އެއް މިލިޔަން ގަސް ޕްރޮގްރާމަކީ ރާއްޖޭގެ ފެހިކަން އިތުރުކުރުމަށާއި، ރާއްޖެއިން ނެތެމުންދާ އަދި ނުރައްކަލަށް ހުށަހެޅިފައިވާ ގަސްގަހާގެހި އަލުން އާލާކޮށް، ގޮނޑުދޮށް ރައްކާތެރިކޮށް، ރައްޔިތުންނާއި ދައުލަތުގެ ވިޔަފާރިތައް އަދި ޒާތީ ޕާޓްނަރުން ބައިވެރިކޮށްގެން، ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ގަސް އިންދުމުގެ ޕްރޮގްރާމެވެ.
5 މިލިޔަން ގަސް ޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 5 ޖޫން 2024 ގައި ލޮނުޒިޔާރަތް ޕާކުގައެވެ. މި މަޝްރޫޢުގެ ދަށުން، 90 ބާވަތުގެ ގަސް ހިމެނޭނެހެން، ޖުމުލަ 5,859,394 ގަސް އިންދުމަށް ވަނީ ވައުދުވެފައެވެ.
5 މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1.8 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާއިރު މިއީ މި މަޝްރޫޢުގެ %37 މަސައްކަތެވެ. މި ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާ، މެވާ އަޅާ ގަސް، ބަގީޗާ ގަސް، ހިޔާ ދޭ ބިޔަ ގަސްތައް އަދި ބޭސްވެރިކަމަށް ބޭނުންކުރާ ބާވަތްތަކުގެ ގަސް އިންދާނެއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1.8 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާއިރު މިއީ މި މަޝްރޫޢުގެ %37 މަސައްކަތެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 1,830,618 ގަސް އިންދާފައިވެއެވެ. އަދި މިއަހަރުތެރޭ 1 މިލިޔަން ގަސް އިންދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 6 ލައްކައަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެފައިވަނީ، ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި 1 މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒު މިއަހަރު ނިމުމުގެ ކުރިން ފުރިހަމައަށް ހާސިލްވާނެކަމަށެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ގަސް އިންދުމަށް ހުޅުމާލޭގައި 'ގްރީން ނާސަރީއެއް' ތަރައްޤީކުރުމުގެ މަސައްކަތް ފަށައި، އެ މަޝްރޫޢުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިއީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ގާއިމުކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެހެއްޓުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މިނާސަރީގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށެވެ. އަދި މި ނާސަރީން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ އިތުރު 20 ރަށެއްގައިވެސް ނާސަރީ އެޅުމަށް ނިންމާފައިވެއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ނާސަރީ އަޅާނެ ރަށްތައް ނިންމުމަށް ފުރަތަމަ ބެލީ 5000 އަކަފޫޓުގެ ބިމެއް އޮތް، ކޮންމެވެސް ވަރަކަށް ދަނޑުވެރިކަމާއި، ގަސްއިންދުމުގެ މަސައްކަތް ކުރަމުންދާ ރަށްރަށަށެވެ.
* ހދ. ނޮޅިވަރަން
* ކ. ހިންމަފުށި
* އދ. ދިއްދޫ
* ފ. ދަނރަބޫދޫ
* ދ. މީދޫ
* ލ. ފޮނަދޫ
* ލ. ހިތަދޫ
* ގދ. ވާދޫ
* ފުވައްމުލަށް ސިޓީ
* ސ. މީދޫ
* ހއ. ކެލާ
* ށ. މިލަންދޫ
* ނ. ކެނދިކުޅުދޫ
* ރ. އިންނަމާދޫ
* ބ. މާޅޮސް
* އއ. މަތިވެރި
* މ. މުލި
* ތ. ކިނބިދޫ
* ތިނަދޫ ސިޓީ
* ގއ. ދާންދޫ
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވީ، މި ނާސަރީތައް އެޅުމަށް ދީފައިވާ 5 ލައްކަ ރުފިޔާގެ އެހީއަކީ ހަމަ ޚާއްސަކޮށް މި ނާސަރީ ބިނާކުރުމަށް ދެވޭ ގްރާންޓެއް ކަމަށާއި، ކުރިއަށް އޮތް 7 މަސް ތެރޭގައި މި ނާސަރީތައް ނިންމާ އެޅުމަށް އަމާޒުހިފާފައި ވާކަމަށެވެ. މި ނާސަރީތަކުން އުފައްދާ ގަސްތައް ކައިރި އެހެން ސަރަހައްދުތަކަށް ގެންގޮސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 10 ރަށަކީ ފެށުމެއް ކަމަށާއި، ކުރިއަށްއޮތް ތަނުގައި މި ނާސަރީތައް އިތުރަށް ފުޅާކުރަމުން ދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމުކަމަށްވާއިރު، މި ޕްރޮގްރާމު ކުރިއަށްގެންދަނީ ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކުއެވެ. 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
* ރޯޒްވުޑް: 1,478,244 ގަސް (%25.2)
* އެޗްޑީސީ: 1,002,856 ގަސް (%17.1)
* އެމްއޭސީއެލް: 1,000,000 ގަސް (%17.1)
* އެމްޓީސީސީ: 1,000,000 ގަސް (%17.1)
* އެސްޑީއެމް ފާމް: 750,000 ގަސް (%12.8)
* ސްޓެލްކޯ: 500,000 ގަސް (%8.5)
މި ޕްރޮގްރާމުގެ މުޅި ޖުމްލަ އަމާޒަކީ 5,859,394 ގަސް އިންދުން ކަމަށްވާއިރު، މުޅި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި އިތުރަށް ދެން އިންދަންޖެހެނީ 4،028،776 ގަހެވެ. ރާއްޖޭގެ ފެހިކަން އިތުރުކުރުމުގެ އިތުރުން، ނެތެމުންދާ ގަސްގަހާގެހި އަލުން އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކުރެވޭ މި މަސައްކަތުގައި ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުންވެސް ލިބެމުންދެއެވެ. މި މަޝްރޫޢަކީ މުސްތަޤުބަލަށްވެސް މުހިންމު މަޝްރޫޢަކަށް ވާއިރު، މި މަޝްރޫޢު ނިމުމާއިއެކު މުޅި ރާއްޖެއަށް އޭގެ އެދެވޭ ތިމާވެށީގެ އަދި އިޤްތިޞާދީ ފައިދާ ލިބިގެންދާނެއެވެ.