެ އެކި ގުނަވަންތައް، ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ގުނަވަންތައް ދުޅަވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހަކު ހުރި ކޮފީއެއްގައި ނުވަތަ އެނޫންވެސް އެތަނެއްގައި ގަޑިއިރެއް ހޭދަކޮށްފިނަމަ، ދުންފަތުގެ އިސްތިއުމާލުނުކުރި ނަމަވެސް އެދުމުގެ އަސަރުކުރި މީހުންގެ އެތެރެހަށީގެ ގުނަވަންތަކަށް ކުރިމަތިކުރުވާ ދުޅަކަން ގާތްގަނޑަކަށް 3 ގަޑިއިރެއްހާއިރު ދެމިގެންދާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަމަވެސް ދުމަށް ހުށައެޅޭ މީހުންގެ ތެރެއިން ދުޅަހެޔޮކޮށް ތިބޭކަމަށް ދައްކާ މީހުންގެ ތެރެއިން އެމެރިކާގައި އެކަނިވެސް އަހަރަކު 34000 އަށްވުރެ ގިނަ މީހުން މަރުވާކަންވަނީ ދިރާސާތަކުން ހާމަވެފައެވެ.
ދުންފަތުގެ އިސްތިއުމާލުނުކުރިނަމަވެސް ދުމަށް ހުށައެޅޭ މީހުންގެ ތެރެއިން 25 އިންސައްތައާއި 30 އިންސައްތަ މީހުން ހިތުގެ އެކި ބަލިތަކަށް ހުށައެޅޭކަމަށްވަނީ ހާމަވެފައެވެ. ދުމުގެ ސަބަބުން ހިތުގެ ހިނގުމަށް ބުރުއަރާ، ހާޓްއެޓޭކް ޖެހުމަށް މަގުފަހިކުރުވައެވެ. އެހެންކަމުން ހިތުގެ އެއްވެސް މައްސަލައެއް ހުންނަ މީހެއްނަމަ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދޫކޮށްލާ ދުމަށް ހުށައެޅުމަކީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެއްކަމަށް ސީޑީސީން ވިދާޅުވެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޙާލަތު ވަޒަން ކުރުމަށް މާބޮޑެތި ދިރާސާތަކެއް މިހާތަނަށް ކުރެވިފައިނުވެއެވެ. އެހެންނަމަވެސް ކުއްލި މަރުތައް އިތުރުވުން، ވަކިން ޚާއްސަކޮށް ދުޅަހެޔޮކަމަށް ދައްކާ ޒުވާނުންގެ ކުއްލި މަރުތައް ގިނަވުމަކީ ދޭތެރެދޭތެރެއިން އެކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އިތުރުވާކަމެކެވެ. އެހެންނަމަވެސް ފަރުދީގޮތުން މިނުރައްކަލާ މެދު ވިސްނަންޖެހޭވަރަށް އާންމުންގެމެދުގައި ކަންބޮޑުވުން އެބައޮތްތޯ އެއީ އުފެދޭ ސުވާލެކެވެ. އެގޮތަށް ސުވާލު އުފެދޭ ސަބަބުތައް މަގުތަކުން އާންމުކޮށް ފެނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރަމުން ތިމާގެ ދަރިން ނުވަތަ ކާފަ ދަރިން އަތުގައި ހިފައިގެންދާ މަންޒަރު ނުފެނޭތޯއެވެ. މާބަނޑު އަންހެނުން އަތުގައި ހިފައިގެންދާއިރު ދުންފަތުގެ އިސްތިއުމާލުކުރަމުންދާ މަންޒަރު ނުފެނޭހެއްޔެވެ. ސިނގިރޭޓު ބަޑު އެއްލާލުމަށްފަހު ތުއްތު ދަރިފުޅު އުރާލާ މަންޒަރު ނުފެނޭ ހެއްޔެވެ؟ މިއީ ކުޑަކަމެއްގެ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ޤަބޫލުކުރިނަމަވެސް، ތިމާގެ ސަބަބުން ހަލާކަށް ވައްޓާ މިލެވެނީ ތިމާގެ އަމިއްލަ ޢާއިލާއެވެ.